Advertisement

އެއާ އެމްބިއުލޭންސްގެ ފުރަތަމަ ޕޭޝަންޓު ބަލައި ކުޅުދުއްފުއްޓަށް ފުރަނީ

1 މާރިޗު 2024 - 20:59 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިއަދު ހިދުމަތް ދޭން ފެށި އެއާ އެމްބިއުލާންސް މަތިންދާ ބޯޓު --- ފޮޓޯ: އައިލެންޑު އޭވިއޭޝަން


އެއާ އެމްބިއުލޭންސްގެ ފުރަތަމަ ޕޭޝަންޓު ބަލައި ކުޅުދުއްފުއްޓަށް ފުރަނީ

1 މާރިޗު 2024 - 20:59 0

މިއަދު ފެށި އެއާ އެމްބިއުލާންސްގައި އުފުލާ ފުރަތަމަ ޕޭޝަންޓު ބަލައި ހދ. ކުޅުދުއްފުއްޓަށް މިރޭ އެ ބޯޓު ފުރަން ތައްޔާރުވެއްޖެ އެވެ.

އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރުގައި ބައިވެރިވާ ޑޮކްޓަރުންނާއި ނަރުހުން މިހާރު ވަނީ އެއާޕޯޓަށް ފުރަން ގޮސްފަ އެވެ. ދަތުރުގެ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ މިއަދު ހަވީރު 4:00 ޖެހިއިރެވެ. އެ ހިދުމަތް ކުރިއަށް ގެންދަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސަސްގެ ތެރެއިން ހެލްތު މިނިސްޓަރީ އާއި އައިލެންޑު އޭވިއޭޝަން ގުޅިގެންނެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެމަނިކުފާނުގެ އެ ވައުދުފުޅާ އެއްގޮތަށް އެއާ އެމްބިއުލާންސްގެ ހިދުމަތް މިއަދު ފެށުމަށް ހަމަޖެއްސިކަން އިއުލާނު ކުރީ ޑިސެމްބަރު 25، ގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓު އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

އެއަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން މިދިޔަ ޖެނުއަރީ 13، ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެކަމުގެ ޔަގީންކަން ދެއްވައި ވިދާޅުވީ ތައިލޭންޑާ ހަމައަށް ވެސް ބަލިމީހުން އުފުލަން ޖެހިއްޖެ ނަމަ އެއާ އެމްބިއުލާންސްގައި ބަލިމީހުން އުފުލާނެ ކަމަށެވެ.

އެ ވައުދާ އެއްގޮތަށް މިއަދު އެ ހިދުމަތް ފެށިގެން ދިޔައިރު، އެއާ އެމްބިއުލޭންސްގެ ސީދާ ދަތުރުތައް ހަމައެކަނި ކުރާ ދެ ގައުމުގެ ގޮތުގައި ހަމަޖައްސާފައި ވަނީ އިންޑިއާ އާއި ސްރީލަންކާ ކަމަށް ހެލްތު މިނިސްޓަރު، ޑރ. އަބްދުﷲ ހަލީލް އިއްޔެ ވިދާޅުވި އެވެ. ތައިލޭންޑާ ހަމައަށް ބަލިމީހުން އުފުލޭނީ އިތުރު ތަނަކަށް ބަދަރު ކުރުމަށްފަހު ކަމަށް ވެސް ހަލީލް އިއްޔެ ވިދާޅުވި އެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރަނީ ސީޕްލޭންއަކާއި ޑޭޝް-8 މަރުކާރުގެ މަތިންދާ ބޯޓެކެވެ. މަތިންދާ ބޯޓު ބޭނުން ކުރާނީ ރާއްޖެއިން ބޭރަށް ބަލި މީހަކު އުފުލަންޖެހޭ ހާލަތުގަ އެވެ.

އެ ދެ ބޯޓު ވެސް ތައްޔާރު ކޮށްފައި ވަނީ އަވަސް ސިއްހީ ހިދުމަތް ދެވޭނެ ފަދަ ޒަމާނީ ވަސީލަތްތަކާއެކު އެވެ. އެގޮތުން އެ ބޯޓުތަކުގައި އޮކްސިޖަނާއި ވެންޓީލޭޓަރުގެ އިތުރުން ހިތް ހުއްޓިއްޖެ ހާލަތުގައި ބޭނުން ކުރާނެ އާލާތްތަކާއި އެމަޖެންސީގައި ބޭނުން ކުރާ އިންޖެކްޝަންތައް ވެސް ހުންނާނެ އެވެ.

އެއްފަހަރާ ދެ މީހުން އުފުލުމުގެ ކެޕޭސިޓީ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މަތިންދާބޯޓާއި އެންމެ މީހަކު އުފުލޭ ގޮތަށް ފަރުމާ ކޮށްފައިވާ ސީޕްލޭންގައި ކުރިއަށް އޮތްތަނުގައި އޮންނަ ޑިމާންޑަށް ބަލައި ސްޓްރެޗަރު އިތުރު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު ހަލީލް ވިދާޅުވި އެވެ.

އެ ބޯޓުތަކުގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން އަވަސް ފަރުވާ ދިނުމަށް ތަމްރީނުކޮށްފައި ތިބި 15 ހިދުމަތްތެރިން ހަރަކާތްތެރިވާނެ އެވެ. އެއާ އެމްބިއުލާންސްގައި ބަލި މީހުން އުފުލާނީ އެންމެ ކައިރީގައި ހުންނަ ޓާޝަރީ ހޮސްޕިޓަލަށެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް 24 ގަޑިއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރީން ބުނެ އެވެ.

ކުށެއްގެ އިސްލާހު: މާޗް 1، 2024


އެއާ އެމްބިއުލޭންސްގެ ފުރަތަމަ ދަތުރުގައި ފުރަނީ ފުވައްމުލަކަށް ކަމަށް މި ލިޔުމުގައި ކުރިން ލިޔެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ.