Advertisement

ސަސްޕެންޑްކުރީ އިންތިހާބާ ދިމާކޮށް އެފްއޭއެމްގެ ރޭވުމަކުން: ވެލެންސިއާ

8 މާރިޗު 2024 - 10:22 2


ސަސްޕެންޑްކުރީ އިންތިހާބާ ދިމާކޮށް އެފްއޭއެމްގެ ރޭވުމަކުން: ވެލެންސިއާ

8 މާރިޗު 2024 - 10:22 2

ކްލަބް ވެލެންސިއާ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރަން އެފްއޭއެމް އިން އިއްޔެ ނިންމީ، އެ އެސޯސިއޭޝަންގެ އިންތިހާބާ ދިމާކޮށް ރޭވުމަކުން ކަމަށް ވެލެންސިއާ އިން ބުނެފި އެވެ.

އެފްއޭއެމް އިން މި ގޮތަށް ނިންމާފައިވަނީ، އެ ކްލަބުން ވަކިކުރި ބޯޑު މެމްބަރު، ހަސަން ވަހީދު (ދޮނާ) ގަވާއިދާ ހިލާފަށް ވަކިކޮށްފައިވާތީ އެ ހުރިހާ ކަމެއް ބަލައި، ވެލެންސިއާގެ ކަންކަން ރަނގަޅު ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށް ބުނެ އެވެ. އަދި ވެލެންސިއާ އިން އާ ބޯޑެއް އިންތިހާބު ކުރަންދެން އެ ކްލަބް ސަސްޕެންޑް ކޮށްފައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ވެލެންސިއާ އަށް ދީފައިވާ މި ސަސްޕެންޝަން އެޕީލްކުރަން ވަނީ ހަތް ދުވަހުގެ މުުހުލަތެއް ދީފަ އެވެ. ޑިސިޕްލިނަރީ ކޮމިޓީގެ މި ނިންމުމަށް ފަހު، އޭގެ އިރުކޮޅެއް ފަހުން، އެފްއޭއެމް އިން ވަނީ އިންތިހާބު ބާއްވަން އަލުން އިއުލާނުކޮށްފަ އެވެ. އެއީ އަންނަ މަހު 20 ގައި އިންތިހާބު ބާއްވާ ގޮތަށެވެ. އަދި މި މަހު 16 ވަނަ ދުވަހުގެ ކުރިން ކެންޑިޑެސީ ހުށަހަޅުމަށް އަންގައިފަ އެވެ.

ވެލެންސިއާ ސަސްޕެންޑްކޮށްފައި މި ވަނީ، އެފްއޭއެމް އިންތިހާބާ ދިމާކޮށް ކަމަށްތޯ ކުރި ސުވާލަށް ޖަވާބެއް ލިބިފައިނުވެ އެވެ.

ރޭ ވެލެންސިއާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މާޗް 16 ވަނަ ދުވަހުގެ ކުރިން، މި އޮތް އަށް ދުވަސް ތެރޭ އެފްއޭއެމަށް ވިލަރެސް ކުރެވޭ ގޮތަށް ވެލެންސިއާގެ ބޯޑެއް އިންތިހާބު ކުރުމަށް ބުނެ، ވެލެންސިއާ ސަސްޕެންޑް ކުރުމަކީ އެފްއޭއެމް އިން ރާވައިގެން ކުރި ކަމެއް ކަމަށެވެ.

"... ސަސްޕެންޝަން ކުރިމަތިކުރުމަކީ ރާވައިގެން، ގަސްދުގައި މި ކްލަބަށް އެފްއޭއެމް އިންތިހާބުގައި ބައިވެރިނުވެވޭގޮތް ހެދުމަށް ދީފައިވާ ސަސްޕެންޝަނެއް ކަމަށް ވެސް ދެކެމެވެ. އަދި އެފްއޭއެމްގެ މި އަމަލަކީ އެ އިދާރާއިން ނުރުހިއްޖެ، ކޮންމެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅައި ކުޅިވަރުގެ އަގުމާތްވި، ރިވެތި އުސޫލުތައް މުގުރަމުންދާނެކަން ދަލީލުކޮށްދޭ ކަމެއް ކަމުގައި މި ކްލަބުން ދެކެމެވެ." ވެލެންސިއާގެ ބަޔާނުގައިވެ އެވެ.

ފްއޭއެމް އިން ޖެނުއަރީ 31 ވަނަ ދުވަހު ބާއްވަން ނިންމި އިންތިހާބު ކެންސަލްކުރަން ޖެހުނު އެންމެ ބޮޑު ސަބަަބު ގުޅިފައި އޮތީ ކްލަބް ވެލެންސިއާއާ އެވެ.

ކެންސަލްކުރަން ޖެހުނު އެފްއޭއެމްގެ އެ އިންތިހާބުގައި ވާދަކުރަން ނަން ހުށަހެޅި ދެ ކެންޑިޑޭޓުން ކަމަށްވާ، ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އާއި އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އަށް ވެލެންސިއާ އިން ތާއީދު ސިޓީ ދިނެވެ. އެ މައްސަލަ އެފްއޭއެމް އިން ބަލައި، ވެލެންސިއާގެ ދެ ތާއީދު ސިޓީ ކެންސަލްކުރި އެވެ. އެއާ އެކު، ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރި އެވެ. އެއީ، އެފްއޭއެމް އަސާސީ ގަވާއިދުގައިވާ ގޮތަށް، ފުރަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބްގެ ތާއީދު ނެތުމުންނެވެ. އެ މައްސަލަ ތޯރިގު އެޕީލް ކުރިއިރު، އިލެކްޓޯރަލް ކޯޑުގައިވާ ގޮތަށް އިލެކްޓޯރިއަލް ކޮމިޓީ އާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ އުފައްދާފައިނުވާތީ، ފީފާ އާއި އޭއެފްސީން އެންގީ އިންތިހާބު ކެންސަލްކުރުމަށެވެ.

ވެލެންސިއާ އިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ޓީމު ސަސްޕެންޑް ކުރަން ނިންމި ސަބަބަކީ، ދެން ބާއްވާ އިންތިހާބެއްގައި ވެސް ވެލެންސިއާ އިން ތާއީދުކުރާނީ ތޯރިގު އަށް ކަމަށް ބެލެވުން ކަމަށެވެ.

އަދި ނުސީދާ ގޮތަކަށް ވެލެންސިއާގެ ބަޔާނުގައި ބުނެފައިވަނީ، މިއީ އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ ނުފޫޒު މިހާރު ކްލަބަށް ފޯރުވެން ނެތުމުން އައި ސަސްޕެންޝަނެއް ކަމަށެވެ.

ވެލެންސިއާގެ ހިންގާ ބޯޑު ގަވާއިދާ ހިލާފަށް އޮޅުވާލައިގެން ބަދަލުކުރި ކަމަށް ބުނެ، ވެލެންސިއާގެ ބައެއް ބޯޑު މެމްބަރުން ހިމެނޭ ގޮތަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލްގެ ގެ ކައިރީގައި އެއްވި އެވެ. އަދި އޭގެ ފަހުން، ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީންއާ ދެކޮޅަށް އެ ކްލަބުން ވަކިކުރި ބޯޑު މެމްބަރުން ވަނީ ވަގުތީ އަމުރެއް ނެރެން ސިވިލް ކޯޓަށް ގޮސްފަ އެވެ. އެކަމަކު، ސިވިލް ކޯޓުން އެ އަމުރު ނެރެނުދިނެވެ.

ސިވިލް ކޯޓުންނާއި ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވެލެންސިއާގެ ބޯޑު އޮތީ ރަނގަޅަށް ކަމަށް ކަނޑައަޅާފައިވާ ގޮތަށް އަމަލުކޮށްފައި އޮއްވައި، އެފްއޭއެމް އިން ވެލެންސިއާގެ ހިންގާ ކޮމިޓީއާ މެދު ކުއްލިއަކަށް ސުވާލު އުފެއްދުމުން މީގެ ފަހަތުގައި އެހެން މަގުސަދެއް އޮތްކަން ހާމަވެ އެވެ.