Advertisement

ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް

13 މާރިޗު 2024 - 03:17 0


ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް

13 މާރިޗު 2024 - 03:17 0

ބާސެލޯނާ (މާޗް 13) - ދެ ވަނަ ލެގުގައި، އިޓަލީގެ ޗެމްޕިއަން، ނަޕޯލީ އަތުން 3-1 އިން މޮޅުވެ، ބާސެލޯނާ އިން ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މި ދެ ޓީމު ނަޕޯލީ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބާސެލޯނާ ދަނޑުގައި އެ ޓީމުން ނަތީޖާ ނެރުނީ އެގްރިގޭޓަށް ބަލާއިރު، 4-2 އިން ކުރިހޯދައިގެންނެވެ. މިއީ، 2019/2020 ވަނަ ސީޒަނުގެ ފަހުން ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ، 15 ވަނަ މިނިޓްގައި ފާމިން ލޮޕޭޒް ޖެހި ގޯލުންނެވެ. މިއީ، ރަފިނިއާ ތަަނަވަސްކޮށްދިން ފުރުސަތެއްގައި ލޮޕޭޒް ޖެހި ލަނޑެކެވެ. އޭގެ ދެ މިނިޓް ފަހުން، ޖޮއާއޯ ކަންސެލޯ ވަނީ ލަނޑެއް ޖަހައި، ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ.

ނަޕޯލީން މެޗުގެ ތެރެއަށް އެނބުރި އަންނަން ކުރި މަސައްކަތުގައި މެޗުގެ 30 ވަނަ މިނިޓްގައި ލަނޑެއް ޖެހި އެވެ. މަޓެއޯ ޕޮލިޓާނޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ ފަހަތަށް ކުޅޭ އާމިރް ރަހްމާނީ އެވެ. ރަހްމާނީ ވަނީ ބާސެލޯނާގެ ގޯލުގައި ހުރި މާކް އަންދްރޭ ޓާ ސްޓެގެން އަށް ފުރުސަތެއް ނުދީ ގޯލު ޖަހައިފަ އެވެ.

އިތުރު ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރެވޭތޯ ނަޕޯލީން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށް ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ، ރޮބާޓް ލެވަންޑޯސްކީ އެވެ. މިއީ، ސާޖީ ރޮބާޓޯ ދިން ބޯޅައަކުން ލެވަންޑޯސްކީ ޖެހި ގޯލެކެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ ސީޒަނުގެ އެންމެ މުހިންމު އެއް މެޗުގެ ގޮތުގައި ދެކިގެން ނުކުމެ، އެ ޓީމުން ދެއްކި ހިތްވަރާ އެކު ނަތީޖާ ނެރެ، ކުރިއަށް ހުރި މެޗުތަކަށް އިތުބާރު ހޯދައިދީފައިވާ ކަމަށެވެ.