Advertisement

ގެވެށި އަނިޔާއިން ރައްކާތެރިކަމުގެ އަމުރަށް އެދުމުގައި ލުއި ގޮތެއް ހަމަޖައްސައިދީފި

9 މާރިޗު 2024 - 11:34 0


ގެވެށި އަނިޔާއިން ރައްކާތެރިކަމުގެ އަމުރަށް އެދުމުގައި ލުއި ގޮތެއް ހަމަޖައްސައިދީފި

9 މާރިޗު 2024 - 11:34 0

ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރަށް އެދުން ފަސޭހަކޮށްދިނުމުގެ ގޮތުން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ލުއި ގޮތްތަކެއް ހަމަޖައްސައިދީފި އެވެ.

ޕީޖީ ހުސައިން ޝަމީމް އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުގައި އެ އޮފީހުގެ ވެބްސައިޓަށް، އެ މީހެއްގެ އީފާސް ލޮގް އިން ބޭނުންކޮށްގެން ލޮގްއިން ވުމުން އެޕްލިކޭޝަންތަކުގެ މެނޫއިން މިހާރު "ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރަށް އެދުން" ކިޔާ ޓެބެއް އޮންނާނެ އެވެ.

އެ ޓެބުގައި އެ އަމުރަށް އެދޭ ފޯމު ފުރޭނެ ގޮތް ހަމަޖެހިފައިވެ އެވެ. ފޯމުގައި ފުރަން ޖެހޭ އަސާސީ މައުލޫމާތުތައް، ނަމާއި އެޑްރެހާއި އިމެއިލް، އައިޑީކާޑު ނަންބަރު އަދި އީފާސްގައި ހުންނަ އެހެނިހެން މައުލުމާތުތައް ހުންނާނީ އޮޓޮމެޓިކުން ފުރިފަ އެވެ.

"އިތުރަށް ފުރަން ޖެހޭނީ އެ މީހަކަށް ދިމާވި ހާދިސާއާ ބެހޭ މައުލޫމާތު،" ޝަމީމް ލިޔުއްވާފައިވެ އެވެ.

ފޯމު ފޮނުވަން ބޭނުންވާ ކޯޓުގެ ނަން އިހުތިޔާރު ކުރުމުން، އެ ކޯޓެއްގެ ލެޓާ ހެޑުގައިވާ އީމެއިލް އެޑްރެހަށް ފޯމު ފޮނުވުމުގެ ހިދުމަތް ވެސް ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުން ދޭނެ އެވެ.

"އަނިޔާ ލިބޭ ހާލަތެއްގައި ހުރި މީހާ، ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަން ޖެހުން މި ހިސާބުން ނިމުމަކަށް އައީ،" ޕީޖީ ޝަމީމް ވިދާޅުވި އެވެ.

އެ ފޯމު ކޯޓަށް ދާނީ ޕީޖީ އޮފީހުގެ އީމެއިލަކާ އެކު އެވެ. އެ އީމެއިލުގައި އޮންނާނީ، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލަށް ލިބުނު ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު، މި އީމެއިލާ އެކު ފޮނުވި ކަމަށެވެ. އެއީ ޕީޖީ އޮފީހުން ދޭ އީމެއިލް ފޯވާޑުކޮށްދިނުމުގެ ހިދުމަތެކެވެ.

ޕީޖީ އޮފީހުން ކޮށްދޭ ހަމައެކަނި ކަމަކީ، އެ ފޯމު ފުރައިލުމުގެ ކަންތައް ލުއި ފަސޭހަކޮށްދީ، އަދުލު އިންސާފަށް ވާސިލު ވާން ހުރި މަގުތައް ފަސޭހަ ކޮށްދިނުމެވެ.

ކޯޓުގެ އިމެއިލް އެޑްރެހަށް ފޯމު ފޮނުވުމަށް ފަހު، ދެން އޮންނަ މަރުހަލާގެ ކަންކަން ވެސް ފަސޭހަކޮށްދީ، އިންތިޒާމުތަކެއް ޕީޖީ އޮފީހުން ހަމަޖައްސާފައިވެ އެވެ.

އެ އޮފީހުގެ ގަވަމަންޓް ޕޯޓަލުގެ ތެރޭގައި ކޮންމެ ކޯޓަކަށް ހަދައިދީފައިވާ ލޮގްއިން އިން، އެ ކޯޓަކަށް ހުށަހަޅާ ހުރިހާ ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރަށް އެދޭ ފޯމު ބަލައިގަނެ، ޕްރޮސެސް ކުރެވޭނެ އެވެ.

އޮންލައިން ޕޯޓަލްގެ ތެރެއިން އެ ފޯމު ބަލައިގަތުމަށް، ނުވަތަ އިސްލާހު ކުރުމަށް ނުވަތަ ބަލައިނުގަތުމަށް ނިންމައިފިނަމަ، އެ ކަން ސަބަބާ އެކު ލިޔަން ޖެހޭނެ އެވެ.

ކޯޓުން ނިންމާ ނިންމުމާއި އެ ނިންމުން ނިންމި ސަބަބު، އީމެއިލަކުންނާއި ފޯމު ހުށަހެޅި މީހާގެ އޮންލައިން ޕޯޓަލުގެ ތެރެއިން ފެންނަން ހުންނާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެ ޕޯޓަލުގެ ތެރެއިން ފޯމު އިސްލާހު ކުރަން ކޯޓުން އަންގައިފި ނަމަ، އިސްލާހު ކުރަން ޖެހޭ ތަންތަން ފާހަގަކޮށްދޭން ޖެހޭނެ ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ. އަދި އޮންލައިން ޕޯޓަލުގެ ތެރެއިން ފޯމު އިސްލާހުކޮށް އަލުން ހުށަހެޅުމުގެ ހިދުމަތް ވެސް ލިބޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކޯޓާ ހަމައަށް ފޯމު ލިބުމުން، ޕީޖީ އޮފީހުގެ ގަވަމަންޓް ޕޯޓަލް ބޭނުން ނުކުރުމުގެ އިހުތިޔާރު ވެސް ކޯޓަށް އޮންނާނެ އެވެ. އެއިރުން ވެސް ކޯޓާއި ސީދާ އެ މީހަކާ މުއާމަލާތް ކުރެވޭނެ އެވެ. އެހެންވިޔަސް، އެ ހާލަތުގައި އާންމު މީހާ ކުރިން ވެސް އުފުލި ތަކުލީފުތައް އުފުލަން ޖެހޭނެ ކަން ޕީޖީ ޝަމީމް ލިޔުއްވި އެވެ.

"އޭރުން އެ ދިޔައީ، ކުރީގެ ނިޒާމަށް، އެ ފުރުސަތު ކޯޓުތަކަށް އެބަ އޮތް، ނަމަވެސް، ކޯޓަށާއި ފޯމު ހުށަހަޅާ މީހާއަށް ފަސޭހަ ގޮތް ވެސް ހަމަ ކޮންމެ ކޯޓަކަށް ވެސް އެބަ އޮތް،" ޝަމީމް ލިޔުއްވާފައިވެ އެވެ.