Advertisement

ހުލާސާކޮށް އިއްޔެ: ކަރޯކޭ އާއި ދަތްދޮޅީގެ ވާހަކަ

7 މާރިޗު 2024 - 06:04 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލޯކަލް ގަވަމަންޓު މިނިސްޓަރު، އާދަމް ޝަރީފް -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ކަރޯކޭ އާއި ދަތްދޮޅީގެ ވާހަކަ

7 މާރިޗު 2024 - 06:04 0

އިއްޔެ އެންމެ ހޫނު މައުލޫއަކަށް ވެގެން ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ކަރޯކޭ އާއި މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އޭނާ ހުންނެވި ނަމަ މެމްބަރެއްގެ "ދަތްދޮޅި ދުއްވައި ނުލައި" ހުރެވިދާނެތޯ ސުވާލު އުފައްދަވައި ލޯކަލް ގަވަމަންޓު މިނިސްޓަރު، އާދަމް ޝަރީފް އަނެއްކާ ވެސް ދެއްކެވި ވާހަކަ އެވެ.

ކަރޯކޭ ޖެއްސެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއިން ދުވަހަކު ވެސް ކުރެއްވި ކަމެއް ނޫން ކަމަށް ރައީސް އޮފީހުން ބުނި ފަހުން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކަރޯކޭއަށް ލަވަ ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެގެން ދިޔަ އެވެ.

ރައީސްގެ އާއިލާއިން ކަރޯކޭ ނުޖައްސަވާ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ ފަސްޓް ލޭޑީ ސާޖިދާ ކަރޯކޭ ޖައްސަވަން އަގުބޮޑު ސައުންޑު ސިސްޓަމެއް ގަނެ، މުލީއާގެއަށް ވެއްދި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޭކު ފޮޓޯއެއް ދައުރުކުރުމުންނެވެ.

މުލީއާގެއަށް ސައުންޑް ސިސްޓަމެއް ގަތް ކަމަށް ފަތުރަމުންދިޔަ ހަބަރު ދޮގުކޮށް، ބައެއް ނޫސްތަކަށް ހަލީލު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކަރޯކޭ ކުޅުއްވުމަކީ "އެއްވެސް ދުވަސްވަރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއިން ގޭތެރޭގައި ކުރައްވާ ކަމެއް ނޫން" ކަމަށެވެ. ނަމަވެސް އެ މެސެޖު ހަލީލު ފޮނުވިކަން ނޫސްތަކުން ކަށަވަރުކޮށް ދިނެވެ.

އަދަދު ނޫހަށް އެ މެސެޖު ހަލީލެއް ނުފޮނުއްވަ އެވެ. ނަމަވެސް މެސެޖު ހަލީލު އެ ނޫސްތަކަށް ފޮނުވިކަން ބައެއް ނޫސްތަކުން ކަށަވަރުކޮށް ދިނެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ބައެއް މީޑިއާތަކަށް ފޮނުވި މެސެޖު


ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓިކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ. މިއީ އެއްވެސް ދުވަސްވަރެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލާއިން ގޭތެރޭގައި ކުރައްވާކަމެއްވެސް ނޫނެވެ. މިފަދަ ދޮގުވާހަކަތައް ފަތުރަން މަސައްކަތްކުރާތީ ފެންނަނީ، ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށްފަހު، އެފަދަ ބޮޑެތި ޚިޔާނާތްތައް ފޮރުވަން މަސައްކަތްކުރާ ފަރާތްތަކުންނެވެ. އަދި ފޭކްފޮޓޯތައް މީޑިއާއަށް ނެރެ، މިފަދަ ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރުވައިލުމުވެ. ޚަލީލު

ފަސްޓް ލޭޑީ ކަރޯކޭއަށް ލަވަ ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވަނީ ހަލީލު އެހެން ވިދާޅުވި ވާހަކަ ބައެއް ނޫސްތަކުން ރިޕޯޓުކުރިތާ ގަޑިއެއްހާއިރު ފަހުންނެވެ.

ފަސްޓް ލޭޑީ ލަވަ ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯއަކީ އެތަނުގައި ހުރި މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓަކަށް ލާފައި އިން ވީޑިއޯއެކެވެ. ބެލެވޭ ގޮތުގައި އެއީ ރައީސްގެ އަމިއްލަ ގެކޮޅު މ. ދިމްޔާތުގައި ރެކޯޑުކޮށްފައިވާ މަންޒަރުތަކެކެވެ. އެ ވީޑިއޯތަކުން ފަސްޓް ލޭޑީ ކަރޯކޭއަށް ލަވަ ވިދާޅުވާ މަންޒަރު އެކި ފަހަރުމަތިން ފެނެ އެވެ.

އެ ވީޑިއޯތަކުން ފެންނަނީ ހިތާނީ ޕާޓީއަކަށް ތަނެއް ތައްޔާރުކުރާ މަންޒަރާއި އެ ކަމުގެ ތެރޭގައި ކޮށްފައިވާ އެކި މަސައްކަތްތަކެވެ. ފަހުން ޕާޓީގެ އިތުރު ފޮޓޯ އަދި ވީޑިއޯ ވެސް އެ އެކައުންޓުން އާންމުކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ވީޑިއޯގައި ރައީސް މުއިއްޒު ވެސް ފެނެ އެވެ. އެ ވީޑިއޯތައް އާންމުކޮށްފައި ވަނީ އޯގަސްޓު، 2020 ގަ އެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި، ސާޖިދާ ކަރޯކޭ ޖައްސަވާ ވީޑިއޯ އާންމުވުމާއެކު، އެ ވިޑިއޯ ޝެއާކޮށްފައިވާ އެކައުންޓް ޕްރައިވެޓްކޮށް، އެ ވީޑިއޯތައް ވަނީ ޑިލީޓުކޮށްފަ އެވެ.

އާންމުވި ވީޑިއޯ ގުޅޭ ގޮތުން "އަދަދު" އިން ސުވާލުކުރުމުން ހަލީލު ވިދާޅުވީ، ރައީސްގެ ޒާތީ ދިރިއުޅުމާ ގުޅޭ އެއްވެސް ކަމެއްގައި ކޮމެންޓެއް ދެވެން ނެތް ކަމަށެވެ.

މަޖިލީހުގެ މެމްބަރެއްގެ "ދަތްދޮޅި ދުއްވައި ނުލައި" ހުރެވިދާނެތޯ ސުވާލު އުފައްދަވައި އާދަމް ޝަރީފް ވާހަކަ ދެއްކެވީ ރާއްޖޭގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ. ދިއްގަރަށް ވަޑައިގެން، އެރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒުގެ ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަޖިލިސް ކަމަށެވެ.

"އެކަމަކު އަޅުގަނޑު ހަމަ ހިތަށް އަރާ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު އެތަނުގައި މިއަދުވެސް ހުންނަ ނަމަ އެއިން މީހެއްގެ ދަތްދޮޅި ދުއްވާނުލައި ހުރެވޭނެބާއޭ،" މަޖިލީހުގައި ތިއްބެވީ ވަރަށް އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ވިދާޅުވާން "ކުޑަކޮށް ދެރަވެސް ވާ" ކަމަށެވެ. ނަމަވެސް އެހެން ވިދާޅުވާން ޖެހުނު ސަބަބުތަކުގެ ގޮތުގައި އޭނާ އިޝާރާތް ކުރެއްވީ ރައީސް އައްޔަން ކުރެއްވި ބައެއް ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިން މައްސަލަ އާއި ފުށިދިއްގަރު ފަޅު ހިއްކުމަށް ބޭނުންވާ ފައިސާ ބަޖެޓުން އުނި ކުރި ވާހަކަ އެވެ.

އާދަމް ޝަރީފް މި މޭރުމުން ވާހަކަ ދެއްކެވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި، ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި ޝަރީފް ހުންނެވިއިރު، ސިފައިންގެ އެތެރޭގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވެސް މަޖިލިސް މެމްބަރެއްގެ ދަތްދޮޅި ދުއްވާލެވިދާނެ ކަމަށް ވިދާޅުވެ ވާހަކަދެއްކެވި އެވެ. އެ ވާހަކައާ ގުޅިގެން އޭރު ޝަރީފް ވަރަށް ބޮޑަށް ހޫނުފެނަށް ވެއްޓުނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން، ވަޒީރުންގެ ގޮތުގައި އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ނުދިނީ ބަންޑާރަ ނައިބު، އަހުމަދު އުޝާމްއާއި އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދުއާއި ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު އަށެވެ.

ނަމަވެސް ސަރުކާރުން ވަނީ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.

ވަޒީރުންނަށް ނުދިނުމަކީ ސަރުކާރަށް ކުރާ "ދުއްތުރާ" އެއްގެ ގޮތުގައި އާދަމް ޝަރީފް ސިފަ ކުރެއްވިއިރު، ވަޒީރުންނަށް ރުހުން ދިނުމާއި ނުދިނުމަކީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ދީފައި އޮންނަ ބާރެކެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ށ. ގައި ބުނެފައި ވަނީ "ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އެކިއެކި ވުޒާރާތައް ހިންގުމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވަޒީރުންނާއި ބަންޑާރަނައިބުގެ މައްޗަށް" ކަމަށެވެ.

އެއާ ޖެހިގެން އޮންނަ 129 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ "ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް އައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާން ވާނެ" ކަމަށެވެ.

ގާނޫނުއަސާސީގެ ދެން އޮތް މާއްދާގައި ބުނަނީ "ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުންގެ ނަންތައް، އެމީހުން އައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާންވާނެ" ކަމަށެވެ.

މުހިއްމު ބައެއް ހަބަރު