Advertisement

ޔާމީންގެ އެއް މިލިއަން ޑޮލަރު ހިފެހެއްޓި މައްސަލަ ނުބެލޭނެކަމަށް ބުނެ ބޭންކުން ހައި ކޯޓަށް

10 މާރިޗު 2024 - 10:18 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނުގެ އެކައުންޓުގައިވާ އެއް މިލިއަން ޑޮލަރު ބީއެމްއެލް އިން ހިފެހެއްޓި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ހައި ކޯޓަށް ގޮސްފި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޔާމީންގެ އެއް މިލިއަން ޑޮލަރު ހިފެހެއްޓި މައްސަލަ ނުބެލޭނެކަމަށް ބުނެ ބޭންކުން ހައި ކޯޓަށް

10 މާރިޗު 2024 - 10:18 0

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާނުކޮށްދީ ހިފެހެއްޓުމުން ސިވިލް ކޯޓަށް ޔާމީން ހުށަހެޅުއްވި މައްސަލަ ނުބެލޭނެ ކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހައި ކޯޓަށް ގޮސްފި އެވެ.

ޔާމީންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ އެ ފައިސާ ބޭންކުން ހިފަހައްޓާފައިވަނީ އެކްސްކްރޯ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުމަށް އަދުލުވެރި ބަދަލެއްގެ ގޮތުގައި އެ ފައިސާއާއެކު، އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓުގައި ބެހެއްޓިނަމަ ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދުގެ ފައިސާ ދިނުމަށް އެންގުމަށެވެ.

ބީއެމްއެލުން ސިވިލް ކޯޓަށް ހުށަހެޅި އިއުތިރާޒަކީ، އެ ބޭންކަކީ އެ މައްސަލައިގެ ބައިވެރިޔެއް ނޫން ކަމަށް ބުނެ ހުށަހެޅި އިއުތިރާޒެކެވެ. ތަހުގީގުގެ ބޭނުމަށް އޭސީސީން އެދިގެން އެ ފައިސާ ޖަމާކޮށްފައިވަނީ އެ ކޮމިޝަނުގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލް ކަރަންޓު އެކައުންޓަކަށް ކަން ބޭންކުން ފާހަގަކުރި އެވެ. އެހެންވެ އެ ދައުވާ ރައްދު ވާން ޖެހޭނީ ހަމައެކަނި އޭސީސީއަށް ކަމަށް ބޭންކުން ވަކާލާތުކޮށްފައިވެ އެވެ.

ނަމަވެސް ސިވިލް ކޯޓުން ނިންމީ ބީއެމްއެލްގެ އިއުތިރާޒު ބަލައިނުގަތުމަށެވެ. އަދި ސިވިލް ކޯޓަށް އެ ބޭންކު ވެސް ހިމެނޭ ގޮތަށް އެ މައްސަލަ ބެލުމުގެ އިހުތިސޯސް ލިބިފައިވާ ކަމަށެވެ. އެ ގޮތަށް ސިވިލް ކޯޓުން ނިންމީ ފެބްރުއަރީ 20، ގަ އެވެ.

މި ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާކަން އެ ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ. ހައި ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ ބުދަ ދުވަހުގަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި، ދެ މުއާމަލާތެއްގެ ތަހުގީގު ނިންމައި އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ.

އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އެ މައްސަލައިގައި ދެން އޮތީ ހުކުމް ކުރުމެވެ. ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ދައުވާކޮށްފައިވާއިރު އެ މައްސަލަ ދަށު ކޯޓުގައި އަދި ނުނިމެ އެވެ. ކްރިމިނަލް ކޯޓުގެ ޖާގައިގެ މައްސަލަ ބޮޑުއިރު، މި ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވަ އެވެ.