Advertisement

ޑްރޯން އޮޕަރޭޝަންތައް ފެށުމަށް މާދަމާ ރޭ މާފަރުގައި ހާއްސަ ރަސްމިއްޔާތެއް

14 މާރިޗު 2024 - 15:43 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު: ޑްރޯން އޮޕަރޭޝަންތައް ފެށުމަށް މާދަމާ ރޭ މާފަރުގައި ހާއްސަ ރަސްމިއްޔާތެއް -- ފޮޓޯ: ރައީސް އޮފީސް


ޑްރޯން އޮޕަރޭޝަންތައް ފެށުމަށް މާދަމާ ރޭ މާފަރުގައި ހާއްސަ ރަސްމިއްޔާތެއް

14 މާރިޗު 2024 - 15:43 0

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ތުރުކީއިން ގަތް އަސްކަރީ ޑްރޯންތަކުގެ އޮޕަރޭޝަންތައް ފެށުމަށް މާދަމާ ރޭ ނ. މާފަރުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވާނެ އެވެ.

ތުރުކީއިން ގެނައި ޑްރޯންތައް މިހާރު ހުރީ މާފަރު އެއާޕޯޓުގަ އެވެ. އެ އުޅަނދުތަކުގެ ޓެސްޓު ފްލައިޓުތަކެއް އިއްޔެ ކުރިއަށް ގެންދިޔަ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ. ޑްރޯން އޮޕަރޭޝަނަށް ބޭނުންވާ ބޭސް މާފަރުގައި ހެދުމަށް އެ ރަށުގައި ހުންނަ މޯލްޑިވިއަންގެ އެއާކްރާފްޓު ހޭންގަރު ވެސް މިހާރު ވަނީ ސިފައިންނާ ހަވާލުކޮށްފަ އެވެ.

ތުރުކީގެ ކުންފުންޏަކުން ޑްރޯން ގަތުމަށް ސަރުކާރުން އެއްބަސްވީ ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު (569.8 މިލިއަން ރުފިޔާ) އެ ކަމަށް ހަމަޖައްސައިގެންނެވެ.

މާދަމާ ރޭ މި ޑްރޯންތަކުގެ އޮޕަރޭޝަންތައް ފަށާއިރު މި ޑްރޯންތައް ގެންނަން ހެދި އެއްބަސްވުމާއި އެއްބަސްވުމުގެ ދަށުން ގެނައި ޑްރޯންތަކުގެ ތަފުސީލު ދޭން ޑިފެންސް މިނިސްޓްރީން ދެކޮޅު ހަދައިފަ އެވެ.

މަތިންދާ ބޯޓު ޓްރެކް ކޮށް ސޯޝަލް މީޑިއާގައި އެ މައުލޫމާތު ހިއްސާ ކުރާ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ޑްރޯންތައް ހިފައިގެން ރާއްޖެ އައިސްފައިވަނީ ކިރްގިސްތާނުގެ 'ފްލައި ސްކައި އެއާލައިންސް' ގެ އުޅަނދެކެވެ.

އެ އުޅަނދު ތުރުކީގެ ތެކިރްދާއިން ފުރައިގެން މާފަރަށް ދަތުރުކޮށްފައިވާކަން ފްލައިޓް ރާޑަރު ގެ ވެބްސައިޓުން ދައްކަ އެވެ. ތެކިރްދާ އަކީ ތުރުކީގެ އެންމެ މަޝްއޫރު ޑްރޯން އުފައްދާ އެއް ކުންފުނި ކަމަށްވާ ބައިކާރު ބައިރަކްތާރު ކުންފުނީގެ ޑްރޯންތައް ޝިޕް ކުރާ މަރުކަޒު ހުންނަ ސިޓީ އެވެ. އެ ކުންފުންޏަކީ ތުރުކީގެ ސަރުކާރާއެކު ގާތުން މަސައްކަތް ކުރާ ކުންފުންޏެކެެވެ.

ސޯޝަލް މީޑިއާ ޕޯސްޓުތައް ބުނާގޮތުން ރާއްޖެއިން ގެނެސްފައިވަނީ ބައިކާރުގެ ޓީބީ2 ޑްރޯންތަކަކާއި އެ ޑްރޯންތަކަށް ބޭނުންވާ ވަސީލަތްތަކެކެވެ.

ބިންތަކާއި ދިވެހި ކަނޑުގެ ހާއްސަ ސަރަހައްދު ހުއްޓުމެއް ނެތި، 24 ގަޑިއިރު ބަލަހައްޓާނެ އަސްކަރީ ގާބިލުކަން ވަރަށް އަވަހަށް ހޯއްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަމުން ފެބްރުއަރީ 5، ގައި ވިދާޅުވެފަ އެވެ.

ކުރީ ސަރުކާރުން އިންޑިއާއިން އަސްކަރީ އެހީތެރިކަން ހޯދުމަށް ގެންގުޅުނު ސިޔާސަތު ބަދަލު ކުރުމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގަތް ރައީސް މުއިއްޒު، ވިދާޅުވީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް އަސްކަރީ ގާބިލުކަން އިތުރު ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، އެއްގަމާ، ކަނޑާ، ވައިގެ މަގުން ވެސް ގައުމު ދިފާއު ކުރެވޭނެ ޒަމާނީ ޢަސްކަރީ ގާބިލުކަން ރާއްޖޭގައި ވަރުގަދަ ކުރަން ޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ބިމާއި ކަނޑު ހިމެނޭހެން، ރާއްޖޭގެ 900،000 އަކަ ކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން ހޯދުން ކަން ފާހަގަ ކުރެއްވި އެވެ.

"....އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެން ދާނެ،" އެމަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ.