Advertisement

ލިވަޕޫލާއި ޔުނައިޓެޑް އަދި ޗެލްސީ އެފްއޭ ކަޕް ކުއާޓާ އަށް

29 ފެބުރުވަރީ 2024 - 10:07 0


ލިވަޕޫލާއި ޔުނައިޓެޑް އަދި ޗެލްސީ އެފްއޭ ކަޕް ކުއާޓާ އަށް

29 ފެބުރުވަރީ 2024 - 10:07 0

ލަންޑަން (ފެބްރުއަރީ 29) - އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ލީގު ކަޕް ކާމިޔާބުކުރި ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ސައުތުހެމްޓަން އަތުން 3-0 އިން މޮޅުވެފަ އެވެ. އަނިޔާގެ މައްސަލަތައް ބޮޑުވެފައިވާ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ރޭގެ މެޗަށް ވެސް ނެރުނު ފުރަތަމަ 11 ގައި ޒުވާން މޫނުތައް ގިނަ އެވެ. މި މެޗުގައި ލިވަޕޫލްގެ ލަނޑުތައްވެސް ޖެހީ ޒުވާން ކުޅުންތެރިންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ލިވަޕޫލަށް ލީޑު ހޯދައިދިނީ ލުވިސް ކޫމަސް އެވެ. މިއީ، ކުރިން ވޭލްސްގެ ގައުމީ ޓީމަށް ކުޅުނު ޖޭސަން ކޫމަސްގެ ދަރިފުޅު ކަމަށްވާ ލެވިސް، 18، ލިވަޕޫލްގެ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އުމުރުން 18 އަހަރުގެ ޖޭޑަން ޑޭންސް ވަނީ ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައިފަ އެވެ،

މި މެޗުގައި ލިވަޕޫލްގެ ޖޭމްސް މެކްކޮނެލް، 19، އާއި ބޮބީ ކްލާކް ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ލިވަޕޫލްގެ ކޯޗު ކްލޮޕް ވަނީ އުމުރުން 16 އަހަރުގެ ޓްރޭ ނިޔޯނީ އަށް މެޗުގެ ދެ ވަނަ ހާފުގައި ފުރުސަތު ދީފަ އެވެ. ނިޔޯނީ އަކީ އެފްއޭ ކަޕްގެ މެޗަށް ލިވަޕޫލް އިން މިހާތަނަށް ނެރުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ނުކުންނާނީ ޔުނައިޓެޑެވެ. ޔުނައިޓެޑް ކުއާޓާ އިން ޖާގަ ހޯދީ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓް އަތުން 1-0 އިން މޮޅުވެގެންނެވެ.

މެޗުގެ 89 ވަނަ މިނިޓުގައި ޔުނައިޓަޑަށް ލަޑު ޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އެވެ. މިއީ ޔުނައިޓަޑް އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު 48 ވަނަ ފަހަރެވެ.

"އެންމެ ރަނގަޅު ވަގުތުގައި ޔުނައިޓަޑުން ލަނޑު ޖެހީ،" މެޗަށްފަހު ޔުނައިޓަޑްގެ ކޯޗު އެރިކް ޓެން ހާގް ބުންޏެވެ. "ހޮނިހިރު ދުވަހު (ޕްރިމިއާ ލީގުގައި) އަހަރަމެން ބަލިވީ އިތުރު ވަގުތުގައި ކޮޅަށް ވަތް ލަނޑަކުން. އެހެންވީމަ މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ."

އަމިއްލަ ދަނޑުގައި ރޭ ލީޑްސް ޔުނައިޓަޑް އަތުން ޗެލްސީ ސަލާމަތްވީ ފަހު ވަގުތު އެވެ. ޗެމްޕިއަންޝިޕްގައި މިހާރު ވާދަކުރާ ލީޑްސް އިން މެޗުގެ ކުރީކޮޅު ލީޑު ހޯދީ މަޓެއޯ ޖޯސެފް ޖެހި ލަނޑުންނެވެ. އެކަމަކު، ނިކްލަސް ޖެކްސަން އާއި މިހައިލޯ މުޑްރިކް ޖެހި ދެ ލަނޑާ އެކު، ފުރަތަމަ ހާފުގެ ތެރޭގައި ޗެލްސީން ލީޑު ނެގިއެވެ.

ދެ ވަނަ ހާފުގެ 59 ވަނަ މިނިޓުގައި ލީޑްސްގެ ޖޯސެފް ދެ ވަނަ ލަނޑު ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. އެކަމަކު، ޗެލްސީ ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި ކޯނާ ގެލަގާ ޖެހި ލަނޑުންނެވެ.

ކުއާޓާ ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ނުކުންނާނީ ލެސްޓާ ސިޓީ އެވެ.