ލަންޑަން (މާޗް 16) - ޗެލްސީން ބޮޑު ހަރަދުތަކެއްކޮށް މި ސީޒަނަށް ތައްޔާރުވުމުން، އެ ޓީމުން މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރާނެ ކަމަށް އޭނާ އުންމީދުކުރި ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
ޗެލްސީން މިދިޔަ ޑިސެމްބަރު މަހު، މި ފަހަރުގެ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެ ޕޮއިންޓަށް ގާތަށް ޖެހިލި އެވެ. އެކަަމަކު ފަހުން، ނަތީޖާ ނެރުމުގައި ދަތިތަކެއް ދިމާވެ، ޗެލްސީ ފަހަތަށް ސޮއްސާލީ އެވެ. ލީގުގެ ތާވަލަށް މި ވަގުތު ބަލާއިރު، ޗެލްސީ އޮތީ ލީގުގެ އެއް ވަނަ އަށް ވުރެ 21 ޕޮއިންޓު ފަހަތުގަ އެވެ.
ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ދެ ވަނައިގައި އޮތް އާސެނަލްގެ ކޯޗު އާޓެޓާ ބުނީ، ޗެލްސީ އަކީ މި ފަަހަރުގެ ލީގުގެ ރޭހުގައި އޮންނާނެ ކަމަށް އޭނާ އުންމީދުކުރި ކަމަށެެވެ.
"އަހަންނަށް އެ މީހުން ޕްރީ ސީޒަނުގައި ދައްކަމުން އައި ކުޅުމުންނާއި އެންޒޯ (މަރެސްކާ) އެ ޓީމުގައި ކުރަމުން އައި މަސައްކަތްތައް ފެނިފައި، ސީޒަނުގެ ކުރީކޮޅުން ފެށިގެން އުންމީދުކުރެވުނު އެ މީހުން ލީގަށް ވާދަކުރާނެއޭ،" އާޓެޓާ ބުންޏެވެ.
"އެ މީހުންގެ އެ އޮތް ޓީމު ރަނގަޅަށް އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކު ދެނެގަނެ، ރަނގަޅު ކަނެކްޝަނެއްގެ ތެެރެއިން ކުޅެން ފަށައިފިނަމަ، ކޮންމެ މެޗެއްގައި ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނަސް ނަތީޖާ ނެރެވޭނެ ފެންވަރު އެ މީހުންގެ (ޗެލްސީގެ) އެބަހުރި،"
އާޓެޓާ ބުނީ ކޮންމެ ޓީމަކަށް ވެސް މި ސީޒަނުގައި ދިމާވެފައި އޮތީ އެކި ކަހަލަ ޗެެލެންޖު ކަމަށާއި އެ ގޮތުން، ބަލާއިރު، އާސެނަލެކޭ އެއްގޮތަށް ޗެލްސީ އަށް ވެސް އަނިޔާގެ މައްސަލަތަކާ ހެދި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.
ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު ފަރަގު ކުޑަކުރަން އާސެނަލަށް މިރޭ ޗެލްސީއާ ކުޅޭ މެޗު މުހިންމުވާނެ އެވެ. އަނެއްކޮޅުން، ފަސް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ކައިރިން ހަތަރެއްގައި ލީޑެއްނަގަން، ޗެލްސީ އަށް ވެސް މިރޭގެ މެޗު މުހިންމެވެ.
ލިވަޕޫލް، މި ވަގުތު އެއް ވަނައިގައި އޮތީ 29 މެޗުން 70 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 28 މެޗުން 55 ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވަނީ އިޕްސްވިޗް ޓައުން އަތުން 4-2 އިން ހޯދި މޮޅާ އެކު، 29 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ޗެލްސީ އަށް 28 މެޗުން ވަނީ 49 ޕޮއިންޓް ލިބިފަ އެވެ. އަދި، ސިޓީން ރޭ ބްރައިޓަންއާ 2-2 އިން އެއްވަރުވުމުން، ލިބިފައިވަނީ، 29 މެޗުން 48 ޕޮއިންޓެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment