Advertisement

އެމްޑީޕީން ބޮޑު ތަނުން މަޖިލިސް އިންތިހާބު ކާމިޔާބުކުރާނެ: ޖަމީލު

12 މާރިޗު 2024 - 08:54 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޑރ. މުހައްމަދު ޖަމީލު "އަދަދު" ނޫހަށް އިންޓަވިއުއެއް ދެއްވަނީ: އޭނާ މިހާރު އުޅުއްވަނީ ރައީސް ޔާމީން އަރިހުގައި ޕީއެންއެފް އުފެއްދުމުގެ މަސައްކަތުގައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެމްޑީޕީން ބޮޑު ތަނުން މަޖިލިސް އިންތިހާބު ކާމިޔާބުކުރާނެ: ޖަމީލު

12 މާރިޗު 2024 - 08:54 2

އަންނަ އޭޕްރީލް 21، ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު "ބޮޑު ތަނުން" އިދިކޮޅު އެމްޑީޕީ ކާމިޔާބު ކުރާނެ ކަމަށް، ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމް ދޫކޮށްލައްވައި އާ ސިޔާސީ ޕާޓީއެއްގެ މަސައްކަތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މާ ގިނަ ދުވަސްތަކެއް ނުވެ އެ ސިޔާސީ އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތެވެ. ޕީއެންއެފްގެ ނަމުގައި އުފައްދަވާ އާ ޕާޓީގެ މަސައްކަތުގައި، ޔާމީނުގެ އެންމެ އަރިހުގައި ހުންނެވީ ޖަމީލެވެ.

ސިޔާސީ އިސް ބޭފުޅުންނާއެކު "އަދަދު" ނޫހުން މިހާރު ގެނެސްދޭ "އެއްޗެއް ކަޅެއް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖަމީލު ވިދާޅުވީ މިހާ ކުރު މުއްދަތެއްގައި ސަރުކާރަކާ މެދު ރައްޔިތުން ނުރުހުންވި ފަަހަރަކީ މިއީ ކަމަށެވެ. އޭގެ އަސަރު އަދި ނަތީޖާ، މަޖިލިސް އިންތިހާބުގައި ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ އެއްވެސް ގޮތަކަށް ޕީއެންސީއަށް މާ ގިނަ ގޮނޑިތަކެއް ނެގޭ ތަނެއް، މެޖޯރިޓީ ލިބޭ ތަނެއް، އަޅުގަނޑަށް ފެންނަނީ ހަމަ ބޮޑު ތަނުން އެމްޑީޕީން މި ނަގާ ތަން، އެއީ އަޅުގަނޑު ކޮންމެހެން ބޭނުންވާ ގޮތެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ސަރުކާރު އޮތް ކަމުގެ އިހުސާސް ވެސް އާންމު ރައްޔިތުންނަށް ނުކުރެވޭ ކަމަށެވެ. އަދި ރައްޔިތުން، ސަރުކާރާ ވަރަށް ބޮޑަށް ދުރަށް ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމީލު އިތުރަށް ވިދާޅުވި ގޮތުގައި ވެރިކަމަށް ރައީސް މުއިއްޒު ވަޑައިގަތީ ޔާމީންގެ ނަމާއި ފޮޓޯ ވިއްކައިގެނެވެ. އަދި އެންމެ ބޮޑު ވައުދަކީ، އެމަނިކުފާނު މިނިވަން ކުރުމެވެ. ނަމަވެސް ވެރިކަމަށް އައުމަށް ފަހު ދެއްކެވި ވާހަކަ އެއް ގޮތެއްގައި ނުހިފެހެއްޓުމަކީ ރައްޔިތުންގެ އިތުބާރު ގެއްލުނު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

އަންނަ މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެސް ވެރިކަންކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބު ކުރާއިރު، ޕީއެންސީގެ 90 ކެންޑިޑޭޓުން އަދި އެމްޑީޕީގެ 89 ކެންޑިޑޭޓުން ވާދަކުރެ އެވެ.