Advertisement

ތަފާތު ބޮޑުކޮށް ޝެފީލްޑް އަތުން އާސެނަލް މޮޅުވެއްޖެ

5 މާރިޗު 2024 - 07:47 0


ތަފާތު ބޮޑުކޮށް ޝެފީލްޑް އަތުން އާސެނަލް މޮޅުވެއްޖެ

5 މާރިޗު 2024 - 07:47 0

ލަންޑަން (މާޗް 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުން ވަނީ ތަފާތު ބޮޑުކޮށް، 6-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު، އާސެނަލް ވަނީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު ޕޮއިންޓުގެ ފަރަގު ކުޑަކޮށްފަ އެވެ. އެއް ވަނައިގައި އޮތް ލިވަޕޫލަށް 27 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 27 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ. އަދި ތިން ވަނައިގައި އޮތް އާސެނަލަށް 27 މެޗުން ވަނީ 61 ޕޮއިންޓް ލިބިފަ އެވެ.

ޝެފީލްޑް ދަނޑުގައި ރޭ އާސެނަލުން ފުރަތަމަ ހާފު ނިންމާލީ ވެސް ފަސް ގޯލު ކުރީގައި އޮވެގެންނެވެ. އެ ގޮތުން، އާސެނަލުން ލީޑުނެގީ، ފަސް ވަނަ މިނިޓްގައި މާޓިން އޮޑެގާޑް ޖެހި ގޯލުންނެވެ. ޝެފީލްޑްގެ ޖޭޑަން ބޯގަލް އަތުން 13 ވަނަ މިނިޓްގައި ބައިކޮޅަށް ވަން ގޯލުން އާސެނަލުން ލީޑުފުޅާކުރިތާ ދެ މިނިޓް ފަހުން، ގަބްރިއެލް މާޓިނެލީ ވަނީ އާސެނަލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

މެޗުގެ 25 ވަނަ މިިނިޓްގައި ކައި ހަވާޓްޒް ވަނީ އާސެނަލަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ހަ މިނިޓް ކުރިން، ޑެކްލަން ރައިސް ވަނީ އާސެނަލްގެ ފަސް ވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ.

ޝެފީލްޑުން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅު ކުރި ނަމަވެސް ލަނޑެއް ނުޖެހުނެވެ. އާސެނަލުން ވަނީ މި ހާފުގައި ވެސް ގޯލެއް ޖަހައިފަ އެވެ. އެ ޓީމުގެ ލަނޑު ޖަހައިިދިނީ، ބެން ވައިޓް އެވެ.

މިކޭލް އާޓެޓާގެ އާސެނަލުން މި މޮޅާ އެކު ވަނީ ޕްރިމިއާ ލީގުގެ ރެކޯޑެއް ހަދައިފަ އެވެ. އާސެނަލަކީ އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ރަށުންބޭރުގައި ކުޅުނު ޖެހިޖެހިގެން ތިން މެޗުން ފަސް ގޯލު ނޫނީ އެ އަށް ވުރެ ގިނަ ގޯލު ޖަހައިގެން މޮޅުވި ފުރަތަމަ ޓީމެވެ.