Advertisement

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަނަކަށް ޖިހާދު އައްޔަންކޮށްފި

30 އޭޕްރީލް 2024 - 22:09 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ނައިބު ރައީސް ޖިހާދު : މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަނަކަށް ޖިހާދު އައްޔަންކޮށްފި - ފޮޓޯ: ފައިލް


މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަނަކަށް ޖިހާދު އައްޔަންކޮށްފި

30 އޭޕްރީލް 2024 - 22:09 1

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ގަވަނިން ބޯޑަށް މެންބަރުން އައްޔަންކޮށް، އެ ބޯޑުގެ ޗެއާޕާސަނަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަންކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ އިދާރާގެ ޗެއާޕާސަނަކަށް ޖިހާދު އައްޔަންކުރެއްވިކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގަ އެވެ.

ސައީދުގެ ޕޯސްޓުގައި އޭނާ ވަނީ ޖިހާދަށް މަރުހަބާ ދަންނަވާ، ޖިހާދާއެކު ކުރެވޭ މަސައްކަތުން މާލީ ދާއިރާއަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ފުރިހަމައަށް ހާސިލްވާނެ ކަމަށް ލިޔުއްވާފަ އެވެ.

ޖިހާދުގެ އިތުރުން އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ބޯޑުގައި ހިމެނެނީ ކިތައް މެންބަރުން ކަމެއް އަދި އެއީ ކޮން ބައެއް ކަމެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މި އިދާރާ އުފައްދަވާ، އޮފްޝޯ ބޭންކިން އޮޕަރޭޓިން ލައިސެެންސް ދޫކުރުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގަވާއިދެއް ހަދައި، އެ ގަވާއިދުގެ ދަށުން އޮތޯރިޓީގެ މަސައްކަތް ކުރުމަށް ރައީސް މުއިއްޒު ނިންމެވީ ޖެނުއަރީ އަށެއްގަ އެވެ.

މި އޮތޯރިޓީ ގާއިމުކުރީ ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމްކުރަން ފަހިކުރުމުގެ ބޭނުމުގަ އެވެ. އެ ސެންޓަރުތައް ގާއިމްކުރުމާ ގުޅޭ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމާ ގުޅޭ ބިލެއް ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

މި މަހު ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރަށް ސުޕަ މެޖޯރިޓީ ލިބުމާއެކު މި ބިލު އެއްވެސް ހުރަހެއް ނެތި ފާސްވާނެ ކަމަށް ބެލެވެ އެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީއެއް ގާއިމުކުރައްވާނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ދެވަނަ ފޭސް ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިހާހުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިވެފައި ވެ އެވެ.