Advertisement

ޗެލްސީގެ ވެރިންގެ ސަޕޯޓް އެބައޮތް: ޕޮޗެޓީނޯ

28 ފެބުރުވަރީ 2024 - 16:07 0


ޗެލްސީގެ ވެރިންގެ ސަޕޯޓް އެބައޮތް: ޕޮޗެޓީނޯ

28 ފެބުރުވަރީ 2024 - 16:07 0

ލަންޑަން (ފެބްރުއަރީ 28) - އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި ލިވަޕޫލް އަތުން ޗެލްސީ ބަލިވިޔަސް، ޗެލްސީގެ ވެރިންގެ ސަޕޯޓް އޭނާ އަށް އެބައޮތް ކަމަށް ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ވެމްބްލީގައި ކުޅުނު ލީގު ކަޕްގެ ފައިނަލްގައި ލިވަޕޫލް އަތުން ޗެލްސީ ބަލިވީ 1-0 އިންނެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ، ޒުވާން ކުޅުންތެރިންތަކެއް ލައިގެން މެޗަށް ނިކުތް ލިވަޕޫލް އަތުން ޗެލްސީ ބަލިވުމުން ޕޮޗެޓީނޯ އަށް ވަނީ ގިނަ ފާޑުކިއުންތައް އަމާޒުވެފައެވެ.

އެކަމަކު ޕޮޗެޓީނޯ ބުނީ އެ މެޗަށްފަހު ޗެލްސީގެ ދެ ވެރިން ކަމަށްވާ ޓޮޑް ބޯލީ އާއި ބެހްބާދް އެގްބާލީއާ އެކު ދެއްކި ވާހަކަތަކުން ޗެލްސީގެ ވެރިންގެ ސަޕޯޓް އޭނާ އަށް އޮތްކަން ސާފުވެފައިވާ ކަމަށެވެ.

"މެޗަަށްފަހު ޗެލްސީގެ ވެރިންނާ ދެއްކި ވާހަކަތަކުން އަހަންނަށް އެމީހުންގެ ތާއީދު އޮތްކަން އެނގޭ،" ޕޮޗެޓީނޯ ބުންޏެވެ. "އެގްބާލީއާއެކު މެޗާ ގުޅޭ ގިނަ ވާހަކަތަކެއް ދެކެވުނު. އަހަންނަށް ހީވަނީ މުޅި މެޗުގައިވެސް ޗެލްސީ ރަނގަޅު ކުޅުމެއް ދެއްކިހެން. އެކަމަކު ތައްޓެއް ހޯދަން ލިބުނު ފުރުސަތެއް މި ގެއްލުނީ،"

ޕޮޗެޓީނޯ ބުނީ ޗެލްސީގައި އޭނާ އަށް އޮތް މުސްތަގްބަލާމެދު އެއްޗެއް ބުނަން ނޭނގޭ ކަމަށާއި އޭނާ އަށް އިތުބާރު ކުރުމަކީ "ވެރިންގެ ނިންމުމެއް" ކަމަށެވެ.

ފާޑުކިއުންތަކަށް ރައްދު ދެމުން ޕޮޗެޓީނޯ ބުނީ އޭނާ ޓީމާ ހަވާލުވިތާ އަށް މަސް ފަހުން ފައިނަލަށް ދެވުމަކީ ވެސް ރަނގަޅު ކާމިޔާބެއް ކަމަށެެވެ.

"ޔާގަން ކްލޮޕް ލިވަޕޫލްއާ ހަވާލުވެ، ފުރަތަމަ ހަތަރު ވަރަކަށް އަހަރު ތައްޓެއް ނުލިބި ދިޔަ. މިހާރު ލިވަޕޫލަށް އެ ލިބެނީ އެ ޓީމަށް ހައްގު ކާމިޔާބީތަކެއް،" ޕޮޗެޓީނޯ ބުންޏެވެ.

"ޒުވާން ކުޅުންތެރިންތަކަށް ފައިނަލްގައި ފުރުސަތު ލިބުނު. އެއީ އެ ކުޅުންތެރިންނަށް މުހިންމު ތަޖުރިބާއެއް."

ޕްރިމިއާ ލީގުގައި ޗެލްސީ މި ވަގުތު އޮތީ 11 ވަނައިގަ އެވެ.