Advertisement

ފެބްރުއަރީ ނިންމާލީ ބަޖެޓު ސާޕްލަސްގައި، ތަރައްގީއަށް ކުރާ ހަރަދު ވަރަށް ބޮޑަށް މަދު

14 މާރިޗު 2024 - 15:54 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓްރީ: ޖެނުއަރީ ވެސް ނިންމާލީ ބަޖެޓު ސާޕްލަސްކޮށް -- އަދަދު ފައިލް ފޮޓޯ


ފެބްރުއަރީ ނިންމާލީ ބަޖެޓު ސާޕްލަސްގައި، ތަރައްގީއަށް ކުރާ ހަރަދު ވަރަށް ބޮޑަށް މަދު

14 މާރިޗު 2024 - 15:54 0

މި އަހަރުގެ ފެބްރުއަރީ މަސް ނިމުނުއިރު ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ ހަރަދުތައް ދަށްވެ، ވިދިވިދިގެން ދެވަނަ މަހުގައި ބަޖެޓު ސާޕްލަސް ވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ދައުލަތަށް ލިބޭ އާމްދަނީ އާއި ކުރާ ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި ފެބްރުއަރީގެ ނިޔަލަށް އާމްދަނީއަށް 6.5 ބިލިއަން ރުފިޔާ ލިބުނުއިރު ހަރަދުކުރީ 6.4 ބިލިއަން ރުފިޔާ އެވެ. އާމްދަނީގެ އިތުރުން ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ފައިނޭންސްކޮށްގެން ހޯދާފައިވެ އެވެ.

އެގޮތުން ޕްރައިމަރީ ބެލެންސް 559.7 މިލިއަން ރުފިޔާ ސާޕްލަސް ވެފައިވާއިރު، އޯވަރޯލް ބެލެންސް 15.7 މިލިއަން ރުފިޔާ ސާޕްލަސްވެފައިވެ އެވެ.

މިދިޔަ އަހަރާ މި އަހަރާ އަޅާބަލާއިރު، އާމްދަނީ 126.3 މިލިއަން ރުފިޔާ މަދެވެ. އަދި ހަރަދުތައް ކުރީ އަހަރަށް ވުރެ 1.7 ބިލިއަން ރުފިޔާ މަދެވެ. އަހަރުން އަހަރަށް ހަރަދުތަކުން މިހާ ބޮޑު ތަފާތެއް ފެންނަނީ ކެޕިޓަލް ހަރަދުތަކަށް ކުރާ ހަރަދު ވަރަށް ބޮޑަށް މަދުވެފައިވާތީ އެވެ.

ކެޕިޓަލް ހަރަދުތަކަށް ބަލާއިރު އުމްރާނީ ތަރައްގީއަށް ނުވަތަ އިންފްރާސްޓްރަކްޗާ އެސެޓްސްތަކަށް ހަރަދުކުރުން މަޑުޖެހިފައިވާ ކަމަށް އަދަދުތަކުން ދައްކަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 2.3 ބިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް މި އަހަރު ހަރަދުކުރީ 819 މިލިއަން ރުފިޔާ އެވެ. މިއީ 1.4 ބިލިއަން ރުފިޔާގެ ތަފާތެކެވެ.

ކެޕިޓަލް ހަރަދުތަކެކޭ އެއްގޮތަށް ރިކަރަންޓު ހަރަދުތަކުގެ ތެރެއިން އިދާރީ އަދި ހިނގުމުގެ ހަރަދުތައް ވެސް ކުރީ އަހަރަށް ވުރެ މަދެވެ. އެކަމަކު މުސާރައަށް ހިނގާ ހަރަދުތައް ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އިތުރެވެ.

ހަރަދުތައް މަދުވީއިރު، ސަރުކާރުން އަންނަނީ ހަރަދުތައް ކުޑަކުރަން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ މަހު ނެރުނު ފިނޭންސުން ނެރުނު މާލިއްޔަތާބެހޭ ސާކިއުލާއަކުން، އެ މިނިސްޓްރީގެ ހުއްދަ ނެތި 35،000ރ. އަށްވުރެ މަތިން އެއްވެސް ހަރަދެއް ނުކުރަން އިދާރާތަކަށް އަންގައިފައިވެ އެވެ.