Advertisement

އިންތިހާބު ފަސް ކުރާ ބިލު ދެވަނަ ފަހަރަށް ފާސް ކުރުމުން، ގާނޫނުގައިވާ ގޮތަށް ރައީސް އަމަލުކުރައްވާނެ: ސަރުކާރު

28 ފެބުރުވަރީ 2024 - 15:47 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް : އިންތިހާބު ފަސް ކުރާ ބިލު ދެވަނަ ބުރަށް ފާސް ކުރުމުން ސަރުކާރުން ބުނަނީ ގާނޫނުގައިވާ ގޮތަށް ރައީސް އަމަލުކުރައްވާނެ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އިންތިހާބު ފަސް ކުރާ ބިލު ދެވަނަ ފަހަރަށް ފާސް ކުރުމުން، ގާނޫނުގައިވާ ގޮތަށް ރައީސް އަމަލުކުރައްވާނެ: ސަރުކާރު

28 ފެބުރުވަރީ 2024 - 15:47 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް އޮތް ބިލު ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރުމާއެކު، ދުސްތޫރީ ހަމަތަކުގެ މަތިން ގާނޫނުގައިވާ ގޮތަށް ރައީސް އަމަލުކުރައްވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

މި ބިލު ފުރަތަމަ ފާސްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުވުމުން މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ މިދިޔަ އާދީއްތަ ދުވަހެވެ. އިތުރު ބަދަލެއް ނުގެނެސް އެ ބިލު މިއަދު ފާސް ކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ 14 މެންބަރުންނެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު "އަދަދު" އަށް ވިދާޅުވީ، ގާނޫނުގައިވާ ގޮތަށް ރައީސް އެކަން ކުރިއަށް ގެންދަވާނެ ކަމަށެވެ. ނަމަވެސް ތަސްދީގުކުރައްވާނެ ވަކި ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ދާދި ދެންމެއަކު އެ ފާސްވީ ދެއްތޯ، ކުއްލިއަކަށް އަދި މުއްދަތެއް ދަންނަވަން އަވަސް ދެއްތޯ، އެހެން ނަމަވެސް ދުސްތޫރުގައި ކަނޑައަޅާފައި އޮތް ގޮތަށް، ގާނޫނާ ގަވާއިދު އޮތް ގޮތަށް ރައީސް ކުރިއަށް ގެންދަވާނެ" ހަލީލު ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.

އެހެންކަމުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ރައީސް މުއިއްޒު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެ އެވެ.

ރޯދަމަހުގެ ތެރެއަށް އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި އިންތިހާބު ބާއްވާނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި ހިނގާ ފެބްރުއަރީ 11، ގަ އެވެ. އެ ބިލު ތަސްދީގު ކުރުމަށް މަޖިލީހުގެ އިދާރާއިން ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12، ގަ އެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާޗު 17، ގަ އެވެ. އެއީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރި ނަމަ މަޖިލިސް އިންތިހާބު ދެން ބާއްވަން ޖެހޭނީ އޭޕްރިލް 20، ވަނަ ދުވަހަށް ފަހުގެ ތާރީހެއްގަ އެވެ.

ރޯދަމަހުގެ ފަހަށް އިންތިހާބު ލަސްކުރަން ޖެހޭގޮތަށް ގާނޫނަށް ބަދަލު ގެނެސްފި ނަމަ އެކަމަށް ތައްޔާރަށް ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބިލުގެ ކޮމެޓީ މަރުހަލާގައި ބުނެފައިވެ އެވެ. އަދި އިންތިހާބު ލަސްކޮށްފި ނަމަ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރު ވާނެ ކަމަށް ވެސް އެ ކޮމިޝަނުން ލަފާކޮށްފައިވެ އެވެ.