Advertisement

އަސާސީ ގަވާއިދު އޮންނަނީ އެސޯސިއޭޝަނުގެ ވެރިން ފަހާ "ހެދުމަކަށް" ވެފައި

3 މާރިޗު 2024 - 15:47 0


އަސާސީ ގަވާއިދު އޮންނަނީ އެސޯސިއޭޝަނުގެ ވެރިން ފަހާ "ހެދުމަކަށް" ވެފައި

3 މާރިޗު 2024 - 15:47 0

ކުޅިވަރު އެސޯސިއޭޝަންތަކަށް ބަލާއިރު، އެ ޖަމިއްޔާއެއް ހިއްގާ އަސާސީ ގަވާއިދު ވެފައި އޮންނަނީ އެ ތަނެއްގެ ވެރިންނަށް ހެޔޮވަރުކޮށް ފަހާ "ހެދުމަކަށް" ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވެއްޖެ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އެންމެ ފަހުން، ފާސްކުރި އަސާސީ ގަވާއިދުގެ ދަށުން އެ އެސޯސިއޭޝަންގެ ކަންކަން ކުރިއަށްގެންދަން ބަލާއިރު، މިހާރު ވެސް ދެބަސްވުންތަކެއްގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.

ވޮލީ އެސޯސިއޭޝަނުގައި މި ދިމާވެފައިވާ ކަންތައްތައް، ރިޕޯޓްކުރަން، "އަދަދު" އިން ގެނެސްދިން ހަބަރެއް، ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަށް ފަހު، މަރޭ ވިދާޅުވީ، ހަގީގަތުގައި ދެބަސްވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

މަރުޒޫގު، އަމިއްލަ ފޭސްބުކް އެކައުންޓް މެދުވެރިކޮށް މިއަދު ކޮށްފައިވާ ޕޯސްޓްގެ ސްކްރީންޝޮޓެއް.


"މައްސަލަ އަކީ އަބަދުވެސް ދެބަސްވަނީ މަގާމަށްޓަކައި، ހެދުން (އަސާސީ ގަވާއިދު) ފަހަނީ އަރާ ވެރިންގެ ބާރަށް، ކުޅިވަރު ކުރިއަރުވާކަށް ނޫން. އަދި އަމުދުން ކުޅުންތެރިންނަށްޓަކައެއް ނޫން،" މަރޭ ވިދާޅުވި އެވެ.

"ކުޅުންތެރިންގެ މަންފާ އަށް، އެ މީހުންގެ ކުރިއެރުމަށް. ގަވާއިދު ނެހެދެންޏާ އެއީ ކުޅިވަރު އެސޯސިއޭޝަނެއް ނޫން. ކޮންމެ ވެސް އެހެން އެއްޗެއް،"

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު 12 އަހަރު ފުރުއްވުމަށް ފަހު، މަރޭ މަގާމުން ދުރުވީ، 2021 ވަނަ އަހަރުގަ އެވެ. ކުޅިވަރުގެ ކަންކަމުގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު، މި ވަގުތު އެ ފަދަ ކަންކަމުން އަމަލީ ސިފައެއްގައި އެއްކައިރީގައި ހުރި ނަމަވެސް ބައެއް ކަންކަމުގައި މަރޭ ވަނީ އަމިއްލަ ޝުއޫރު ސޯޝަލް މީޑިއާގައި ފާޅުކޮށްފަ އެވެ.

ވޭތުވެދިޔަ 10-15 ވަރަކަށް އަހަރަށް ބަލާއިރު، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުތަކުގައި ހުންނަ ފުށުއެރުންތަކާ ހެދި ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. މި ކަންކަމަށް ދެމެހެއްޓެނިވި ބަދަލެއް ރަނގަޅު ގޮތުގައި ގެންނަން ކުރާ މަސައްކަތުގައި އަދިވެސް އަލިމަގެއް ނުފެނެ އެވެ. ކުޅިވަރު ގާނޫނެއް 2015 ގައި ވުޖޫދުވެ އަމަލު ކުރަން ފެށި ނަމަވެސް، އޭގައި ހިމެނޭ ބައެއް މުހިންމު ކަންކަން އަދިވެސް ފުރިހަމަވެފައި ނެެތެވެ.

މި ފަހުގެ ތާރީހަށް ބަލާއިރު، ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރޭގައި ހިމެނޭ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އަސާސީ ގަވާއިދާ ގުޅޭ ގިނަ ކަންތައްތަކެއް ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވަނީ ބަލައިފަ އެވެ.

މީގެ އިތުރުން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އަސާސީ ގަވާއިދުގައި ވެސް ހުރި ބައެއް ކަންތައްތަކާ ގުޅޭ ޝަކުވާ ހިފައިގެން، ބެޑްމިންޓަންގެ އިސް ފަރާތްތަކެއް، ސްޕޯޓްސް ކޮމިޝަނަރު، ތޮލާލް އަރިހަށް ވަޑައިގެންނެވި ކަމުގެ މައުލޫމާތު ވެސް ލިބިފައިވެ އެވެ.