Advertisement

ސެލްޓާ ބަލިކޮށް ރެއާލުން ލީޑު ދަމަހައްޓައިފި

11 މާރިޗު 2024 - 01:44 0


ސެލްޓާ ބަލިކޮށް ރެއާލުން ލީޑު ދަމަހައްޓައިފި

11 މާރިޗު 2024 - 01:44 0

މެޑްރިޑް (މާޗް 11) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑުން 4-0 އިން ސެލްޓާ ވީގޯ ބަލިކޮށް، މަގާމުގައި ލީޑު ދަމަހައްޓައިފި އެވެ.

ރެއާލުން އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއް ވަނައިގައި އޮތް ރެއާލަށް ވަނީ، 28 މެޗުން 69 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ޖިރޯނާ އަށް 28 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް، ބާސެލޯނާގެ އޮތީ 28 މެޗުން 61 ޕޮއިންޓެވެ.

ދެ މެޗަށް ސަސްޕެންޑްކޮށްފައިވާ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ނުލައި ރެއާލުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ސެލްޓާ ކޮޅަށް ފުރަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ވިނީޝިއުސް ޖޫނިއާ އެވެ. މެޗުގެ 21 ވަނަ މިނިޓްގައި ޖެހި މި ލަނޑަކީ ވިނީޝިއުސްގެ އަމިއްލަ މަސައްކަތް ބޮޑަށް ފެނުނު ގޯލެކެވެ.

ރެއާލުން މި މެޗުގައި ފަހުން ޖެހި ތިން ގޯލު ކާމިޔާބުކުރީ 11 މިނިޓް ތެރޭގަ އެވެ. އެ ގޮތުން، މެޗުގެ 79 ވަނަ މިނިޓްގައި ރެއާލުން ޖެހި ދެ ވަނަ ލަނޑަކީ، ސެލްޓާގެ ކީޕަރު ވިސެންޓޭ ގައީޓާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ރެއާލްގެ އެންޓޯނިއޯ ރޫޑިގާ ބޮލުން ޖެހި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ދަނޑީގައި ޖެހިފައި ގައިޓާ ގައިގައި ޖެހިފައި ވަން ގޯލެކެވެ.

މެޗުގެ 88 ވަނަ މިނިޓްގައި ސެލްޓާގެ ކާލޯސް ޑޮމިންގޭޒް އަތުން ބައިކޮޅަށް ގޯލެއް ވަދެ، ރެއާލުން ތިން ވަނަ ލަނޑެއް ޖެހި އެވެ. ޑޮމިންގޭޒް އަތުން މި ގޯލު ބައިކޮޅަށް ވަނީ ކީޕަރު ގައީޓާއާ ވާހަކަ ނުދެކެވި ބޯޅައަށް އަރަން އުޅުމުގެ ތެރޭގަ އެވެ.

ރެއާލްގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ ތުރުކީގެ އާޑާ ގުލެއާ އެވެ. އުމުރުން 19 އަހަރުގެ ގުލެއާ މި ލަނޑު ޖެހީ، ޑެނީ ސަބާޔޯސް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއިންނެވެ. މިއީ، މި ފަހަރު ރެއާލާ ގުޅުނު ގުލެއާ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.