9 މާރިޗު 2024 - 14:07 0
އަހުމަދު އާއިދު
ހިލޭ ކާޑު ބެހުމުގެ މަސައްކަތް މާލޭ ގޮލޮޅު ދަނޑުގައި ކުރިއަށް ދަނީ - ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު
9 މާރިޗު 2024 - 14:07 0
ތުރުކީއިން ކާޑު ގެނައުމަށް ސަރުކާރުން އޯޑަރު ކޮށްފައިވާ ޝިޕްމަންޓު އަދިވެސް ރާއްޖެ ނާންނަ ކަމަށާއި ކުރިއަށް އޮތް ރޯދަ މަހުގެ ބޭނުމަށް ސަރުކާރުން ހިލޭ ބަހަން ނިންމާފައިވާ ފުށާއި ހަނޑޫގެ ގޮތުގައި މިހާރު ބަހަމުންދަނީ އިންޑިއާ އަދި ލަންކާއިން އެތެރެކޮށްފައިވާ ކާޑު ކަމަށް އެސްޓީއޯއިން ބުނެފި އެވެ.
ސަރުކާރުން ދޫކުރާ ކާޑު ބަހަން މާލޭގައި ފެށީ މިއަދު ހެނދުނު 10:00 ގަ އެވެ. އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކާޑު ބަހަމުން ގެންދާނެ ކަމަށެވެ. ނަމަވެސް މުލަ ރޯދަ ދުވަހާއި ހުކުރު ދުވަހު ކާޑު ބެހުމުގެ މަސައްކަތް ކުރިއަކަށް ނުގެންދާނެ އެވެ.
މިކަމާ ގުޅިގެން އިތުރު ތަފުސީލު ހޯދުމަށް "އަދަދު" އިން ސުވާލު ކުރުމުން އެސްޓީއޯގެ ކޯޕަރޭޓް ބްރޭންޑިން އޮފިސާ ޔޫސުފް ޝާހު ވިދާޅުވީ ތުރުކީގެ ޝިޕްމަންޓު އަދި ރާއްޖެ ނާންނަ ކަމަށާއި އެ ޝިޕްމަންޓު އަންނާނެ ސީދާ ދުވަހެއް ބުނަން ދަތި ކަމަށެވެ.
އަދި މިހާރު ސަރުކާރުން ދޫކުރާ ކާޑުގެ ތެރޭގައި ހިމެނެނީ އިންޑިއާއިން އެތެރެކޮށްފައިވާ ބާސްމަތީ ހަނޑުލާއި ލަންކާއިން އެތެރެކޮށްފައިވާ ގޮދަން ފުށް ކަމަށެވެ.
މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ފުށް ބަސްތާއަކާއި ހަނޑޫ ބަސްތާއެއް ރޯދަމަހު ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ތުރުކީއިން ކާޑު ގެންނަން އެއްބަސްވިކަންވެސް ރައީސް ހާމަކުރެއްވީ ހަމަ އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ތުރުކީގެ ފުރަތަމަ ޝިޕްމަންޓު ފެބްރުއަރީ މަސް ނިމުމުގެ ކުރިން ރާއްޖެއަށް އަންނާނެ ކަމަށް ރައީސް އެދުވަހު ވިދާޅުވި ނަމަވެސް އެކަން އެ ތާރީހުގައި ހާސިލުވެފައެއް ނުވެ އެވެ.
މިއަހަރު ސަރުކާރުން ނިންމާފައި ވަނީ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ދިނުމަށެވެ. ނަމަވެސް އަންނަ އަހަރު އެ އަދަދު އިތުރު ކުރައްވާނެ ކަމަށް ރައީސް އެދުވަހު ވިދާޅުވި އެވެ.
ރޯދަމަހު ކޮންމެ ގެއަކަށް ސަރުކާރުން 10 ކިލޯ ހަނޑުލާއި ފުށް، ދޭން ނިންމުން، ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް ވަނީ އަމާޒުވެފަ އެވެ. ބައެއް މީހުންގެ ހިޔާލުގައި ހަނޑުލާއި ފުށަށްވުރެ މަސްދަޅު ނޫނީ ކަދުރު ބަހާނަމަ މާރަނގަޅު ވީހެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment