Advertisement

ވޮލީ އެސޯސިއޭޝަންގެ އިންތިހާބު މި މަހު 15 ގައި ބާއްވަނީ

3 މާރިޗު 2024 - 14:38 0

ވޮލީބޯލް އެސޯސިއޭޝަންގެ އެންމެ ފަހުގެ ރައީސް ރަނޭ: އޭނާ މަގާމުން އިސްތިއުފާދީފައިވާތީ، ވީއޭއެމް އިން މި މަހު 15 ގައި އިންތިހާބެއް ބާއްވާނެ.


ވޮލީ އެސޯސިއޭޝަންގެ އިންތިހާބު މި މަހު 15 ގައި ބާއްވަނީ

3 މާރިޗު 2024 - 14:38 0

ވޮލީބޯލް އެެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހުސްވެފައިވާ މަގާމުތަކަށް މީހުން ހޮވަން ބާއްވާ އިންތިހާބު މި މަހު، 15 ވަނަ ދުވަހު ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ހާމަކޮށްފި އެވެ.

ވޮލީ އެސޯސިއޭޝަންގެ ރައީސް، މުހައްމަދު ރަނޭޝް (ރަނޭ) ގެ ދައުރުގައި ބާކީ އެއް އަހަރު އޮއްވައި، އޭނާ ވަނީ މި މަހު 1 ވަނަ ދުވަހުން ފެށިގެން މަގާމުން އިސްތިއުފާދީފަ އެވެ. އެއީ، މިދިޔަ މަހު 27 ގައި ލީ ސިޓީއެއް މެދުވެރިކޮށެވެ. އާ އިންތިހާބެއް ބާއްވަނީ އެ މަގާމަށް ދައުރުގެ ބާކީ ބައި ފުރިހަމަ ކުރާނެ ފަރާތެއް ކަނޑައެޅުމަށެވެ.

ވޮލީ އެސޯސިއޭޝަނުން މި ފަހުން، މީޑިއާ އަށް ހުޅުވާލެވިގެން ދައުވަތު ދިނުމެއް ނެތި، ގިނަ ކޮންގްރެސްތަކެއް ބާއްވާފަައިވެ އެވެ.

އެ ގޮތުން، އެންމެ ފަހުން މިދިޔަ މަހު 15 ގައި ބޭއްވި ވޮލީ އެސޯސިއޭޝަންގެ ކޮންގްރެސްގައި ފާސްކުރި އަސާސީ ގަވާއިދު، މިދިޔަ މަހުގެ 19 ވަނަ ދުވަހު ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ ރަޖިސްޓްރީ ކޮށްދީފަ އެވެ. މިއީ އެކި ފަހަރު މަތިން ކަންކަން ބަދަލުކޮށްގެން ފާސްކުރެވުނު އަސާސީ ގަވާއިދެކެވެ.

މިއަދު، ވޮލީ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވޮލީ އެސޯސިއޭޝަނުން އޭޕްރީލް 2021 ގައި ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި މެމްބަރުން ވަނީ، މިދިޔަ މަހު 15 ވަނަ ދުވަހު ބޭއްވި އެކްސްޓްރާ އޯޑީނަރީ ކޮންގްރެސްގައި ފާސްކުރި ގަރާރެއް މެދުވެރިކޮށް، މިހާރުގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް މައިގްރޭޓް (ހިޖުރަކުރެވިފައި) ކަމަށެވެ.

އެކަމަކު، އެ މަގާމުތަކަށް ހިޖުރަކުރި މެމްބަރުންގެ ތަފްސީލެއް ވޮލީ އެސޯސިއޭޝަނުގެ ބަޔާނުގައެއް ނެތެވެ.

ވީއޭއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހިންގާ ކޮމިޓީން ހުސްވާ މަގާމުތަކަށް މެމްބަރުން އައްޔަންކުރުމަށް، 7 ދުވަހާއި 30 ދުވަހުގެ ތެރޭގައި، އިންތިހާބެއް ބާއްވައި، ހުސްވި މަގާމުތަކަށް ދައުރުގެ ބާކީ ބަޔަށް މީހުން އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.

އަދި އެ މުއްދަތު ފެބްރުއަރީ 19 އިން ފެށިގެން ގުނަން ފަށާފައިވާއިރު، ރޭ ބޭއްވުނު، ވޮލީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުން ފާސްކޮށްފައިވަނީ، މި މަހު 15 ގައި އިންތިހާބު ބޭއްވުމަށް ކަމަށެވެ.

ވޮލީ އެސޯސިއޭޝަނުން ވަނީ، މަގާމުތަކަށް ހިޖުރަ ކުރި މެމްބަރުންގެ ތެރެއިން، ބީޗްވޮލީބޯޅައިގެ ނައިބު ރައީސަށް އައި، އަބްދުﷲ ނަޝީދު (އަބުޅޯ)އާ އެސޯސިއޭޝަންގެ އިންތިހާބާ ހަމައަށް ދިއުމަށް ދަންދެން ކަންކަން ކުރުމުގެ ޒިންމާ ހަވާލުކޮށްފަ އެވެ.

މި ޒިންމާ އަބްދުﷲއާ ހަވާލުކުރަން ރޭ ވޯޓު ނެގި، އެސޯސިއޭޝަންގެ އެކްސްކޯ ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް އަޝްރަފް އަލީ (އަޝްރާ) ބައިވެރިވި ނަމަވެސް ވަކި ހިސާބަކުން އެ ޖަލްސާ ދޫކޮށްލީ، މި ކަންކަންކުރިއަށް ގެންދެވޭނީ މި ކަމުގައި ކުރިއަށްދާނެ "ގާނޫނީ ލަފާ" ހޯދައިގެން ކަމަށް ބުނެ އެވެ.