Advertisement

ރަޝިއާ އަށް ދޭން ނިންމި ލޯ މެޑަލް ހޯދަން ކެނަޑާ އިން ކޯޓަށް

27 ފެބުރުވަރީ 2024 - 15:36 0


ރަޝިއާ އަށް ދޭން ނިންމި ލޯ މެޑަލް ހޯދަން ކެނަޑާ އިން ކޯޓަށް

27 ފެބުރުވަރީ 2024 - 15:36 0

ޒިއުރިކް (ފެބްރުއަރީ 27) - މަނާބޭހަށް ޕޮޒިޓިވްވެފައިވާ އެތުލީޓަކު ހުރުމުން، ރަޝިއާގެ އޮލިމްޕިކްސް ސްކޭޓް ޓީމު އަތުން ރަން މެޑަލް އަތުލައި، އެ ޓީމަށް ދޭން ނިންމި ލޯ މެޑަލް ހޯދަން، ކެނަޑާ އިން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި އެޕީލްކޮށްފި އެވެ.

ރަޝިއާ ސްކޭޓިން ޓީމުގެ ކަމިލާ ވަލިއޭވާ، 17، މަނާބޭހަށް ޕޮޒިޓިވްވީ، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ކުރި ޑޯޕިން ޓެސްޓުގަ އެވެ. އެ މައްސަލައިގައި މިދިޔަ ޖެނުއަރީ މަހު، ކަމިލާ، ވަނީ ހަތަރު އަހަރަށް ސަސްޕެންޑްކޮށްފަ އެވެ. އެ ސަސްޕެންޝަން އައުމާ އެކު، އިންޓަނޭޝަނަލް ސްކޭޓިން ޔޫނިއަން (އައިއެސްޔޫ) އިން ވަނީ، އެންމެ ފަހުން، އޮލިމްޕިކްސްގެ ސްކޭޓިން އިވެންޓްގައި، ރަޝިއާ އަށް ލިބުނު ރަން މެޑަލް ލޯ މެޑަލަކަށް ދަށްކޮށްފަ އެވެ. އަދި ރަން މެޑަލް ދެ ވަނަ އަށް ދިޔަ، އެމެރިކާ އަށް ދިންއިރު، ރިހި މެޑަލް ދިނީ، ޖަޕާނަށެވެ. ޖަޕާނަށް ދިޔައީ، މުބާރާތުން ތިން ވަނަ އެވެ.

ރަޝިއާ އިން ވަނީ އެ ޓީމުގެ ރަން މެޑަލް ދަމަހައްޓަން، އައިއެސްޔޫ ގޮވައިގެން ކާސް އަށް ގޮސްފަ އެވެ. އަދި، މިހާރު ކެނަޑާ އިން ވަނީ ރަޝިއާ އަށް ދީފައިވާ، ލޯ މެޑަލް ހޯދަން، ކާސްގައި އެޕީލްކޮށްފަ އެވެ. ކެނަޑާ، އެ ރޭހުން ހަތަަރަކަށް ދިޔައިރު، އެ ޓީމުން ދެކޭގޮތުގައި، ރަޝިއާގެ މި އަދަބާ އެކު، ލޯ މެޑަލް ލިބެން ޖެހޭނީ ކެނަޑާ އަށެވެ.

އެކަމަކު، އައިއެސްޔޫ އިން ބުނީ، ކަމިލާގެ ޕޮއިންޓްތައް އުނިކޮށްގެން ވެސް، ރަޝިއާ އަށް ލިބޭ ޕޮއިންޓްގެ ޖުމްލަ އަދަދު، ކެނަޑާ އަށް ވުރެ އިތުރު ކަމަށެވެ. އެހެންވެ، އެންމެ އިންސާފުވެރި ގޮތަކީ، ރަޝިއާ އަށް ލޯ މެޑަލް ދިނުން ކަމަށެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން މިހާތަނަށް އަދި ސްކޭޓިން އިވެންޓްގެ މެޑަލްތައް ދީފައިނުވެ އެވެ. އެއީ، މި މައްސަލައިގައި ދާއިމީ ހައްލެއް ލިބެންދެނެވެ. އަދި ކަންކަން ހައްލުވިހާ އަވަހަކަށް މެޑަލް ސެރެމަނީއެއް ބާއްވައި މެޑަލް ހަވާލުކުރާނެ އެވެ.