Advertisement

ވޮލީބޯލް އެސޯސިއޭޝަންގެ ކޮންގްރެސްގެ ނިންމުންތައް ސްޕޯޓްސް ކޮމިޝަނަރު ބަލައެއްނުގަތް

13 މާރިޗު 2024 - 17:23 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ވޮލީބޯލް އެސޯސިއޭޝަންގެ ކޮންގްރެސްގެ ނިންމުންތައް ސްޕޯޓްސް ކޮމިޝަނަރު ބަލައެއްނުގަތް

13 މާރިޗު 2024 - 17:23 1

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިދިޔަ ހޯމަ ދުވަހު ބޭއްވި އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ނިންމި ނިންމުންތައް ބަލައިނުގަންނަ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް، އެސޯސިއޭޝަނަށް އަންގައިފި އެވެ.

އެންމެ ފުރަތަމަ، މި މަހު 15 ގައި ބާއްވަން ނިންމި ވީއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ސްޕޯޓްސް ކޮމިޝަނަރު ތޮލާލް އަންގާފައިވަނިކޮށް އެކަން ކުރިއަށް ގެންދިޔަ އެވެ. އެ މަސައްކަތްތައް ކުރިއަށް ގެންގޮސް، ވީއޭއެމް އިން ވަނީ އިންތިހާބަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް އިއުލާނުކުރުމަށް ފަހު، އޭގެ ފަހުން، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، އިންތިހާބު މި މަހު 19 އަށް ލަސްކުރަން ފާސްކޮށްފަ އެވެ.

އެ ކޮންގްރެސްގައި ދެން ނިންމި ކަންތައްތަކަށް ބަލާއިރު، އެސޯސިއޭޝަންގެ ހިންގުން، އިންތިހާބަކާ ހަމައަށް ދަންދެން، ބީޗް ވޮލީބޯލް ކޮމިޝަންގެ ޗެއާމަން ކަމުން، އާ އަސާސީ ގަވާއިދުގެ ތެރެއިން، ބީޗްވޮލީބޯޅަ ނައިބު ރައީސަކަށް ބަދަލުވި، އަބްދުﷲ ނަޝީދު (އަބުޅޯ)އާ ހަވާލުކުރަން ވެސް ފާސްކުރި އެވެ.

މީގެ އިތުރުން ރޭގެ ކޮންގްރެސްގައި ވަނީ ވޮލީ އެސޯސިއޭޝަންގެ އިލެކްޓޯރަލް ކޮމިޓީ އާއި ލީގަލް ކޮމިޝަންގެ އިތުރުން އެޕީލްސް ކޮމިޝަން ވެސް ވަނީ ފާސްކޮށްފަ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި، ވޮލީ އެސޯސިއޭޝަނަށް ތޮލާލް، މިއަދު އަންގާފައިވަނީ، ކުޅިވަރު ގާނޫނުގައި ބުނެފައިވާ ގޮތަށް ވޮލީ އެސޯސިއޭޝަންގެ ކަންކަން ފުރިހަމަ ނުވާތީ، އެކަންކަން ކުރަން އިސްކަން ދިނުމަށެވެ.

އެ ގޮތުން، 2020، 2021، 2022 އަދި 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ ކަންކަން ފުރިހަމަކޮށް، ވޮލީގެ އިންތިހާބާ ގުޅޭގޮތުން، ސްޕޯޓްސް ކައުންސިލާއި އޮލިމްޕިކް ކޮމިޓީ ހިމެނޭގޮތަށް ވޮލީ ހިންގާ ކޮމިޓީއާ އެކު ބައްދަލުވުމެއް ބޭއްވެންދެން އިންތިހާބުގެ ކަންކަން ނުކުރަން ތޮލާލް ވަނީ އެސޯސިއޭޝަނަށް އަންގައިފަ އެވެ.

އެކަމަކު، އެ ގޮތަށް ތަކުރާރުކޮށް އަންގާފައިވަނިކޮށް، ވޮލީ އެސޯސިއޭޝަނުން ކޮންގްރެސް އެއް ބާއްވައި، އިންތިހާބާ ގުޅޭ ނިންމުންތަކެއް ނިންމާފައިވާއިރު، ތޮލާލް ވިދާޅުވީ، އެ ކޮންގްރެސްގެ ނިންމުންތައް ސްޕޯޓްސް ކޮމިޝަނުން "ބަލައިނުގަންނަ" ކަމަށެވެ.

އަދި ވޮލީ އެސޯސިއޭޝަނުން އެންމެ ފަހުން ފާސްކުރި، އެ ޖަމިއްޔާގެ ހިންގާ ގަވާއިދުގައިވާ ގޮތަށް ކަމަށް ބުނެ، އެސޯސިއޭޝަންގެ މަގާމުތަކަށް މެމްބަރުން ހިޖުރަ ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަން ވެސް ތޮލާލް ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ވެސް، ވޮލީބޯލް އެސޯސިއޭޝަނާ ގުޅޭ ގިނަ ޝަކުވާތަކެއް ކޮމިޝަނާ އޮފް ސްޕޯޓްސް އޮފީހަށް ލިބިފައިވާއިރު، އެ މައްސަލަތަކުގައި ހިމެނޭ ކަންކަން ސާފުކުރުމަށާއި ވޮލީގެ ކަންކަން ރަނގަޅުކުރުމަށް، މާދަމާ ވަނީ ބައްދަލުވުމެއް ތާވަލުކޮށްފަ އެވެ. އެއީ، ކޮމިޝަނާ އޮފް ސްޕޯޓްސް، ސްޕޯޓްސް ކައުންސިލް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ވޮލީގެ ހިންގާ ކޮމިޓީގެ މެދުގައި ކުރިއަށްދާ ބައްދަލުވުމެކެވެ.