Advertisement

ރަށު ޕިކަޕުން އަހަރީ ފީ ނެގުން ހުއްޓާލަނީ

ތ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށު ކައުންސިލްތަކަށް ހަދިޔާކުރި ރަށު ޕިކަޕްތަކެއް-- ފޮޓޯ: ތ. އަތޮޅު ކައުންސިލް


ރަށު ޕިކަޕުން އަހަރީ ފީ ނެގުން ހުއްޓާލަނީ

ރަށްރަށުގައި ދުއްވާ ޓްރައިސައިކަލް ނުވަތަ ރަށު ޕިކަޕު ތަކުން އަހަރީ ފީ ނެގުން ހުއްޓާލަން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އިއްޔެ ރ. ދުވާފަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެމަނިކުފާނު ވިދާޅުވީ މި އުޅަނދުތަކަކީ ބެޓެރިން އޮޕަރޭޓްކުރާ ތިމާވެއްޓާއި ރަށްޓެހި އުޅަނދުތަކަކަށްވާއިރު އެއިން ރައްޔިތުންނަށް އެތައް ފަސޭހަތަކެއްވާ ކަމަށާއި އެ އުޅަނދުތަކުން ސަރުކާރަށް ދައްކާ ފީ ކަނޑާލަދިނުމަށް ވަރަށް ގިނަ ކައުންސިލްތަކުން އެދެމުންދާކަމަށެވެ. އެހެންކަމުން، ރަށު ޕިކަޕުން ނަގާ އަހަރީ ފީ، އަންނަ މަހުން ފެށިގެން އުވާލުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

"ރަށު ޕިކަޕަށް އެބަ ނަގާ ސަރުކާރުން 18،00ރ ފީއެއް ގޮތުގަ، އެއީ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހައެއްވާ އުޅަނދުތަކެއް، ތިމާވެއްޓާއި ރަށްޓެހި އުޅަނދުތަކެއް، އަޅުގަނޑުމެން މިބަލަނީ އަޅުގަނޑުމެންގެ މުޖުތަމައަކީ ފެހިކަން ގަދަ ތިމާވެއްޓާއި ރަށްޓެހި މުޖުތަމައަކަށް ހަދަން، އިރާދަކުރެއްވިއްޔާ އަންނަ މަހުން ފެށިގެން ރަށުޕިކަޕުން ނަގާ ފީ އެއްކޮށް އުވާލަދޭނަން،" ރައީސް ވިދާޅުވިއެވެ.

ރަށު ޕިކަޕުތަކުން އަހަރީ ފީއެއް ގޮތުގައި ނަގަނީ 1،800ރ އެވެ. ރައީސް ވިދާޅުވީ މި ފީ އުވާލުމުން އިންޖީނު ވެހިކަލްތައް އިހްތިޔާރު ކުރުމަށް ވުރެ، ބެޓަރީ ވެހިކަލްތަކަށް ދިޔުމަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

އަތޮޅުތެރޭގައި ދުއްވާ އުޅަނދުތަކުން ނަގާ ފީ މިހާރު ބަލައިގަންނަނީ ރަށު ކައުންސިލުތަކުންނެވެ. މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ސަރުކާރުން ގެނައި މިބަދަލާއެކު އުޅަނދުތަކުން ފީ ނަގައިގެން ލިބޭ އާމްދަނީ ލިބޭނީ ސީދާ އެ ރަށެއްގެ ކައުންސިލަށެވެ.