Advertisement

ޔާމީނަށް ފިޔަވަޅު އަޅަން ކަރެކްޝަން ނުކުޅެދިފައި!

14 މާރިޗު 2024 - 13:20 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ޕީއެންއެފްގެ ކެމްޕެއިން ހަރަކާތަކަށް ޔާމީން ވަޑައިގަންނަވަނީ. އެމަނިކުފާނު މިވަގުތު ހުންނެވީ ރަށުބަންދުގައި --- ފޮޓޯ: މިރާން ނާޝިމް/އަދަދު


ޔާމީނަށް ފިޔަވަޅު އަޅަން ކަރެކްޝަން ނުކުޅެދިފައި!

14 މާރިޗު 2024 - 13:20 1

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ބަންދަށް ލުއި ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (ކަރެކްޝަންސް) އާއެކު އެކުލަވާލި އިގުރާރާ ތަކުރާރުކޮށް ހިލާފުވި ނަމަވެސް އެމަނިކުފާނާ ދެކޮޅަށް ފިޔަވަޅު އަޅަން އެ އިދާރާއިން ނުކުޅެދިއްޖެ އެވެ.

އިންތިހާބަށްފަހު ގެއަށް ބަދަލުކުރި ފަހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރިހަމަ ލުއި މިހާތަނަށް ޔާމީނަށް ދީފައި ނުވެ އެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ވެސް ދެއްކެވި އެވެ. އެކަމާ ގުޅިގެން ޔާމީނަށް ކަރެކްޝަނުން އިންޒާރު ވެސް ދިނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމްއާ ފެއަށް ޖެހިވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ. އެ ޕާޓީގެ އޮފީހުގައި ބާއްވާ ސިޔާސީ ޖަލްސާތަކުގައި ޔާމީން ގެންދެވީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ޕޯޑިއަމްގައި ވާހަކަ ނުދެއްކެވި ނަމަވެސް އެމަނިކުފާނުގެ ހިޔާލުތަކާއި ޝުއޫރުތަކާއި ދެކެވަޑައިގަންނަވާ ގޮތް އޯޑިއަންސްގައި އިންނަވައި ގެންދެވީ ފާޅުކުރައްވަމުންނެވެ. އެކަންކަމާ ގުޅިގެން ކަރެކްޝަނާ ސުވާލުކުރުމުން ބުނީ "މައްސަލަ ދަނީ ބަލަމުން" ކަމަށެވެ.

ފިޔަވަޅެއް ނާޅައި އުޅެނިކޮށް މާޗު 10, ގައި ޔާމީން ވަނީ މާލޭން ބޭރުގައި ފުރަތަމަ ފަހަރަށް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ. ޕީއެންއެފްގެ ތާއިދާއެކު ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރައްވާ އަހްމަދު ލަތީފްގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ.

ޔާމީން އެ ސަރަހައްދަށް ވަޑައިގަންނަވާތީ މަރުހަބާ ދެންނެވުމަށް އެ ޖަގަހަ ކައިރިއަށް ޖަމާވެ ތިބި ސަޕޯޓަރުންނާ ޔާމީން ސަލާމް ކުރައްވައި ވާހަކަ ދައްކަވާ ހެއްދެވި މަންޒަރު އެތަނުގައި ތިބި "އަދަދު" ގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

ޔާމީނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ނިންމާފައިވޭތޯ މިއަދު މި ނޫހުން ވަނީ ކަރެކްޝަންސްގައި އަހާފަ އެވެ. މިއަދު ވެސް އެ އިދާރާއިން ބުނީ "މައްސަލަ ދަނީ ބަލަމުން" އަދި "އިތުރު ކޮމެންޓެއް ނެތް" ކަމަށެވެ.

ބަންދަށް ލުއި ދިނުމަށް އެކުލަވާލި އިގުރާރުގެ ދަށުން ޔާމީންއަށް ހުއްދަ ދީފައި ވަނީ ޑޮކްޓަރީ ފަރުވާގެ އެކިއެކި ބޭނުންތަކަށާއި ކަސްރަތު ކުރުމުގެ އެކިއެކި ބޭނުންތަކުގެ އިތުރުން މުހިންމު އެކި ބޭނުންތަކަށް ގުރޭޓާ މާލެ ސަރަހައްދުގެ ކޮންމެ ތަނަކަށް ވެސް ކަރެކްޝަންސްއަށް އެންގުމަށްފަހު ދިއުމަށެވެ. އަދި މުހިންމު ކަންކަމުގައި ބައްދަލު ކުރަން ބޭނުންވާ މީހުންނާއި ކަރެކްޝަންސްއަށް އެންގުމަކާ ނުލައި ބައްދަލު ކުރުމުގެ ހުއްދަ ދީފައިވެ އެވެ.

ނަމަވެސް, އެ އިގުރާރުގައި ވެސް ފާހަގަކޮށްފައި ވާގޮތަށް ގާނޫނު އަސާސީގައި ގައިދީން ކުރުން މަނާކަމެއް ކުރުން ޔާމީނަކަށް ހުއްދައެއް ނުވާނެ އެވެ. އެހެންކަމުން ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ހުންނެވިއެއް ކަމަކު ސިޔާސީ ހަރަކާތްތަކުގައި ހަރަކާތްތެރިވުމަކީ ގާނޫނީ ކުށެކެވެ.