Advertisement

ޔަމާލްގެ ގޯލުން ބާސެލޯނާ އަށް މުހިންމު މޮޅެއް

9 މާރިޗު 2024 - 08:45 0


ޔަމާލްގެ ގޯލުން ބާސެލޯނާ އަށް މުހިންމު މޮޅެއް

9 މާރިޗު 2024 - 08:45 0

ބާސެލޯނާ (މާޗް 9) - އުމުރުން 16 އަހަރުގެ ލަމީން ޔަމާލް ޖެހި ގޯލުން 1-0 މަޔޯކާ ބަލިކޮށް ބާސެލޯނާ އިން ލީގުގެ ރޭހުގައި ދެމި އޮތުމަށް މުހިންމު މޮޅެއް ހޯދައިފި އެވެ.

މި ނަތީޖާއާ އެކު، އެންމެ ފަހުގެ ޗެމްޕިއަން، ބާސެލޯނާ އިން ލީގުގެ ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ އެއް މެޗު އިތުރަށް ކުޅުނު ނަމަވެސް ފަސް ޕޮއިންޓް މަދުން ހޯދައިގެންނެވެ.

ރެއާލަށް 27 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 28 މެޗުން ވަނީ 61 ޕޮއިންޓް ލިބިފަ އެވެ. ތިން ވަަނައިގައި އޮތް ޖިރޯނާ އަށް 27 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 27 މެޗުން ހަމަކުރެވިފައިވަނީ، 55 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ އަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލީޑުނަގަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އެ ގޮތުން، މެޗުގެ 24 ވަނަ މިނިޓްގައި، ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ އަކުން އިލްކާއި ގުންޑޮގާން ފޮނުވާލި ބޯޅަ މަޔޯކާގެ ކީޕަރު ޕެޑްރަކް ރަޖްކޮވިޗް ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން، ޔަމާލް ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު، މާކް ގީއު ޖެހި ބޯޅަ ކީޕަރު ރަޖްކޮވިޗް ވަނީ މަތަކޮށްފަ އެވެ.

ބާސެލޯނާ މޮޅުވި ގޯލު ޖެހީ، 73 ވަނަ މިނިޓްގަ އެވެ. އޭރިއާ ރޮނގުކައިރިން ލިބުނު ބޯޅަ ޔަމާލް ވަނީ ކީޕަރު ރަޖްކޮވިޗަށް ފުރުސަތެއް ނުދީ ގޯލަށް ފޮނުވާލައިފަ އެވެ. މިއީ، މި ފަހަރުގެ ސީޒަނުގައި ޔަމާލް ލީގުގައި ޖެހި ހަ ވަނަ ގޯލެވެ.