ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގަޔަށް ބޮލަށް އަރައި މާރާމާރީ ހިންގުމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އަޑުއުފުލާފައިވާ ކަމަށާއި އެކަމާ ގުޅިގެން އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ގޮވާލައްވައިފި އެވެ.
ރާއްޖޭގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މ. ދިއްގަރަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒުގެ ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަޖިލިސް ކަމަށެވެ.
"އެކަމަކު އަޅުގަނޑު ހަމަ ހިތަށް އަރާ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު އެތަނުގައި މިއަދުވެސް ހުންނަ ނަމަ އެއިން މީހެއްގެ ދަތްދޮޅި ދުއްވާނުލައި ހުރެވޭނެބާއޭ،" މަޖިލީހުގައި ތިއްބެވީ ވަރަށް އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ސައުދު ވިދާޅުވީ އާދަމް ޝަރީފާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ގަޔަށް ބޮލަށް އަރައި މާރާމާރީ ހިންގަން ވަޒީރު ބޭފުޅުން ފާޅުގައި އަޑުއުފުލާއިރު ރައީސުލްޖުމްހޫރިއްޔާ އަތްޖަހަން އިންނަވާ ކަމީ ގައުމުގެ މަސްލަހަތު ނަގާލަން ހިތްވަރު ދިނުން. ރައީސުލްޖުމްހޫރިއްޔާ އެ ވަޒީރަށް ފިޔަވަޅު ނާޅާނަމަ މަޖިލިސް އިން ފިޔަވަޅު އަޅަން ޖެހޭ. ނޫންނަމަ މަޖިލިސް މެމްބަރުންގެ ކިބައިން ވަޒީރު މާފަށް އެދެން ޖެހޭ.
ރައީސް މުއިއްޒު ފިޔަވަޅު ނާޅައިފިނަމަ އާދަމް ޝަރީފާ ދެކޮޅަށް މަޖިލީހުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ. އަދި, މަޖިލިސް މެމްބަރުންގެ ކިބައިން އޭނާ މާފަށް އެދުމަށް ވެސް ސައުދު ގޮވާލެއްވި އެވެ.
އާދަމް ޝަރީފް މި މޭރުމުން ވާހަކަ ދެއްކެވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި، ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި ޝަރީފް ހުންނެވިއިރު، ސިފައިންގެ އެތެރޭގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވެސް މަޖިލިސް މެމްބަރެއްގެ ދަތްދޮޅި ދުއްވާލެވިދާނެ ކަމަށް ވިދާޅުވެ ވާހަކަދެއްކެވި އެވެ. އެ ވާހަކައާ ގުޅިގެން އޭރު ޝަރީފް ވަރަށް ބޮޑަށް ހޫނުފެނަށް ވެއްޓުނެވެ.
Comment