Advertisement

ަަމަޖިލިސް ކައިރީ މުޒާހަރާކުރި ދުވަހު އުކީ ގަލެއް ނޫން، ކުކުޅު ބިސް: ސިފައިންނާއި ފުލުހުން

28 ފެބުރުވަރީ 2024 - 12:31 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ކައިރީގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ޖެނުއަރީ 28، ގައި މުޒާހަރާކުރި އިރު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ަަމަޖިލިސް ކައިރީ މުޒާހަރާކުރި ދުވަހު އުކީ ގަލެއް ނޫން، ކުކުޅު ބިސް: ސިފައިންނާއި ފުލުހުން

28 ފެބުރުވަރީ 2024 - 12:31 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގައި ޖެނުއަރީ 28، ގައި ބޭއްވި ޖަލްސާ ކުރިއަށް ދިޔަ ވަގުތު މަޖިލީހުގެ ބޭރުގައި ކުރި މުޒާހަރާގެ ތެރެއިން މަޖިލިސް ކުރާގޭ ގޯތި ތެރެއަށް އުކީ ގާ ނޫން ކަމަށާއި ކުކުޅު ބިސް ކަމަށް ސިފައިންނާއި ފުލުހުން މިއަދު ބުނެފި އެވެ.

ރައީސް މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ފުރަތަމަ ބޭއްވި ޖަލްސާ ކުރިއަށް ދިޔަ އިރު މަޖިލީހުގެ ބޭރުގައި މުޒާހަރާކުރީ ސަރުކާރުގެ އިސް ބޭފުޅުންނާއި ސަރުކާރުގެ ސަޕޯޓަރުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި އެ ދުވަހުގެ މުޒާހަރާގައި ގޭންގް މީހުން ވެސް ބައިވެރިވި އެވެ.

އެ ދުވަހު މުޒާހަރާކުރި މީހުންގެ ތެރެއިން ބަޔަކު މަޖިލީހުގެ ގޭގެ ބޭރު ފާރުމަތިން އަރައި ގޯތި ތެރެއަށް އެއްޗިހި އުކި ކަަަމަށް ބުނާ މައްސަލަ ބަލަން އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ޕޮލިސް ކަމިޝަނަރު އަދި ސިފައިންނާއިި ފުލުހުންގެ އިސް ބޭފުޅުން ހާޒިރުކުރި އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ގައްސާން ވިދާޅުވީ މުޒާހަރާ ކުރި ދުވަހު މަޖިލީހުގެ ގޯތި ތެރެއަށް އެ ދުވަހު އުކާފައި ހުރީ ކުކުޅު ބިސް ކަމަށާއި މަޖިލީހުގެ އިންފާރު ހުރި ގޮތުން ސަލާމަތީ ކަންތައްތައް ބަލަހައްޓަން އުނދަގޫވާކަން އެމްއެންޑީއެފުން 2021 ވަނަ އަހަރު މަޖިލީހަށް އަންގާފައިވާ ކަމަށެެވެ. މެމްބަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކަލެއް މެދުވެރިވާ ފަދަ ހާލަތެއްް މެދުވެރިވައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"އެ ދުވަހު [ޖެނުއަރީ 28،] ގާތްގަނޑަކަށް 15:50 ހާއިރު މަޖިލީހުގެ އިދާރާގެ އިރުމަތީ ފަރާތުން ޕާކިން އޭރިއާއަށް، ސިއްކަ ގޯޅީގެ އިރުމަތީ ފަރާތުގައި ހުރި އިމާރާތަކުން އެއްޗެއް އެއްލުމުން، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުން ބެލި ބެލުމުން އެއީ ކުކުޅުބިސްކަން ފާހަގަކުރެވުނު،" ސިފައިންނާ ހަވާލައިދެއްވައި މިނިސްޓަރު ވިދާޅުވި އެވެ.

ސިފައިންނާ ހަވާލާދެއްވައި ގައްސާން ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން އެ ސަރަހައްދަށް ސިފައިން އިތުރުކޮށް ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރި ކަމަށާއި އެ މައުލޫމާތު މަޖިލީހުގެ އަމީން އާއްމަށް ދިނެވެ. މަޖިލީހުގެ ގެއާއި ގޯތި ތެރެއަށް ހުއްދަ ނެތި އެއްވެސް ބަަޔަކު އެ ދުވަހު ވަދެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމަ އެ ބައްދަލުވުމުގައި ކަމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވެސް ވިދާޅުވީ މަޖިލީހުގެ ގޯތިތެރެއަށް އެ ދުވަހު، ކުކުޅުބިސް ފިޔަވައި އެހެން އެއްޗެއް އުކާފައި ނުވާ ކަމަށެވެ. ނަމަވެސް ކުކުޅުބިސް އުކީ ކޮންބައެއްކަން ދެނެގަނެވިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.