Advertisement

ވަޔޮލޭޝަން ސްޓިކާއެއް ނުޖަހާނަން؛ ގަވާއިދާ ހިލާފުވާނަމަ އުޅަނދު ކުރާނީ ޓޯ: ފުލުހުން

3 މާރިޗު 2024 - 21:33 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަގުމަތީގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު


ވަޔޮލޭޝަން ސްޓިކާއެއް ނުޖަހާނަން؛ ގަވާއިދާ ހިލާފުވާނަމަ އުޅަނދު ކުރާނީ ޓޯ: ފުލުހުން

3 މާރިޗު 2024 - 21:33 0

ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ނުފަށާނެ ކަމަށާއި އެފަދަ އުޅަނދުތަކަށް އަޅަން ނިންމާފައިވާ ނިންމުމަކީ ޓޯ ކުރުން ކަމަށް ބުނެ ފުލުހުންގެ ބަޔާން އިތުރަށް ތަފުސީލު ކޮށްދީފި އެވެ.

ފުލުހުން ބުނީ މިރޭ ފުލުހުން ނެރުނު ބަޔާނުގައިވާ މައުލޫމާތު އޮޅޭ ގޮތަށް ހަބަރު ލިޔުމުންނެވެ.

"ނޫސްބަޔާނުގައި އިޝާރާތް ކުރާ މާއްދާތަކަކީ ޓޯ ކުރުމުގެ މާއްދާއާއި ޕާކިން ވަޔަލޭޝަން ސްޓީކާ ޖަހާ ހަލަތްތައް ފިޔަވައި ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ މާއްދާ އެވެ." މީޑިއާތަކަން ފަހުން ފުލުހުން ފޮނުވި ކުރު ބަޔާނުގައ ބުނެފައިވެ އެވެ.

ފުލުހުން މިރޭ އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ އަންނަ ބުރާސްފަތު ދުވަހުން ފެށިގެން ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކާމެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ނ. އާއި އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ށ. ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގައި ވަޔަލޭޝަން ސްޓިކާ ޖެހުމުގެ އިތުރުން އުޅަނދުގެ ވެރިފަރާތުގެ ލައިސަންސުން ޕޮއިންޓު ކެނޑުމުގެ ބާރު، ޓްރާންސްޕޯޓު މިނިސްޓަރީއަށް ނުވަތަ އެ މިނިސްޓަރީން ކަނޑައަޅާ ފަރާތަކަށް ލިބޭ ކަމަށެވެ.

އޭގެއިތުރުން ނުގަވާއިދުން ޕާކު ކޮށްފައި ހުންނަ އުޅަނދުފަހަރު ޓޯ ކުރުމުގެ ބާރު ވެސް އެ ގާނޫނުގެ ދަށުން ފުލުހުންނަށް ދީފައިވެ އެވެ.

އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައި ވަނީ ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތް ފިޔަވައި، ނުގަވާއިދުން ޕާކު ކުރާ ފަރާތްތައް 750ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. މި މާއްދާ ތަންފީޒުނުކުރާނެ ކަމުގެ ޔަގީންކަން ފުލުހުންގެ ބަޔާނުގައި ދީފައިވެ އެވެ.

ނުގަވާއިދުން ޕާކު ކުރާ އުޅަނދުތައް އަންނަ ހަފުތާއިން ފެށިގެން ޖޫރިމަނާ ކުރަން ފަށަން ނިންމާފައިވާކަން ފުލުހުން އިއުލާނުކުރިއިރު، ޕާކު ކުރާނެ ޖާގަ ނުދައްކައި ޖޫރިމަނާ ނުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ ޕާކު ކުރާނެ ޖާގަ ނުދައްކައި ކުރީ ސަރުކާރުން ޖޫރިމަނާ ކޮށްފައި ވާތީ އެ ސަރުކާރަށް ފާޑު ވެސް ވިދާޅުވެފަ އެވެ.