Advertisement

އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް އައިން އަތުން ރޮނާލްޑޯގެ އަލް ނަސްރު ކަޓައިފި

12 މާރިޗު 2024 - 05:47 0


އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް އައިން އަތުން ރޮނާލްޑޯގެ އަލް ނަސްރު ކަޓައިފި

12 މާރިޗު 2024 - 05:47 0

ރިޔާދު، ސައުދީ އަރަބިއްޔާ (މާޗް 12) - އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ޕެނަލްޓީ ޖަަހައިގެން ޔޫއޭއީގެ އަލް އައިން އަތުން 6-5 އިން ބަލިވެ، ސައުދީ ޕްރޯ ލީގުގެ ކްލަބް، ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރު މުބާރާތުން ކަޓައިފި އެވެ.

ރޭގެ މެޗަށް ނުކުތްއިރު، ފުރަތަމަ ލެގުގައި އަލް ނަސްރު ވަނީ 1-0 އިން އަލް އައިން ދަނޑުގައި ބަލިވެފަ އެވެ. އެހެންވެ، ދެ ވަނަ ލެގަށް ނުކުތްއިރު ވެސް ނަތީޖާ ނެރެން މި މެޗުން އަލް ނަސްރަށް އޮތީ މަޖުބޫރުވެފަ އެވެ.

އަލް ނަސްރު ދަނޑުގައި ފުރަަތަމަ ލަނޑުތައް ޖެހީ، އަލް އައިންގެ ސޫފިއަން ރަހީމީ އެވެ. އަލް އައިން އިން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއްގައި ނިންމައިނުލެވުނީ، އަލް ނަސްރުގެ އަބްދުﷲ ގަރީބް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑެއް ޖެހުމުންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން، ހަ ވަނަ މިނިޓްގައި، އަލް އައިންގެ ކީޕަރު ހާލިދު އީސާ އަތުން ބައިކޮޅަށް ވަން ގޯލުން އަލް ނަސްރުން އެއްވަރުކުރި އެވެ. އަދި ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ޕޯޓޯ އަށް ކުޅުނު އަލެކްސް ޓެލޭސް ޖެހި ގޯލުން އަލް ނަސްރު ލީޑުނެގި އެވެ. އެ ނަތީޖާގައި އޮވެގެން، މެޗުގެ ފުރިހަމަ ވަގުތު ހަަމަވެ، ނަތީޖާ ނެރެން ދެ ހާފް ކުޅުނެވެ. މީގެ ތެރެއިން ފުރަތަމަ ހާފުގައި، އަލް އައިން އިން އަނެއްކާ ވެސް ލީޑުނެގި އެވެ. އެ ޓީމުގެ ލަނޑު ޖެހީ، ސުލްތާން އަލް-ޝަމްސީ އެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި، އަލް ނަސްރަށް އެއްވަރުކޮށްދިނީ ރޮނާލްޑޯ އެވެ. އެއީ ޕެނަލްޓީ އަކުން ޖެހި ގޯލަކުންނެވެ. މި މެޗުގައި ރޮނާލްޑޯ އަށް ގޯލަށް ޖަހަން ލިބުނު ހުސް ފުރުސަތެއް ވަނީ ގެއްލުވާލައިފަ އެވެ.

ޕެނަލްޓީގައި އަލް ނަސްރަށް ކާމިޔާބުކުރެވުނީ ރޮނާލްޑޯގެ ޕެނަލްޓީ އެކަންޏެވެ. އެ ޓީމުން ޕެނަލްޓީ ފޮނުވާލި މާސެލޯ ބްރޮޒޮވިޗް، ޓެލޭސް އަދި އޮޓާވިއޯގެ ޕެނަލްޓީތައް ވީ ނާކާމިޔާބެވެ. އަލް އައިން އިން ވަނީ ތިން ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ޕެނަލްޓީތައް ޖެހީ، ޝަމްސީ، ރަހީމީ އަދި ކާކޫ އެވެ.

ސެމީގައި އަލް އައިން ކުޅޭނީ ކުއާޓާގައި އަލް އިއްތިހާދާއި އަލް ހިލާލް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.