13 މާރިޗު 2024 - 04:09 0
އާސެނަލްގެ ކީޕަރު ރާޔާ: އޭނާ ވަނީ ދެ ޕެނަލްޓީ ހުއްޓުވައިފައި.
13 މާރިޗު 2024 - 04:09 0
ލަންޑަން (މާޗް 13) - ޕެނަލްޓީ ޖަހައިގެން 4-2 އިން ޕޯޓޯ ބަލިކޮށް، އާސެނަލުން 14 އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
އާސެނަލުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެން، ކުއާޓާ ފައިނަލުގައި ކުޅެފައިވަނީ 2010 ވަނަ އަހަރު އެވެ. އެ ފަަހަރު ކުއާޓާ ފައިނަލުގައި ބާސެލޯނާ އަތުން އާސެނަލް ވަނީ ބަލިވެފަ އެވެ.
އާސެނަލުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު ހަ ފަހަރު ވެސް ކެޓީ ގަދަ 16 ބުރުންނެވެ. މިއީ، 2017 ވަނަ އަހަރުގެ ފަހުން އާސެނަލުން ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ ސީޒަނެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އާސެނަލްގެ އިތުރުން ޖާގަ ޔަގީންކުރީ ބާސެލޯނާ އިންނެވެ. ނަޕޯލީ ކަޓުވާލައި ކުއާޓާ އަށް ދަތުރުކުރި ބާސެލޯނާ އިން މި ބުރުގައި މި ކުޅެނީ، ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ.
ޕޯޓޯ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އެ ޓީމު މޮޅުވެފައި އޮތުމުން އާސެނަލުން މި މެޗަށް ނުކުތީ ނަތީޖާއެއް ނެރުން މަޖުބޫރު ކަމަށް ދެކިގެންނެވެ. އެ ގޮތުން، ފުރަތަމަ ހާފުގައި ލެއަންޑްރޯ ޓްރޮސާޑް ވަނީ 41 ވަަނަ މިނިޓްގައި ގޯލު ޖަހައިފަ އެެވެ. މިއީ، މި ފަހަރު ހުރިހާ މުބާރާތެއްގައި ޓްރޮސާޑް ޖެހި 11 ވަނަ ގޯލެވެ.
އިތުރު ގޯލެއް ޖަހައި، މެޗުން މޮޅުވާން ފުރުސަތު އޮތް އާސެނަލުން ވަނީ ދެ ވަނަ ހާފުގައި ގޯލެއް ޖަހައިފަ އެވެ. އެ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް ޖެހި ގޯލު ބަލައިނުގަތީ، އާސެނަލްގެ ކައި ހަވާޓްޒް ފައުލެއްކޮށް، ޕޯޓޯގެ ޑިފެންޑަރު، ޕެޕޭ އާއި ކީޕަރު ޖޮއާއޯ ކޮސްޓާ އަށް ހުރަސް އަޅާފައިވާތީ އެވެ.
އާސެނަލް 1-0 އިން ކުރީގައި އޮތްއިރު، އެގްރިގޭޓް އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އެ ގޮތުގައި، މެޗުގެ ފުރިހަަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމި ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނީ އެވެ.
ޕެނަލްޓީގައި އާސެނަލުން ފޮނުވާލި ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ، އޮޑެގާޑް، ހަވާޓްޒް، ބުކާޔޯ ސަކާ އަދި ޑެކްލަން ރައިސް އެވެ.
ޕޯޓޯ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ. މާކޯ ގްރުޔިޗް އާއި ޕެޕޭގެ ޕެނަލްޓީތައް ޕޯޓޯ އިން ކާމިޔާބުކުރި އެވެ. އެކަމަކު، އެ ޓީމުގެ ވެންޑެލް އާއި ގަލޭނޯ ޖެހި ޕެނަލްޓީތައް ކީޕަރު ރާޔާ ވަނީ ހުއްޓުވައިފަ އެވެ.
Comment