Advertisement

ކުނީގެ މައްސަލަ ބޮޑުވެ, ވެމްކޯގެ ޓްރާސްފާ ސްޓޭޝަންތަކުން ހިލޭ ކުނި އުކައިދޭން ނިންމައިފި

10 މާރިޗު 2024 - 19:14 0

ނިމާ ހަސަން

ނިމާ ހަސަން

މާލޭ މަގުމައްޗަށް ނެރެފައިވާ ކުނި ކޮތަޅުތަކެއް; ރޯދަ މަސް ގާތްވުމާއެކު މަގުމައްޗަށް ކުނި ނެރޭ މިންވަރު ވަނީ އިތުރުވެފައި -- ފޮޓޯ: އަދަދު


ކުނީގެ މައްސަލަ ބޮޑުވެ, ވެމްކޯގެ ޓްރާސްފާ ސްޓޭޝަންތަކުން ހިލޭ ކުނި އުކައިދޭން ނިންމައިފި

10 މާރިޗު 2024 - 19:14 0

ރޯދައަށް ގޭގެ ސާފުކޮށް, މަގުމައްޗަށް ކުނި ނެރޭ މައްސަލަ ބޮޑުވެ, އެންމެފަހުން ވެމްކޯއިން މާލެ ސަރަހައްދުގެ ޓްރާންސްފާ ސްޓޭޝަންތަކުން ހިލޭ ކުނި އުކައިދޭން ނިންމައިފި އެވެ.

ގޭގެއިން ނެރޭ ބޮޑެތި ކުނި ހިލޭ އުކައިދޭން ވެމްކޯއިން ނިންމީ ތިން ދުވަހުގެ ނިޔަލަށެވެ. އެއީ މިރޭ އިރުއޮއްސުމުން ފެށިގެން އަންނަ ބުދަ ދުވަހުގެ ރޭގެ 11:59 ގެ ނިޔަލަށެވެ. އެ މުއްދަތުގައި އާންމު ރައްޔިތުން ކުނި ގެންނަ ވެހިކަލްތަކުން އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖުވެސް ނުނަގަން ވެމްކޯއުން ވަނީ ނިންމާފަ އެވެ.

މާދަމައަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމުން މާދަމާ ޓްރާންސްފާ ސްޓޭޝަންތައް ހުޅުވަން ނިންމާފައި ވަނީ މެންދުރުފަހު 2:00ގަ އެވެ.

ވެމްކޯއިން ބުނީ މިގޮތަށް ހިލޭ އުކޭ ކުނީގެ ތެރޭގައި ކާބޯތަކެއްޗާއި ފަނާވާޒާތުގެ ކުނި ފަދަ ތެތް ކުނި އަދި އިމާރާތް ތަޅާލުމުގައި އުފައްދާ ކުނި ނުހިމެނޭނެ ކަމަށެވެ.

އާންމު ރައްޔިތުންނަށް ހިލޭ ކުނި އުކޭނެ އިންތިޒާމު ހަމަޖެއްސި ނަމަވެސް, އާންމު އުސޫލުން ވިޔަފާރިތަކުން އުކާލާ ކުންޏަށް ފީ ނަގާނެ ކަމަށް ވެމްކޯއިން ބުނެ އެވެ. އެގޮތުން ކުނީގެ ބަރުދަނަށް ބަލައި, ކިލޯއަކަށް 75 ލާރީގެ މަގުން ފީ ނަގާނެ އެވެ.

އަދި ސަރުކާރު މުއައްސަސާތަކުންނާއި ވިޔަފާރި އުސޫލުން ގަވާއިދުން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ވެސް ކިލޯއަކަށް 2.66 ރުފިޔާ ދައްކަން ޖެހެ އެވެ. ވެމްކޯއިން ބުނީ އެ ވެހިިކަލްތަކަށް އެންޓްރީ ފީގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާ ވެސް ނަގާނެ ކަމަށެވެ.

އާންމު ރައްޔިތުންނަށް ހިލޭ ކުނި އުކައިދޭން ވެމްކޯއިން ނިންމީ, މާލެ ސަރަހައްދުގެ ގެތަކުން ނެރޭ ބޮޑެތި ކުނި މަގުތައް މައްޗަށް ގިނަވެ, މަގުމަތީގައި ހިނގާބިނގާވެ އުޅުން ދަތިވެގެން އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.