Advertisement

ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި މިއަދު ހަވީރު ފަށައިފި

1 މާރިޗު 2024 - 16:03 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިއަދު ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތަށް ބޭނުންކުރާ ޑޭޝް8 މަރުކާގެ މަތިންދާ ބޯޓު -- ފޮޓޯ: ހެލްތު މިނިސްޓަރީ


ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި މިއަދު ހަވީރު ފަށައިފި

1 މާރިޗު 2024 - 16:03 0

ސިއްހީ އެމާޖެންސީގެ ހާލަތްތަކުގައި ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ހަވީރު ފަށައިފި އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ މިއަދު ހަވީރު 4:00 ޖެހިއިރެވެ. އެ ހިދުމަތް ކުރިއަށް ގެންދިޔުމަށް ހަމަހެޖިފައި ވަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސަސްގެ ތެރެއިން ހެލްތު މިނިސްޓަރީ އާއި އައިލެންޑު އޭވިއޭޝަން ގުޅިގެންނެވެ. އެ ހިދުމަތް މި ހިނދުން ފެށިގެން 24 ގަޑިއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރީން ބުނެ އެވެ.

އެ ހިދުމަތް ރާއްޖޭގައި ފެށުމުން ހޮސްޕިޓަލަށް ބަލިމީހާ ގެންދިޔުމުގެ ކުރިން ދޭންޖެހޭ ފަރުވާ ދިނުމާއި ދެމެހެއްޓެނިވި ގޮތެއްގައި އަވަސް ފަރުވާގެ ނިޒާމު ހަރުދަނާކޮށް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެމަނިކުފާނުގެ އެ ވައުދާ އެއްގޮތަށް އެއާ އެމްބިއުލާންސްގެ ހިދުމަތް މިއަދު ފެށުމަށް ހަމަޖެއްސިކަން އިއުލާނު ކުރީ ޑިސެމްބަރު 25، ގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓު އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

އެއަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން މިދިޔަ ޖެނުއަރީ 13، ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެކަމުގެ ޔަގީންކަން ދެއްވައި ވިދާޅުވީ ތައިލޭންޑާ ހަމައަށް ވެސް ބަލިމީހުން އުފުލަން ޖެހިއްޖެ ނަމަ އެއާ އެމްބިއުލާންސްގައި ބަލިމީހުން އުފުލާނެ ކަމަށެވެ.

އެ ވައުދާ އެއްގޮތަށް މިއަދު އެ ހިދުމަތް ފެށިގެން ދިޔައިރު، އެއާ އެމްބިއުލޭންސްގެ ސީދާ ދަތުރުތައް ހަމައެކަނި ކުރާ ދެ ގައުމުގެ ގޮތުގައި ހަމަޖައްސާފައި ވަނީ އިންޑިއާ އާއި ސްރީލަންކާ ކަމަށް ހެލްތު މިނިސްޓަރު، ޑރ. އަބްދުﷲ ހަލީލް އިއްޔެ ވިދާޅުވި އެވެ. ތައިލޭންޑާ ހަމައަށް ބަލިމީހުން އުފުލޭނީ އިތުރު ތަނަކަށް ބަދަރު ކުރުމަށްފަހު ކަމަށް ވެސް ހަލީލް އިއްޔެ ވިދާޅުވި އެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ސީޕްލޭންއަކާއި ޑޭޝް-8 މަރުކާރުގެ މަތިންދާ ބޯޓެކެވެ. މަތިންދާ ބޯޓު ބޭނުން ކުރާނީ ރާއްޖެއިން ބޭރަށް ބަލި މީހަކު އުފުލަންޖެހޭ ހާލަތުގަ އެވެ.

އެ ދެ ބޯޓު ވެސް ތައްޔާރު ކޮށްފައި ވަނީ އަވަސް ސިއްހީ ހިދުމަތް ދެވޭނެ ފަދަ ޒަމާނީ ވަސީލަތްތަކާއެކު އެވެ. އެގޮތުން އެ ބޯޓުތަކުގައި އޮކްސިޖަނާއި ވެންޓީލޭޓަރުގެ އިތުރުން ހިތް ހުއްޓިއްޖެ ހާލަތުގައި ބޭނުން ކުރާނެ އާލާތްތަކާއި އެމަޖެންސީގައި ބޭނުން ކުރާ އިންޖެކްޝަންތައް ވެސް ހުންނާނެ އެވެ.

އެއްފަހަރާ ދެ މީހުން އުފުލުމުގެ ކެޕޭސިޓީ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މަތިންދާބޯޓާއި އެންމެ މީހަކު އުފުލޭ ގޮތަށް ފަރުމާ ކޮށްފައިވާ ސީޕްލޭންގައި ކުރިއަށް އޮތްތަނުގައި އޮންނަ ޑިމާންޑަށް ބަލައި ސްޓްރެޗަރު އިތުރު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު ހަލީލް ވިދާޅުވި އެވެ. އެ ބޯޓުތަކުގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން އަވަސް ފަރުވާ ދިނުމަށް ތަމްރީނުކޮށްފައި ތިބި 15 ހިދުމަތްތެރިން ހަރަކާތްތެރިވާނެ އެވެ. އެއާ އެމްބިއުލާންސްގައި ބަލި މީހުން އުފުލާނީ އެންމެ ކައިރީގައި ހުންނަ ޓާޝަރީ ހޮސްޕިޓަލަށެވެ.

އެއާ އެމްބިއުލާންސް އުދުހުމަށް ދިވެހި ސަރުކާރުން ވަނީ ލަންކާއިން ހާއްސަ ހުއްދައެއް ހޯދާފަ އެވެ. ހިދުމަތަށް އެދި ހުށަހަޅާތާ ދެ ގަޑިއިރު ތެރޭގައި އެއާ އެމްބިއުލާންސް އުދުހުމުގެ ހުއްދަ ލަންކާއިން ރާއްޖެއަށް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ލަންކާގެ އިތުރުން އެހެން ގައުމުތަކާއެކު ވެސް މިވަފަ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަލީލް ވިދާޅުވި އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް އޮޕަރޭޓު ކުރާނީ ދައުލަތުގެ ހަރަދުގަ އެވެ. އެމްބިއުލާންސްތައް އޮޕަރޭޓު ކުރުމަށް ވަކި އަގުތަކެއް ކަނޑައަޅައި، އައިލެންޑު އޭވިއޭޝަނާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިއްޔެ ހަލީލް ވިދާޅުވި އެވެ.