Advertisement

ޗުއްޓީ ނިންމާލުމަށް ފަހު ޒިދާން އަލުން ވަޒީފާ އަށް ނުކުންނަން ތައްޔާރުވަނީ

28 ފެބުރުވަރީ 2024 - 14:13 0


ޗުއްޓީ ނިންމާލުމަށް ފަހު ޒިދާން އަލުން ވަޒީފާ އަށް ނުކުންނަން ތައްޔާރުވަނީ

28 ފެބުރުވަރީ 2024 - 14:13 0

ޕެރިސް (ފެބްރުއަރީ 28) - ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒިނެދިން ޒިދާން، ވަޒީފާ އިން ނެގި ޗުއްޓީ އަށް ފަހު، އަލުން ޓީމަކާ ހަވާލުވެ މަސައްކަތަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

ޒިދާން، 2021 ވަނަ އަހަރުގެ މެއި މަހު، ރެއާލްގެ ކޯޗުކަން ދެ ވަނަ ފަހަރަށް ދޫކޮށްލުމަށް ފަހު، މިދިޔަ ދެ އަހަރު ހުރީ ގިނަ އޮފާތަކެއް ލިބުނު ނަމަވެސް ޓީމަކާ ހަވާލުނުވެ އެވެ.

ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައި ވެސް ފެނިގެންދިޔަ، ތަފާތު ކުޅުންތެރިއެއް ކަމަށްވާ ޒިދާން، 2016 އިން 2018 އަށް ރެއާލްގެ ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދި ޒިދާން އަކީ ޔޫރަޕްގެ ކްލަބް ފުޓްބޯޅައިގައި އެންމެ ބޮޑު މުބާރާތް، ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ފަހަރު އެއް ކުލަބަކަށް ހޯދައިދިން ފުރަތަމަ ކޯޗެވެ. އޭނާ އެކަން ހާސިލްކުރީ ރެއާލްގައި ހުރެ އެވެ. ޒިދާން އެންމެ ފުރަތަމަ ރެއާލް ދޫކޮށްލީ 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ފަހު އެވެ. އެކަމަކު، އޭރު ކްލަބް ދޫކޮށްލުމަށް ފަހު އޭނާ އެ ކުލަބާ ދެ ވަނަ ފަހަރަށް ގުޅުނީ 2019ގެ މާޗް މަހުގަ އެވެ. އޭހެ ފަހުން 2021 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު އެކުލަބު ދޫކޮށްލީ ކުލަބުން އޭނާ އަށް އިތުބާރު ނުކުރާކަމަށް ބުނެ އެވެ.

އިޓަލީގެ ލެޖެންޑަރީ ކޯޗު މާސެލޯ ލިއްޕީ އަށް ހާއްސަ އިވެންޓެއްގައި ވާހަކަ ދައްކަމުން ޒިދާން ބުނީ، އިޓަލީގައި ކޯޗިންގެ މަސައްކަތް ކުރުން އެއީ ކެރިއަރުގައި ކުރާނެ ކަމެއް ކަމަށެވެ.

"ކީއްވެ އެކަން (އިޓަލީގައި ކޯޗިންގެ މަސައްކަތް ކުރުން) ނުުވާންވީ. މި ވަގުތަށް ބަލާއިރު އަހަރެން މި ކުރަމުން އަންނަނީ އެހެން މަސައްކަތްތަކެއް. އަހަންނަށް ޔަގީންކަން އެބައޮތް ވަރަށް އަވަހަށް ބެންޗަކުން ފެންނާނެ. ވަޒީފާ އަށް އައިސް އަލުން ކުޅުންތެރިން ޓްރެއިން ކުރަން ބޭނުން،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ އޭނާގެ ފުޓްބޯޅައިގެ ކެރިއަރުގެ ކުޅުންތެރިއެއްގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައި ކުރިއެރުމަށް އިޓަލީގެ މަޝްހޫރުގެ ކޯޗުންގެ އެހީތެރިކަން ވަރަށް ލިބުނު ކަމަށެވެ. އޭގެ ތެރެއިން، ޒިދާން ވަނީ ލިއްޕީގެ އިތުރުން ކާލޯ އަންޗެލޮޓީގެ ނަން ފާހަގަކޮށްފަ އެވެ.

ޔުވެންޓަސް އިން ޒިދާންގެ ސޮއި ހޯދީ ލިއްޕީ ކޯޗަކަށް ހުއްޓަ އެވެ. ޒިދާން، ކޯޗިން ކެރިއަރުގައި ވަނީ އަންޗެލޮޓީއާ އެކު ރެއާލްގައި މަސައްކަތް ކޮށްފަ އެވެ. އެއީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މެންޗެސްޓާ ޔުނައިޓެޑްގެ ހިއްސާ ގަނެ، އެ ކްލަބްގެ ޓީމު ރަނގަޅު ޓްރެކަށް ގެންނަން ހަވާލުވި، އިނގިރޭސި މަހުޖަނު، ޖިމް ރެޓްކްލިފްގެ ކުންފުނި، އިނިއޯސް އިން އަންނަނީ ޒިދާންއާ މަޝްވަރާ ކުރަން ތައްޔާރުވަމުންނެވެ.

އެއީ، މި ސީޒަނަށް ފަހު، ޔުނައިޓެޑާ ހަވާލުވާން ޒިދާނަށް އޮފާއެއް ދިނުމުގެ ގޮތުންނެވެ.