Advertisement

ދޫކޮށްފައިވާ ގޯތި ކަށަވަރުކުރުމަށްޓަކައި އެމްޑީޕީއަށް މަޖިލީހުގެ އަގުލަބިއްޔަތު ދޭންޖެހޭ: އާޒިމް

1 މާރިޗު 2024 - 22:10 0

މިރޭގެ ޖަލްސާގައި އާޒިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ


ދޫކޮށްފައިވާ ގޯތި ކަށަވަރުކުރުމަށްޓަކައި އެމްޑީޕީއަށް މަޖިލީހުގެ އަގުލަބިއްޔަތު ދޭންޖެހޭ: އާޒިމް

1 މާރިޗު 2024 - 22:10 0

މާލޭގެ ރައްޔިތުންނަށް މިހާރު ދޫކޮށްފައިވާ ގޯތި ކަށަވަރުކުރުމަށްޓަކައި، އެ މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީގެ މެމްބަރުންނަށް ދޭންޖެހޭ ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އޭޕްރީލް 21 ގައި ބާއްވާ ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް މިރޭ ބޭއްވި ޖަލްސާގައި އާޒިމު ވިދާޅުވީ އުފާވެރި ދުވަސްތަކެއް ހޯދަން އެމްޑީޕީގެ މެމްބަރުންނަށް ވޯޓު ދޭންޖެހޭ ކަމަށެވެ.

މާލޭގެ ހުރިހާ ގޮނޑިތަކަށް އެމްޑީޕީގެ މެމްބަރުން ހޮވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ މެމްބަރުންނަށް ލާ ވޯޓަކީ މުސްތަގުބަލާ ގުޅިފައިވާ ވޯޓެއް ކަމަށާއި އެހެން ބަޔަކަށް އަގުލަބިއްޔަތު ލިބުމަކީ މުސްތަގުބަލު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

ހެޔޮ ހިތަކާއިގެން މާލޭގެ ރައްޔިތުންނާއި ދަފުތަރުގެ ރައްޔިތުންނަށް ބިން ޔަގީންކޮށް ދެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެމްޑީޕީގެ ފިކުރާއި ސިޔާސަތަކީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައި ދިނުން ކަމަށް އާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ މުހިންމު އެއް ކަމަކީ މާލޭގެ ރައްޔިތުންނަށް ގެދޮރު ހޯދައި ދިނުން ކަމަށާއި ނިމިގެން ދިޔަ ވެރިކަމުގައި އެކަން ހާސިލު ނުވީ އޭރު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހަދަމުންދިޔަ ދޮގުތަކުގެ ސަބަބުންނެވެ.

"އިއަދު އެއްވެސް ބަޔަކަށް ނޯޅޭ ގައުމު އޮތް ހާލަތެއް. އޭރުގައި ހެދި ދޮގުތައް ހުރިހާ އެންމެންނަށް މިއަދު އެނގިއްޖެ،" އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމުގައި ތަޖުރިބާކުރަން ޖެހުނު ކޮވިޑު 19 ގެ ބަލިމަޑުކަމުގެ ސަބަބުން އިގުތިސޯދު ފުލުގައި ޖެހި ދެ އަހަރު ގެއްލިގެން ދިޔަސް، އެ ދަތިކަން ފޫބައްދަން ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމުން އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭ ކަމަށް އާޒިމް ވިދާޅުވި އެވެ. ނަމަވެސް މިހާރު ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.