Advertisement

ރައީސްގެ އާއިލާއިން ކަރޯކޭ ނުޖައްސަވާ ކަމަށް ރައީސް އޮފީހުން ބުނި ފަހުން ވީޑިއޯއެއް އާންމުވެއްޖެ

6 މާރިޗު 2024 - 16:58 6

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު: ރައީސްގެ އާއިލާއިން ކަރޯކޭ ނުޖައްސަވާ ކަމަށް ރައީސް އޮފީހުން ބުނި ފަހުން ވީޑިއޯއެއް އާންމުވެއްޖެ - ފޮޓޯ: ރައީސް އޮފީސް


ރައީސްގެ އާއިލާއިން ކަރޯކޭ ނުޖައްސަވާ ކަމަށް ރައީސް އޮފީހުން ބުނި ފަހުން ވީޑިއޯއެއް އާންމުވެއްޖެ

6 މާރިޗު 2024 - 16:58 6

ކަރޯކޭ ޖެއްސެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއިން ދުވަހަކު ވެސް ކުރެއްވި ކަމެއް ނޫން ކަމަށް ރައީސް އޮފީހުން މިއަދު ބުނި ފަހުން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކަރޯކޭއަށް ލަވަ ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ރައީސްގެ އާއިލާއިން ކަރޯކޭ ނުޖައްސަވާ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ ފަސްޓް ލޭޑީ ސާޖިދާ ކަރޯކޭ ޖައްސަވަން އަގުބޮޑު ސައުންޑު ސިސްޓަމެއް ގަނެ، މުލީއާގެއަށް ވެއްދި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޭކު ފޮޓޯއެއް ދައުރުކުރުމުންނެވެ.

މުލީއާގެއަށް ސައުންޑް ސިސްޓަމެއް ގަތް ކަމަށް ފަތުރަމުންދިޔަ ހަބަރު ދޮގުކޮށް، ބައެއް މީޑިއާތަކަށް ހަލީލު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކަރޯކޭ ކުޅުއްވުމަކީ "އެއްވެސް ދުވަސްވަރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއިން ގޭތެރޭގައި ކުރައްވާ ކަމެއް ނޫން" ކަމަށެވެ.

ފަސްޓް ލޭޑީ ކަރޯކޭއަށް ލަވަ ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވަނީ ހަލީލު އެހެން ވިދާޅުވި ވާހަކަ ބައެއް ނޫސްތަކުން ރިޕޯޓުކުރިތާ ގަޑިއެއްހާއިރު ފަހުންނެވެ.

ފަސްޓް ލޭޑީ ލަވަ ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯއަކީ އެތަނުގައި ހުރި މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓަކަށް ލާފައި އިން ވީޑިއޯއެކެވެ. ބެލެވޭ ގޮތުގައި އެއީ ރައީސްގެ އަމިއްލަ ގެކޮޅު މ. ދިމްޔާތުގައި ރެކޯޑުކޮށްފައިވާ މަންޒަރުތަކެކެވެ. އެ ވީޑިއޯތަކުން ފަސްޓް ލޭޑީ ކަރޯކޭއަށް ލަވަ ވިދާޅުވާ މަންޒަރު އެކި ފަހަރުމަތިން ފެނެ އެވެ.

އެ ވީޑިއޯތަކުން ފެންނަނީ ހިތާނީ ޕާޓީއަކަށް ތަނެއް ތައްޔާރުކުރާ މަންޒަރާއި އެ ކަމުގެ ތެރޭގައި ކޮށްފައިވާ އެކި މަސައްކަތްތަކެވެ. ފަހުން ޕާޓީގެ އިތުރު ފޮޓޯ އަދި ވީޑިއޯ ވެސް އެ އެކައުންޓުން އާންމުކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ވީޑިއޯގައި ރައީސް މުއިއްޒު ވެސް ފެނެ އެވެ. އެ ވީޑިއޯތައް އާންމުކޮށްފައި ވަނީ އޯގަސްޓު، 2020 ގަ އެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި، ސާޖިދާ ކަރޯކޭ ޖައްސަވާ ވީޑިއޯ އާންމުވުމާއެކު، އެ ވިޑިއޯ ޝެއާކޮށްފައިވާ އެކައުންޓް ޕްރައިވެޓްކޮށް، އެ ވީޑިއޯތައް ވަނީ ޑިލީޓުކޮށްފަ އެވެ.

އާންމުވި ވީޑިއޯ ގުޅޭ ގޮތުން "އަދަދު" އިން ސުވާލުކުރުމުން ހަލީލު ވިދާޅުވީ، ރައީސްގެ ޒާތީ ދިރިއުޅުމާ ގުޅޭ އެއްވެސް ކަމެއްގައި ކޮމެންޓެއް ދެވެން ނެތް ކަމަށެވެ.