Advertisement

ޕާމާގެ މޮޅު ކުޅުމާ އެކު ޗެލްސީން ނިއުކާސަލް ބަލިކޮށްފި

12 މާރިޗު 2024 - 04:53 0

ޗެލްސީގެ ކޯލް ޕާމާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---


ޕާމާގެ މޮޅު ކުޅުމާ އެކު ޗެލްސީން ނިއުކާސަލް ބަލިކޮށްފި

12 މާރިޗު 2024 - 04:53 0

ލަންޑަން (މާޗް 12) - އިނގިރޭސި ފޯވާޑް ކޯލް ޕާމާގެ މޮޅު ކުޅުމާ އެކު، ޗެލްސީން 3-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު ވެސް ޗެލްސީ އޮތީ ލީގުގެ 11 ވަނައިގަ އެވެ. އެއީ، 27 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު، މެޗު ހަމަކުރާއިރު، ޗެލްސީ އަށް ނިއުކާސަލް އަށް ވުރެ ކުރިއަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ. ނިއުކާސަލް، މި ވަގުުތު 10 ވަނައިގައި އޮތީ 28 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ، ހަ ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާ ރޮނގުކައިރިން ޕާމާ ޖެހި ޝޮޓެއް އެ ޓީމުގެ ފޯވާޑް، ނިކޮލަސް ޖެކްސަން ފައިން ގޯލަށް ފޮނުވާލި ބޯޅައަކުން ޖެހި ގޯލެކެވެ.

ފުރަތަމަ ހާފު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް، ނިއުކާސަލް އިން އެއްވަރުކުރި އެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ، އޭރިއާ ރޮނގުކައިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން، އަލެކްސަންޑަ އިސާކް އެވެ. މި ފަހުން ނިއުކާސަލުން އެންމެ ފޯމުގައި ހުރި ކުޅުންތެރިއަކީ އިސާކް އެވެ.

ޗެލްސީން އަލުން ލީޑުނެގީ 57 ވަނަ މިނިޓްގައި ޕާމާ ޖެހި ގޯލުންނެވެ. މިއީ އޭރިއާ ރޮނގުކައިރިން ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޕާމާ ޖެހި ހިތްގައިމު ގޯލެކެވެ. އޭގެ ފަހުން، ޗެލްސީ އަށް ތިން ވަނަ ގޯލެއް ޖަހައިދޭން ރަހީމް ސްޓާލިން އަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ނިއުކާސަލްގެ ޑިފެންޑަރުން ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ މާގިނައިރެއްނުވެ، މެޗުގެ 76 ވަނަ މިނިޓްގައި މިކައިލޯ މުޑްރިކް ވަނީ ޗެލްސީގެ ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ ނިއުކާސަލް ޑިފެންސް ތެރެއިން ބޯޅަ ހިފައިގެން ގޮސް، އެ ޓީމުގެ ކީޕަރު، މާޓިން ޑުބްރާވްކާ ކައިރިން ނައްޓާލުމަށް ފަހު، މުޑްރިކް ޖެހި ލަނޑެކެވެ.

އިތުރު ވަގުތުގައި ނިއުކާސަލްގެ ޖެކަބް މާފީ ގޯލުގެ ކައިރީ ކަނަށް ބާރު ބޯޅައެއް ފޮނުވާލައިގެން، އެ ޓީމަށް އުންމީދެއް ހޯދައިދިނެވެ. އެކަމަކު، އިތުރު ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރަން ނިއުކާސަލް އިން ކުރި މަސައްކަތް ކާމިޔާބުނުވެ، ޗެލްސީ މޮޅުވީ އެވެ.