Advertisement

ރަސްމާލެ ޕްލޭނު ކުރަން ބޭރު ކޮންސަލްޓަންޓަކު ހޯދަނީ

7 މާރިޗު 2024 - 15:50 1

އަމަން ހަލީމް

އަމަން ހަލީމް

ރަސްމާލެ މަތިން ފެބްރުއަރީ 22، ގައި ނަގާފައިވާ ފޮޓޮއެއް: މިތަނުގެ ބިންހިއްކުމުގެ މަސައްކަތް އޮތީ ހުއްޓިފައި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ރަސްމާލެ ޕްލޭނު ކުރަން ބޭރު ކޮންސަލްޓަންޓަކު ހޯދަނީ

7 މާރިޗު 2024 - 15:50 1

ދެކުނު މާލޭ އަތޮޅުގައި އޮންނަ ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ބޭރުގެ ކޮންސަލްޓަންޓަކު ހޯދުމުގެ މަސައްކަތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަގުޗާޓުގެ ދަށުން ހައުސިން މިނިސްޓްރީއާ މަތިކުރެވުނު ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައިދަރު މިހެން ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެއަކީ ތިމާވެއްޓާ ރައްޓެހި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ލޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށް ފެތޭ އެކޯސިޓީއެކެވެ. ހައިދަރު ވިދާޅުވި ގޮތުގައި ބޭރުގެ ކޮންސަލްޓަންޓުގެ މަސައްކަތަކީ އެތަން އެކޯސިޓީއެއްގެ ގޮތުގައި ތަރައްގީކުރަން ބޭނުންވާ ދިރާސާތަކާއި ތަހުލީލުތައް ކުރުމެވެ.

"އެކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރާތީ އަޅުގަނޑުމެން ކުރަން ޖެހޭ ތަހުލީލުތަކާ އެއްޗެހި ވެސް އެބަހުރި. ވަކިން ހާއްސަކޮށް ރަށުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގައި ވެސް އަޅުގަނޑުމެން އެތަނަކީ އެންވަޔަރަމަންޓް ފްރެންޑްލީ ތަނަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެ މަސައްކަތްތައް ދިރާސާކޮށް ތަހުލީލުކޮށް ކަންތައްތައް ކުރަން އަޅުގަނޑުމެން ބައިނަލްއަގުވާމީ ކޮންސަލްޓަންޓެއް ހަޔާކުރުމުގެ މަސައްކަތް މި ވަގުތު ކުރިއަށް ދަނީ،" އޭނާ ވިދާޅުވި އެވެ.

ކޮންސަލްޓަންޓާ ގުޅޭ ވާހަކަތައް ހިއްސާކުރެއްވި ނަމަވެސް ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތާ ގުޅޭ އިތުރު މައުލޫމާތެއް ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ނުދެއްވަ އެވެ. މީގެ ކުރިން މި ނޫހުން ވާނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓިފައިވާ ހަބަރު ޝާއިއުކޮށްފަ އެވެ.

ނަމަވެސް އޭރު ވެސް ސަރުކާރުން މި ޕްރޮޖެކްޓު ހަވާލުކޮށްފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެ ވާހަކަތައް ދޮގުކުރި އެވެ. އެ ކުންފުނިން ބުނަނީ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށެވެ.

އެޗްޑީސީން މި ވާހަކަތައް ދޮގުކުރި ނަމަވެސް އެ ޕްރޮޖެކްޓުގެ އީއައިއޭގައި ހުރި މުއްދަތުތަކާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާކަން މި ނޫހުން މިހާތަނަށް އެއްކުރި މައުލޫމާތުން އެނގިފައިވެ އެވެ.

ހަމައެހެންމެ މި މަޝްރޫއަށް ކޮންސަލްޓަންޓަކު ހޯދަމުންދާ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި ނަމަވެސް އެ މިނިސްޓްރީން ނޫނީ އެޗްޑީސީން މިކަމަށްޓަކައި ކުރި އިއުލާނެއް ގެޒެޓުން ފެންނާކަށް ނެތެވެ. ހައުސިން މިނިސްޓްރީގެ ވެބްސައިޓާއި އެޗްޑީސީގެ ވެބްސައިޓުގައި ވެސް އެފަދަ އިއުލާނެއް ނެތެވެ.

މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ކުރިއަށް ގެންދާ ރަސްމާލެއަށް ބޭނުންވާ ބިން އަށް މަހުން ހިއްކައި ނިމޭނެ ކަމަށް މި މަޝްރޫއު ފެށި ދުވަހު ސަރުކާރުން ބުނެފައިވެ އެވެ. އެކަމަކު މިއަދާ ހަމައަށް މިތަން ތަރައްގީކުރާނެ ގޮތުގެ ތަފުސީލީ ޕްލޭނެއް ސަރުކާރުން އާންމުނުކުރެ އެވެ.

ޕްލޭނެއް ނެތް ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގެ ތެރެއިން ފުށިދިއްގަރުގައި ހައުސިން ޔުނިޓު އެޅުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެ އެވެ. ހަމަ އެ ދަތުރުގެ ތެރެއިން ގުޅިފަޅު ވެސް ހިމެނޭ ގޮތަށް ރަސްމާލޭގައި ކަރަންޓާއި ފެނުގެ ހިދުމަތް ގާއިމުކުރުމާއި މަގު ހެދުމުގެ މަސައްކަތް ޗައިނާ މެޝިނަރީ އިންޖިނިއަރިން ގުރޫޕް ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކުރި އެވެ.