Advertisement

8000 ޑޮލަރުން ޖޫރިމަނާކޮށް ރޮނާލްޑޯ އަށް ސަސްޕެންޝަނެއް

1 މާރިޗު 2024 - 09:36 0


8000 ޑޮލަރުން ޖޫރިމަނާކޮށް ރޮނާލްޑޯ އަށް ސަސްޕެންޝަނެއް

1 މާރިޗު 2024 - 09:36 0

ރިޔާދު، ސައުދީ އަރަބިއްޔާ (މާޗް 1) - އަލް ޝަބާބްގެ ސަޕޯޓަރުންނަށް ރައްދުދޭން ބޭއަދަބީ އިޝާރާތުން ކަންތައްތަކެއް ކުރި މައްސަލައިގައި، އަލް ނަސްރުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ، 8000 ޑޮލަރުން ޖޫރިމަނާކޮށް، އެއް މެޗަށް ސަސްޕެންޑް ކުރަން ނިންމައިފި އެވެ.

އަލް ޝަބާބް އަތުން އަލް ނަސްރު 3-2 އިން މޮޅުވި މެޗުގައި، އަލް ޝަބާބްގެ ސަޕޯޓަރުން "މެސީ"ގެ ނަން ކިޔައި، އަޑުގަދަކޮށް، ރޮނާލްޑޯ ރުޅި އަރުވަން މަސައްކަތް ކުރި އެވެ. އެއާ އެކު، ރޮނާލްޑޯ ވަނީ ދަނޑުމަތީގައި ހުރެ، ސަޕޯޓަރުންނަށް ރައްދުދޭން ބޭ އަދަބީ ހަރަކާތްތަކެއް ދައްކައިފަ އެވެ.

ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުން މި މައްސަލަ ބަލައި، ރޮނާލްޑޯ، 39، އަށް އަަދަބު ދޭން ނިންމީ ޑިސިޕްލިނަރީ ކޮމިޓީގެ އިއްތިފާގުންނެވެ. އެ ގޮތުން، ރޮނާލްޑޯ، 30،000 ސައުދީ ރިޔާލް (8000 ޑޮލަރު) އިން ޖޫރިމަނާ ކުރުމަށާއި އެއް މެޗަށް ސަސްޕެންޑްކުރަން ނިންމީ އެވެ.

އަދި ސައުދީ ފުޓްބޯޅަ ފެޑެރޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ މި މައްސަލައިގައި ރޮނާލްޑޯ އަށް އެޕީލް ނުކުރެވޭނެ ކަމަށް ނިންމައިފަ އެވެ.

މީގެ އެއް އަހަރު ކުރިން، މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އަލް ނަސްރަށް ބަދަލުވި ރޮނާލްޑޯ ވަނީ މި ފަހަރު ލީގުގައި އެ ޓީމަށް 22 މެޗުން 20 ލަނޑު ޖަހައިދީފަ އެވެ. އަލް ނަސްރު އޮތީ ލީގު ތާވަލުގެ ދެ ވަނައިގަ އެވެ.