Advertisement

"މި ސަރުކާރުގެ މިސްރާބު ހުރި ގޮތުން ބާރުތައް ބަލަން ނުތިބޭނެ"

1 މާރިޗު 2024 - 23:14 0


"މި ސަރުކާރުގެ މިސްރާބު ހުރި ގޮތުން ބާރުތައް ބަލަން ނުތިބޭނެ"

1 މާރިޗު 2024 - 23:14 0

އިންޑިއާ ކަނޑުގެ ސުލުހައިގައި ރާއްޖެއަކީ ބޮޑު ގައުމެއް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިސްރާބު ހުރި ގޮތުން ދުނިޔޭގެ ބާރުތައް ބަލަން ނުތިބޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ "އިންޑިއާ ކަނޑުގެ ސުލުހަޔަށް މި ރާއްޖޭގެ ދައުރު ވަރަށް ބޮޑު" ކަމަށެވެ.

"ދުނިޔޭގެ ހުރިހާ ބާރުތަކެއް މިތަނަށް އެއްވާނެ މި ސަރުކާރުގެ ކަންކަން ހުރި ގޮތުން. އެމެރިކާގެ އެތައް ވަފުދެއް އަތުވެއްޖެ. މި ސަރުކާރުގެ މިސްރާބު ހުރި ގޮތުން ދުނިޔޭގެ ބާރުތައް ބަލަން ނޯންނާނެ،" ސޯލިހު ވިދާޅުވި އެވެ.

މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ހޯދުމަކީ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައި ސޯލިހު ވިދާޅުވީ މި ސަރުކާރުން ގޯސްކޮށް ކޮށްފައިވާ ބައެއް ކަންކަމެވެ.

ހުދުމުހުތާރުކަން އިޔާދަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމުގެ މިސާލެއްގެ ގޮތުގައި ވެބްސައިޓުތައް ބްލޮކުކުރުން ފާހަގަ ކުރެއްވި އެވެ.

ޕްރެޝަރު ބޮޑުވެ އެ ވެބްސައިޓުތައް ދޫކޮށްލި ނަމަވެސް މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ލިބިއްޖެ ނަމަ ހިޔާލުފާޅުކުރުމާއި މިނިވަންކަން މި ސަރުކާރުން ހަނިކުރާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމަކީ ވެސް ހުދުމުހުތާރު ވެރިކަމެއް އާލާވުމުގެ އަލާމާތެއްގެ ގޮތުގައި ސޯލިހު ފާހަގަ ކުރެއްވި އެވެ.

ރޯދަ މަހު އިންތިހާބު ބޭއްވުމަށް ފުރަތަމަ ނިންމުމާއި އަދި މިހާރު ރަސްމީ ދުވަހެއްގައި އިންތިހާބު ބާއްވާ ގޮތަށް ނިންމީ ނުފޫޒުކަން ފާހަގަ ކުރައްވައި ސޯލިހު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ނަމަނަމަ މިހާރުގެ ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ތިބޭފުޅުން ނުދެއްވައްޗޭ. ލިބިއްޖިއްޔާ ކުރާނެ ކަންތައްތަކުގެ ކުޑަކުޑަ ތަސައްވުރެއް އަޅުގަނޑުމެންނަށް މިއަދު ފެނިގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.