Advertisement

ސަރުކާރުގެ އަމަލުތައް ހުރިގޮތުން މާލީ ގޮންޖެހުންތައް ދަނީ ބޮޑުވަމުން: އަމީރު

27 ފެބުރުވަރީ 2024 - 13:23 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ކުރީގެ ފިނޭންސް މިިނިސްޓަރު އަމީރު: ސަރުކާރަށް މާލިއްޔަތު މެނޭޖުކުރަން ނޭނގޭ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި -- އަދަދު ފައިލް ފޮޓޯ


ސަރުކާރުގެ އަމަލުތައް ހުރިގޮތުން މާލީ ގޮންޖެހުންތައް ދަނީ ބޮޑުވަމުން: އަމީރު

27 ފެބުރުވަރީ 2024 - 13:23 0

ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅު ނަމަވެސް މާލީ ގޮންޖެހުންތައް އިތުރުވަމުން ދަނީ ސަރުކާރުގެ މަތީފަޑި ފުޅާކޮށް ހާރިޖީ ސިޔާސަތު ގޯސްވުމުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

"އަދަދު" ގެ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ވެރިކަމާ ހަވާލުވީއިރު ރާއްޖޭގެ އިގުތިސޯދީ ހާލަތު ގޯސްކަމަށް މި ސަރުކާރުން ބުނި ނަމަވެސް އަސްލު ދިމާވެގެން އުޅޭ މައްސަލައަކީ ސަރުކާރުގެ ރަނގަޅު ޕްލޭނެއް ނެތުމުން ކުރިމަތިވަމުން އަންނަ މާލީ ގޮންޖެހުންތައް ކަމަށެވެ.

ކުރީ ސަރުކާރުގެ މާލީ ސިޔާސަތު ދިފާއުކުރައްވަމުން އަމީރު ވިދާޅުވީ މާލީ ގޮންޖެހުންތަކުން އަރައިގަންނަން ރަނގަޅު ޕްލޭނެއް އެކުލަވާލައި އެކަމަށް އެކަށޭނެ ފިޔަވަޅުތައް އެ ސަރުކާރުން އަޅަމުން އައި ކަމަށެވެ. އަދި މި ސަރުކާރަށް ދިމާވެގެން އުޅޭ މައްސަލައަކީ ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރަން ނޭނގުން ކަމަށް އަމީރު ވިދާޅުވި އެވެ.

"ހަގީގަތުގައި ރާއްޖޭގެ އިގުތިސޯދު މިއޮތީ ކޮވިޑުގެ ކުރިން އޮތް ހާލަތަށް ވުރެ ވެސް ރަނގަޅަށް. ގައުމީ އުފެއްދުންތެރިކަމަށް ކޮންޓްރިބިއުޓު ކުރާ ހުރިހާ ސެކްޓާތަކައް ވަރަށް ރަނގަޅަށް އެބަހިނގާ. މައްސަލައަކީ ސަރުކާރަށް ދިމާވެގެން އުޅޭ މާލީ ގޮންޖެހުންތައް. އެ ކޭޝް ފްލޯ މެނޭޖުކުރަން އެގެންޖެހޭނެ މިހާރު ތިބި ފަރާތްތަކަށް. އަޅުގަނޑު ދެކޭ ގޮތުގަ އެކަންތައްތައް ކުރަން ނޭނގިގެން އެއުޅެނީ،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުން ނަމަ މިހާރަށް ކުރުން މުހިންމު ކަމަކީ މި އަހަރުގެ ބަޖެޓަށް ބޭނުންވާ ބަޖެޓް ސަޕޯޓަށް ބޭނުންވާ ބޭރުގެ އެހީ ހޯދުން ކަމަށެވެ. ނަމަވެސް ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުތަކުގެ ސަބަބުން ބޭރުގެ ހިލޭ އެހީ ލިބުމުގެ މަގުތައް ވެސް ހަނިވަމުންދާކަމަށް ވިދާޅުވެ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"ރާއްޖޭގެ އިޖުތިމާއި އަދި އިގުތިސޯދީ ކަންކަމުގެ އެންމެ ބޮޑު ޓޫލްއަކީ ހާރިޖީ ސިޔާސަތު. މިހާރު ސަރުކާރުން ހުރިހާ ގައުމުތަކަކާ ޖެހިގަނެގެން، ހާއްސަކޮށް އިންޑިއާ އާ ޖެހިގަނެގެން މި ދިމާވާ ކަންތައްތަކުގެ ސަބަބުން ބަޖެޓު ސަޕޯޓު ހޯދަން އުނދަގޫވަމުންދާތަން އަޅުގަނޑަށް މިފެންނަނީ،" އޭނާ ވިދާޅުވި އެވެ.

ބަޖެޓް ސަޕޯޓަށް މި އަހަރު ގާތްގަނޑަކަށް މަދުވެގެން 300-400 މިލިއަން ޑޮލަރު ބޭނުންވެ އެވެ. އަމީރު ވިދާޅުވީ އެ ފައިސާ ހޯދައިގެން ނޫނީ މިހާރު ހުށަހަޅާފައިވާ ބަޖެޓް އޮތް ގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށާއި ރާއްޖޭގެ މާލީ ހާލަތު ހުރިގޮތުން ބޭރުން ދަރަންޏަށް ފައިސާ ހޯދުމަކީ ދެމެހެއްޓެނިވި ފިޔަޅަކަށް ނުވާނެ ކަމަށެވެ.

އަމީރު ވިދާޅުވީ މާލީ ހާލަރު ރަނގަޅު ނުކުރެވިއްޖެ ސަރުކާރަށް ކުރިމަތިވާ ދަތިތަކުގެ އިތުރުން ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓުކުރުމުގެ ޝައުގު ކުޑަވެ، ޕްރައިވެޓް ސެކްޓާއަށް ވެސް އޭގެ ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރުން މިހާރަށް އަޅަންވީ ފިޔަވަޅުތަކަކީ ސަބްސިޑީ އާއި އާސަންދަ ރިފޯމްކުރުމަށް ކުރީ ސަރުކާރުން ގެންގުޅުނު ޕްލޭންތައް ތަންފީޒުކުރުން ކަމަށް އޭޏާ ވިދާޅުވި އެވެ.

މާލީ ސިޔާސަތާ މެދު ކުރީ ސަރުކާރާއި މި ސަރުކާރުގެ ޒުވާބު ބޮޑުވެފައިވާއިރު، އަމީރު ވިދާޅުވީ ކުރީ ސަރުކާރުން ކަންކަން މެނޭޖުކުރީ ރަނގަޅަށް ކަން ސާފުވާ ކަމަށެވެ. އެގޮތުން ކޮވިޑާއެކު މުޅި ދުނިޔެއަށް ކުރިމަތިވި އިގުތިސޯދީ ކާރިސާގައި ރާއްޖެއަށް ކުރިމަތިވި މާލީ އަދި އިގްތިސޯދީ ދަތިތަކުން އަރައިގަތުމަށް ކުރި ކަންކަން ސާފުކޮށްދެއްވި އެވެ.

އެގޮތުން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ އެއް މައްސަލަ ކަމުގައިވާ ފައިސާ ޗާޕުކުރުމާއި ލޯނު ނެގި މައްސަލައިގައި އަމީރު ވިދާޅުވީ ރާއްޖެއަކީ ކުރިމަތިވެދާނެ ބޮޑު ކާރިސާއަކަށް ތައްޔާރުވެގެން ބޮޑު ފިސްކަލް ރިޒާވެއް ރައްކާކޮށްފައި އޮތް ގައުމެއް ނޫން ކަމަށެވެ. އެހެންކަމުން އެމްއެމްއޭއިން ފައިސާ ޗާޕުކޮށް، ބޭރުގެ ކޮންސެޝަނަލް ފައިނޭންސް ހޯދީ ރާއްޖޭގެ އިގުތިސޯދީ ހާލަތު ދަށަށް ދިޔަނުދީ ހިފެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭރު ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިގުތިސޯދު ހިފެހެއްޓުމާއެކީ ވެރިކަން ނިމުނުއިރި ރާއްޖޭގެ އިގުތިސޯދު ކޮވިޑުގެ ކުރިން ހުރި ހާލަތަ ށްވުރެ ވެސް ރަނގަޅުކުރެވުނު ކަމަށް އަމީރު ވިދާޅުވި އެވެ. އަދި އެމްޑީޕީއަށް ދެވަނަ ދައުރެއް ލިބުނު ނަމަ ސަރުކާރުގެ މާލީ ހާލަތު މިއަށް ވުރެ ރަނގަޅުވީސް ކަމަށް އޭނާ ވިދާޅުވި އެވެ.