Advertisement

ހުކުމް ފަސްކޮށް ކަފާލާތުން ދޫކޮށްލެވޭ އިޖުރާއަތްތައް ހިމަނަން ބިލު ހުށަހަޅައިފި

3 މާރިޗު 2024 - 15:21 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަންޓޭ. މި ބިލުގައި ވަނީ ކުށްތަކުގައި އިސްތިއުނާފު މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ދޫކޮށްލަން އެދޭއިރު ސާބިތުކުރަން ޖެހޭ ކަންކަން ވެސް ހިމަނާފައި. ---- ފޮޓޯ: މަޖިލިސް އިދާރާ


ހުކުމް ފަސްކޮށް ކަފާލާތުން ދޫކޮށްލެވޭ އިޖުރާއަތްތައް ހިމަނަން ބިލު ހުށަހަޅައިފި

3 މާރިޗު 2024 - 15:21 0

ހުކުމް ތަންފީޒުކުރުން ފަސްކޮށްދީ، ކަފާލާތުގެ ދަށުން އިސްތިއުނާފު ނިމެންދެން ބަންދުން ދޫކޮށްލެވޭނެ ހަމަތައް ހިމަނައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅައިފި އެވެ.

ސަރުކާރުން ހުށަހެޅި ބިލުގައި ކުށް ސާބިތުވެ އެ ކުށަށް އޭނާގެ މައްޗަށް ޖަލުގައި ބަންދު ކުރުމުގެ އަދަބެއް ކަނޑައަޅާފައި ވަނިކޮށް އެ ހުކުމް އިސްތިއުނާފު ކުރުމަށް ފަހު އިސްތިއުނާފު މަރުހަލާގައި ކޯޓުގައި، އިސްތިއުނާފު ނިމެންދެން ކަފާލާތުގެ ހައްގު ލިބޭނެ ކަން ބަޔާންކޮށްފައިވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުތަކެއް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ޝަރީއަތް ހިނގަމުންދާ ދުވެލި ލަސްވެ، "ވާނުވާ" ބަންދުގައި ތިބެން ޖެހޭތީ އުފުލަން ޖެހޭ ތަކުލީފުތަކަށް ލުޔެއް ދިނުމުގެ ނިޔަތުގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓެ) ގެ ނަމުގައި ހުށަހެޅުއްވި ބިލުގައި ބުނާ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 63 ވަނަ މާއްދާގައި ބަޔާން ކުރާ ކުށްތަކުގެ ތެރެއިން ކުށެއް ސާބިތުވެ ހުކުމް ކޮށްފައިވާ ހާލަތުގައި، އެ ކަމަށް ނޭދެވޭނެ ކަމަށެވެ.

އެ ކުށްތަކަކީ؛

  • ގަސްދުގައި މީހަކު މެރުން
  • މީހަކު މަރާލެވޭނެ ފަދަ ހަތިޔާރަކުން ހަމަލާދީ، އަނިޔާކުރުން
  • ޓެރަރިޒަމްގެ އަމަލެއް ހިންގުން
  • ދައުލަތުގެ މިނިވަންކަމާއި އިސްތިގްލާލަށް ގެއްލުންވާ ފަދަ އަމަލެއް ހިންގުން
  • މަސްތުވާތަކެތި ޓްރެފިކް ކުރުން
  • ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުން
  • ކަފާލާތުގައި ދޫނުކުރެވޭނެ ކަމަށް ހާއްސަ ގާނޫނުތަކުން ކަނޑައަޅާފައިވާ މައްސަލަތައް

އެހެން ކުށްތަކުގައި އިސްތިއުނާފު މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ދޫކޮށްލަން އެދޭއިރު ތިން ކަމެއް ސާބިތުކުރަން ޖެެހެ އެވެ.

  • ހުށަހަޅާފައިވާ އިސްތިއުނާފަކީ އެކަށީގެންވާ އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ އިސްތިއުނާފެއް ކަން
  • ކަފާލާތުގެ ދަށުން ދޫކޮށްލާއިރު ކަނޑައެޅޭ ޝަރުތުތަކާއެކު އެއް ގޮތްވާ ގޮތުގެ މަތީން އަމަލު ކުރާނެ ކަން
  • އިތުރަށް ބަންދުގައި ބަހައްޓައިގެން ހާސިލުވާނެ އާންމު މަސްލަހަތެއް ނެތް ކަން.

މި ގޮތަށް ކޯޓުގައި އެދިއްޖެނަމަ، އެ ކަން އަންގައި ދައުވާ ކުރާ ފަރާތަށް ކޯޓުން ނޯޓިސްއެއް ފޮނުވަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނަ އިރާއި، އިސްތިއުނާފު މަރުހަލާގައި ހުކުމް ތަންފީޒުކުރުން ފަސްކުރަން އެދޭ އިރު ވެސް ކަފާލާތުގެ ދަށުން ދޫކޮށްލަން އެދުމުން، އެ ކަމުގައި ގޮތެއް ނިިންމުމުގައި ފަނޑިޔާރުން ފަސް ކަމަކަށް ބެލުމަށް ވެސް ބިލުގައިވެ އެވެ.

  • އެ މީހަކީ ކުރިން ކަފާލާތުގެ ދަށުން ދޫކޮށް ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާ ނުވަތަ ކޯޓުގެ އަމުރަކާ ހިލާފުވެފައިވާ ފަރާތެއް ކަން ނުވަތަ ނޫން ކަން
  • މައްސަލައިގެ ޝަރީއަތް ފެށުމަށް އެކަށީގެންވާ މިންވަރަށް ވުރެ ވަގުތު ހޭދަވާނެ ކަން ނުވަތަ ނޫން ކަން.
  • ތުހުމަތު ކުރެވޭ ކުށަކީ އަނިޔާވެރި ކުށަކަށްވާނަމަ ކުށުގެ ޝިކާރައަށްވީ ފަރާތަށް އިތުރު ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތް މިންވަރު
  • އިތުރަށް ބަންދުގައި ބަހައްޓައިފިނަމަ އޭނާއާ ދެކޮޅަށް ތުހުމަތު ކުރެވޭ ކުށުގެ ދިފާއު ތައްޔާރު ކުރުމަށް ނޭދެވޭ އަސަރުކޮށްފާނެ މިންވަރު
  • ކުށުގެ ބާވަތާއި ތަހުގީގު މަރުހަލާގައި އަމަލުކޮށްފައިވާ ގޮތަށް ބަލާފައި، ބަންދުން ދޫކޮށްލައިފިނަމަ ފިލުމުގެ އިހުތިމާލު ބޮޑު ކަމަށް ބެލެވޭނެ ހާލަތްތަކެއް ވާ ކަން ނުވަތަ ނޫން ކަން

ކަފާލާތުގެ ދަށުން ދޫކޮށްލާއިރު އެ މީހަކު މައްޗަށް ޝަރުތު ކުރުމުގައި ފަނޑިޔާރުންނަށް އިހުތިޔާރު ކުރެވޭނެ ހަތް ޝަރުތެއް ވެސް ބިލުގައި ލިޔެފައިވެ އެވެ.

  • ކުށުގެ ސަބަބުން ގެއްލުން ލިބުނު މީހާ އާއި ހެކިބަސް ދޭން ތިބި މީހުންނާ މުއާމަލާތް ނުކުރުމާއި ބައްދަލު ނުކުރުން
  • ދަތުރުފަތުރު ކުރުމާއި އުޅެވޭނެ ތަންތަނާއި މީހުންނާ މުއާމަލާތް ކުރުމާ މެދު ކޯޓުން ކަނޑައަޅާ ކަންކަމަށް އަމަލު ކުރުން
  • ކަނޑައަޅާފައިވާ ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ރިޕޯޓު ކުރަން ލާޒިމު ކުރުވުން
  • ގޭގައި ހުރުމަށް ކަނޑައަޅައި އަންގާފައިވާ ވަގުތުތަކުގައި އެ ގޮތަށް އަމަލު ކުރުން
  • އެއްވެސް ގާނޫނަކާ ހިލާފު އަމަލެއް ނުވަތަ އިތުރު ކުށެއް ނުކުރުމަށް ޝަރުތު ކުރުން
  • ޝަރީއަތަށް އެއްބާރުލުން ދިނުމަށް ބާރު އަޅަން ކޯޓަށް ފެންނަ ޝަރުތެއް ކުރުން

ކަފާލާތުގެ ދަށުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާ ކުރުމުގެ އަމުރު ނެރުމުގެ އިހުތިޔާރު ވެސް ފަނޑިޔާރަށް ލިބިގެންވާ ކަމަށް ބިލުގައިވެ އެވެ.