Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: ގާފަރު ބަލިކޮށް ފައިނަލުގެ ފަހު ޖާގަ އޭދަފުއްޓަށް

5 މާރިޗު 2024 - 07:33 0

އަތޫފް އާތިފް

އަތޫފް އާތިފް

އޭދަފުށީ ޓީމުގެ ކީޕަރު އަފޫ ޕެނަލްޓީއެއް މަތަކުރުމަށް ފަހު އުފާފާޅުކުރަނީ.


ގޯލްޑަން ފުޓްސަލް ޗެލެންޖް: ގާފަރު ބަލިކޮށް ފައިނަލުގެ ފަހު ޖާގަ އޭދަފުއްޓަށް

5 މާރިޗު 2024 - 07:33 0

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ޕެނަލްޓީގައި ކ. ގާފަރުގެ މައްޗަށް 5-6 ގެ ނަތީޖާއަކުން ކުރިހޯދާ ބ. އޭދަފުށިން ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފި އެވެ.

މި މުބާރާތުގެ ޒޯން ބުރުގައި ކުޅުނު ދެ މެޗުގައި ގާފަރުން ވަނީ އޭދަފުށީގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި ޒޯން ބުރުގެ ފައިނަލުގައި ގާފަރުން ވަނީ ޕެނަލްޓީގައި އޭދަފުށި ބަލިކޮށްފަ އެވެ. އެހެން ނަމަވެސް، އެ މެޗުގެ ބަދަލު ހިފައި އޭދަފުށިން މި ވަނީ ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖް ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އޭދަފުށި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ކުޅެފައިވަނީ 2019 ވަނަ އަހަރު އެވެ.

ރޭގެ މެޗުގެ ހަވަނަ މިނެޓުގައި ގާފަރުން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. އޭދަފުށީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގާފަރުގެ އަލީ މާއިސް (މައްޓު) ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މި ލަނޑަށް ފަހު ވެސް މައްޓު ވަނީ ނުރައްކާތެރި ދެ ބޯޅައެއް ގޯލާ އަމާޒުކޮށް ފޮނުވާލާފަ އެވެ. އެކަމަކު އޭދަފުށީގެ ކީޕަރު އަބްދުالله ނާސިހް ވަނީ ދިފާއުކޮށްފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން އޭދަފުށިން ކުޅުން ރަނގަޅުކުރިއިރު, އެޓީމުން ވަނީ މި ހާފުގައި ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް އޭދަފުއްޓަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލުންނެވެ. މިއީ, ގާފަރުގެ އަޒްޔާން އަތުން ގެއްލުނު ބޯޅައެއް ހޯދާ ސެންޓޭ އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލި ބޯޅައަކުން އެނާ ޖެހި ގޯލެކެވެ.

އެކަމަކު އޭގެ ފަހުން އޭދަފުށީގެ ފަސް ފައުލު ހަމަވެގެން ގާފަރަށް ވަނީ ދުރު ޕެނަލްޓީ އެއް ލިބިފަ އެވެ. ގާފަރުގެ ރިމާހު ފޮނުވާލި ހަމަލާ އޭދަފުށީގެ ކީޕަރު ނާސިހު ވަނީ ދިފާއުކޮށްފަ އެވެ.

މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ގާފަރުން ވަނީ ލީޑު ނަގައިފަ އެވެ. މިއީ އޭދަފުށީގެ ހަތް ވަނަ ފައުލާއެކު ލިބުނު ޕެނަލްޓީގައި ޝަނާނު ޖެހި ގޯލެކެވެ. އެކަމަކު، މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އޭދަފުށީގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އޭގެ ފަހުން މެޗު ނިމެން ފަސް ސިކުންތައް ވެފައި ހުއްޓަ މައްޓު ފޮނުވާލި ބާރު ދެ ހަމަލާގެ ހުރަހަކަށްވީ އޭދަފުށީގެ ކީޕަރު، މެޗުގެ މޮޅު ކުުޅުންތެރިޔާ، ނާސިހު އެވެ.

ޕެނަލްޓީގައި ގާފަރުގެ ރިމާހު، މައްޓު، އަޒްޔާން ފޮނުވާލި ޕެނަލްޓީ އޭދަފުށީގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ. އަނެއްކޮޅުން އޭދަފުށިން ޕެނަލްޓީގައި ނާކާމިޔާބުވީ ޝަރީފް އާއި ޖައުޝަން ފޮނުވާލި ޕެނަލްޓީތަކެވެ. އޭދަފުށިން ޕެނަލްޓީގައި ކުޅުނީ، ކީޕަރު އަފްޒަލް އެވެ. ގާފަރުގެ ގޯލު ބެލެހެއްޓީ ކީޕަރު ސައްމާން އެވެ.

މި ނަތީޖާއާއެކު ފައިނަލުގައި އޭދަފުށިން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމާއި ދެކޮޅަށެވެ.