Advertisement

އިސްތިއުނާފުކުރުމުގައި ދައުލަތާއި އާއްމުންނަށް ލުއިތަކެއް ދޭން، ގާނޫނު ބަދަލުކުރަން ހުށަހަޅައިފި

3 މާރިޗު 2024 - 14:19 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކްރިމިނަލް ކޯޓުގެ އިމާރާތް. ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ލަސްވުމުގެ ސަބަބުން އިސްތިއުނާފަށް ހުށަހަޅަން އުނދަގޫވާ ހާލަތު ރާއްޖޭގައި ކުރިމަތިވޭ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


އިސްތިއުނާފުކުރުމުގައި ދައުލަތާއި އާއްމުންނަށް ލުއިތަކެއް ދޭން، ގާނޫނު ބަދަލުކުރަން ހުށަހަޅައިފި

3 މާރިޗު 2024 - 14:19 0

ޖިނާއީ މައްސަލައެއްގައި ހުކުމް ކުރުމަށް ފަހު މަތީ މަރުހަލާއަށް އިސްތިއުނާފު ކުރަން ގާނޫނުގައި އޮންނަ 60 ދުވަހުގެ މުއްދަތު ހަމަވުމުން ވެސް ކޯޓުން ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓު ހަސްމުންނަށް ދޫނުކުރާ ހާލަތުގައި އިސްތިއުނާފަށް ލުއިތަކެއް ދެވޭ ގޮތަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނު ބަދަލުކުރަން ސަރުކާރުން ހުށަހަޅައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުތަކެއް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ޝަރީއަތް ހިނގަމުންދާ ދުވެލި ލަސްވެ، "ވާނުވާ" ބަންދުގައި ތިބެން ޖެހޭތީ އުފުލަން ޖެހޭ ތަކުލީފުތަކާއި އިސްތިއުނާފު މަރުހަލާގައި ހުންނަ ދަތިތަކެއް ފިލުވުމަކީ އެމަނިކުފާނުގެ ވައުދެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓެ) ހުށަހެޅުއްވި ބިލުގައި އިސްތިއުނާފުގެ މާއްދާއަށް އިތުރުކުރާނެ އަކުރުތަކެއް ހިމަނާފައިވެ އެވެ. އޭގައި ހިމެނެނީ، އިސްތިއުނާފުގެ މުއްދަތު ގުނުމުގައި ކޯޓުތަކުން ބަލަން ޖެހޭ ގޮތުގެ އުސޫލުތަކެވެ.

އެ ގޮތުން އިސްތިއުނާފު ކުރަން ލިބޭ 60 ދުވަހުގެ ތެރޭގައި ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ހަސްމުންނަށް ހަވާލުކޮށްފައިނުވާނަމަ އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނަން ފަށާނީ ރިޕޯޓް ހަވާލުކުރާ ތާރީހުން ފެށިގެން ކަމަށް ކަނޑައަޅަން އެ ބިލުގައި މާއްދާއެއް ހިމަނާފައި ވެ އެވެ.

ނަމަވެސް ހުލާސާ ރިޕޯޓުގެ މައްޗަށް އިސްތިއުނާފު ކުރަން ބޭނުންވާ ނަމަ އެ ކަމަށް ހުރަހެއް ނެތް ކަމަށް ވެސް ބިލުގައި ވެ އެވެ. އަދި އިސްތިއުނާފު ކުރަން އޮންނަ މުއްދަތު ހަމަވާން ގާތްވާއިރު ރިޕޯޓް ނުލިބޭނަމަ، މުއްދަތު ހަމަވުމުގެ ކުރިން އިސްތިއުނާފު ކުރާ ފަރާތުން އެ ކަން ލިޔުމުން ހައި ކޯޓަށް އަންގަން ޖެހެ އެވެ.

އިސްތިއުނާފު ހުށަހަޅަން އޮންނަ މުއްދަތުގައި އިސްތިއުނާފު ހުށަނޭޅުނީ އަމިއްލަ ބާރު ނުފޯރުވޭ ސަބަބެއް މެދުވެރިވެގެން ކަން ހައި ކޯޓަށް ސާބިތުކޮށްދީފިނަމަ އިތުރު 15 ދުވަހުގެ މުއްދަތެއް ދެވޭ ގޮތަށް ވެސް ބިލުގައި މާއްދާއެއް ލިޔެފައިވެ އެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅިގެން ކޯޓުން ނެރޭ އަމުރުތައް ނުވަތަ ނިންމުންތައް އިސްތިއުނާފު ކުރަން އޮންނަ މުއްދަތާއި، މަތީ މަރުހަލާގެ ކޯޓުތަކުން އެ މައްސަލަ ނިންމުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތަކަށް ވެސް ބަދަލުތަކެއް ހުށަހަޅާފައިވެ އެވެ.

ޕްރޮސެކިއުޓަ ޖެނެރަލްއަށް އެ ނިންމުންތައް އިސްތިއުނާފު ކުރަން މިހާރު ގާނޫނުގައި އޮންނަނީ 48 ގަޑިއިރުގެ މުއްދަތެކެވެ. ބިލުގައި ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ޖެހޭނީ ރަސްމީ ތިން ދުވަހުގެ ތެރޭގައި ކަމަށް އަދި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޖެހޭނީ ރަސްމީ ހަތް ދުވަހުގެ ތެރޭގައި ކަމަށެވެ.

ހައި ކޯޓުން 14 ދުވަހުގެ ތެރޭގައި މައްސަލަ ނިންމަން އޮންނަ އިރު، އެ މުއްދަތު ގުނާނެ ގޮތުގެ ހަމައެއް ބިލުގައި ހިމަނާފައިވެ އެވެ. އެއީ މައްސަލަ ރަޖިސްޓްރީ ކުރާ ދުވަހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ވެސް ހިމަނައިގެން ކަމަށް ބިލުގައިވެ އެވެ.

ވަރަށް ފަހު ހައި ކޯޓުގެ އެއް ފަނޑިޔާރަކަށް މި ބާވަތުގެ މައްސަލަތައް ބެލޭ ގޮތަށް ގާނޫަނަށް އިތުރު ކުރި މާއްދާ، ބިލުގައި އުނިކޮށްފައި ވެސް ވެ އެވެ.

އިސްތިއުނާފު ބަލައިގަތުމާއި ބަލައިގަތުމުގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި ރިވިއުކޮށްދިނުމަށް އެދުމަށް ވެސް މުއްދަތުތަކެއް ބިލުގައި ހިމަނާފައިވެ އެވެ. އެ ގޮތުން ހަތް ދުވަހުގެ ތެރޭގައި ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ. އަދި ރިވިއު ކުރަން ދެނީ 14 ދުވަހުގެ މުއްދަތެކެވެ.

އަދި ބަލައިނުގަންނަން ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިނަމަ، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް 30 ދުވަހުގެ މުއްދަތެއް ބިލުގައި ހިމަނާފައިވެ އެވެ.