Advertisement

ރަސްމީ ދަތުރެއްގައި ވަޑައިގެން ކެމްޕޭން ހަރަކާތް ރައީސް ހިންގެވި: ކެނދިކުޅުދޫ ކައުންސިލުން

2 މާރިޗު 2024 - 22:03 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް މުއިއްޒު ނ.ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


ރަސްމީ ދަތުރެއްގައި ވަޑައިގެން ކެމްޕޭން ހަރަކާތް ރައީސް ހިންގެވި: ކެނދިކުޅުދޫ ކައުންސިލުން

2 މާރިޗު 2024 - 22:03 1

އުތުރުގެ އަތޮޅުތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ނ. ކެނދިކުޅުދޫއަށް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ އެކަމާ މެދު އެ ރަށުގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކެނދިކުޅުދޫ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅުގެ ނަމުގައި ކެނދިކުޅުދޫއަށް ވަޑައިގެން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރައްވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒުގެ މި ޒިޔާރަތުގައި ކައުންސިލުގެ ރުހުމެއް ނެތި، ކައުންސިލުން އިންތިޒާމު ކުރި ހަރަކާތް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވާ ގޮތަށް، މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަ ދެއްކެވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ރައީސްގެ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށް އެންގުމުން ހުރިހާ އިންތިޒާމެއް ހަމަޖެއްސީ ކެނދިކުޅުދޫ ކައުންސިލުން. ނަމަވެސް ހަފްލާގެ ވަކި ހިސާބަކުން ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ މިސްރާބު ބަދަލުވެގެން ދިޔައީ، ސިޔާސީ ޕޯޑިއަމެއްގައި، ރައީސް ނިސްބަތްވާ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ދެއްކެވި ވާހަކަފުޅަކަށް،" ކެނދިކުޅުދޫ ކައުންސިލުން ބުނެ އެވެ.

މަޖިލިސް އިންތިހާބަށް ކެމްޕޭން ކުރުމަށް ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތައް ބޭނުން ކުރުމަކީ ކަނޑައެޅިގެން ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު) ގެ 19 ވަނަ މާއްދާއިން މަނާކޮށްފައިވާ ކަމެއް ކަމަށްވެސް ކެނދިކުޅުދޫ ކައުންސިލުން ބުނެ އެވެ.

މީގެއިތުރުން ކެނދިކުޅުދޫ ކައުންސިލުން ބުނީ ކައުންސިލުގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔަ މި ހަފްލާ އިންތިހާބަށް ކެމްޕޭން ކުރުމުގެ މަގްސަދުގައި އިންތިޒާމު ކުރެވުނު ހަފްލާއެއް ކަމަށް ބެލެވޭތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.

"ކައުންސިލުން ދެކޭ ގޮތުގައި ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ނަހަމަ ބޭނުން ހިފައިގެން ހިންގޭ އެފަދަ އަމަލުތަކުގެ ސަބަބުން، ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރަށް ވަރަށް ބޮޑަށް ބުރޫ އަރާނެ،" ކެނދިކުޅުދޫ ކައުންސިލުން ބުނެ އެވެ.

ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާ ބައްދަލު ކުރެއްވި ޖަލަސާގައި ސިޔާސީ ކުލަ ޖެހުމުން ކެނދިކުޅުދޫ ކައުންސިލުން ވަނީ ރައްޔިތުން ކިބައިން އެކަމަށް މައާފަށް ވެސް އެދިފަ އެވެ.

އޭގެއިތުރުން ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތަކުން އަމަލު ކުރާނަމަ، އެއީ އެ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، ކުރިޔަށް އޮތް ތަނުގައިވެސް އެފަދަ އަމަލުތައް ނުކުރުމަށް ކެނދިކުޅުދޫ ކައުންސިލުން ވަނީ އެދިފަ އެވެ.

ރައީސް މުއިއްޒު ރާއްޖޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މަޖިލިސް އިންތިހާބަށް ސަރުކާރު ހިންގަމުންދާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށް ބުނެ، އެހެން ބައެއް ކައުންސިލްތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.