Advertisement

ރެއާލާއި ވެލެންސިއާ އެއްވަރު، ބެލިންހަމް އަށް ރަތެއް!

3 މާރިޗު 2024 - 08:54 0


ރެއާލާއި ވެލެންސިއާ އެއްވަރު، ބެލިންހަމް އަށް ރަތެއް!

3 މާރިޗު 2024 - 08:54 0

މެޑްރިޑް (މާޗް 3) - ސްޕެނިޝް ލީގުގައި ވެލެންސިއާ ދަނޑުގައި ރެއާލް މެޑްރިޑުން ކުޅުނު މެޗު، 2-2 އިން އެއްވަރުވެއްޖެ އެވެ.

ރޭގެ މެޗުގެ އިތުރު ވަގުުތުގައި ރެއާލްގެ ޖޫޑް ބެލިންހަމް ޖެހި ގޯލުގެ ސިކުންތު ކޮޅެއް ކުރިން ރެފްރީ، ޖިލް މަންޒާނޯ މެޗު ނިންމާލުމާ އެކު، އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުން ބެލިންހަމް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ރެފްރީ މެޗު ނިންމާލީ ބެލިންހަމް ބޮލުން ގޯލު ޖެހި ހުރަސް ނެގި ފަހުން، ކަމަށް ބުނެ، ރެއާލް ކުޅުންތެރިން ވަރަށް ބޮޑަށް އެޕީލްކުރި އެވެ.

ވެލެންސިއާ އިން ރޭގެ މެޗުގައި ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެ ގޮތުން، މެޗުގެ 27 ވަނަ މިނިޓްގައި ވެލެންސިއާގެ ފުރަތަމަ ލަނޑު ޖެހީ ހޫގޯ ޑޫރޯ އެވެ. މިއީ ފްރާން ޕްރޭޒް ކުރި އެޓޭކެއްގައި ލިބުނު ބޯޅައަކުން ޑޫރޯ ޖެހި ލަނޑެކެވެ. މިއީ، ލީގުގައި އޭނާ މި ފަހަރު ޖެހި، 12 ވަނަ ގޯލެވެ. އޭގެ ތިން މިނިޓް ފަހުން، ވެލެންސިއާ އިން ލީޑުފުޅާކުރީ ރޯމަން ޔަރެމްޗުކް ޖެހި ގޯލުންނެވެ. މިއީ، ރެއާލްގެ ޑެނީ ކާވަހާލް އަށް ހެދުނު ގޯހަކުން ޔަރެމްޗުކް ޖެހި ލަނޑެކެވެ.

އަލުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި ރެއާލަށް ހިތްވަރެއް ލިބުނީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ވިނީޝިއުސް ޖޫނިއާ ޖެހި ލަނޑުންނެވެ. މިއީ ކާވަހާލް ނެގި ހުރަހެއްގައި ލިބުނު ފުރުސަތަކުން، ވިނީޝިއުސް ޖެހި ލަނޑެކެެވެ. ރެއާލުން އެއްވަރުކުރީ ވެސް ވިނީޝިއުސް ޖެހި ގޯލަކުންނެވެ. އޭނާ މި ލަނޑު ޖެހީ، މެޗުގެ 76 ވަނަ މިނިޓްގަ އެވެ.

މެޗުން މޮޅުވާން ރެއާލުން ކުރި މަސައްކަތުގައި ބެލިންހަމް ޖެހި ލަނޑު ކާމިޔާބުކުރެވުނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކަށިގަނޑު ފުމުނުތާ ދެތިން ސިކުންތު ފަހުންނެވެ. ރެއާލް ކޯޗު، ކާލޯ އަންޗެލޮޓީ ވެސް ވަނީ ރެފްރީގެ ނިންމުމަށް ފާޑުކިޔައިފަ އެވެ.

ލީގުގައި މި ފަހަރު ބަލިނުވެ، 21 މެޗު ހަމަކޮށްފައިވާ ރެއާލުން އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ރެއާލަށް 27 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޖިރޯނާ އަށް 26 މެޗުން 59 ޕޮއިންޓް ލިބިފައިވެ އެވެ.