Advertisement

އެވަޓަންގެ ޕޮއިންޓް އުނިކުރަން ދިން އަދަބު ލުއިކޮށްދީފި

27 ފެބުރުވަރީ 2024 - 09:29 0


އެވަޓަންގެ ޕޮއިންޓް އުނިކުރަން ދިން އަދަބު ލުއިކޮށްދީފި

27 ފެބުރުވަރީ 2024 - 09:29 0

ލަންޑަން (ފެބްރުއަރީ 27) - އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ގަވައިދުތަކާ ހިލާފުވުވުމާ ގުޅިގެން އެވަޓަން އަތުން 10 ޕޮއިންޓް އުނުކުރި ނަމަވެސް، އެ އަދަބު ހަ ޕޮއިންޓަށް ކުޑަކުރުމަށް އެޕީލް ބޯޑުން ނިންމައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހު އެވަޓަން އަތުން 10 ޕޮއިންޓް އުނިކުރުމަށް ނިންމީ މިނިވަން ކޮމެޓީއަކުން ހިންގި ތަހުގީގުން 2021/2022 ވަނަ އަހަރުގެ ސީޒަންގައި ޕްރިމިއާ ލީގުގެ މާލީ ގަވައިދުތަކާ ހިލާފުވެ، އެ ކްލަބަށް ލިބުނު ގެއްލުން ބޮޑުވެފައިވާތީ އެވެ.

އެވަޓަން އަތުން 10 ޕޮއިންޓް އުނިކުރުމަކީ މިހާތަނަށް ޕްރިމިއާ ލީގުގެ ކްލަބަށް ޕޮއިންޓް އުނިކޮށްގެން ދިން އެންމެ ބޮޑު އަދަބެވެ. މި އަދަބާ އެކު އެވަޓަން ލީގު ތާވަލްގެ 19 ވަނަ އަށް ވެއްޓި، ރެލިގޭޝަންއާ ހަނގުރާމަ ކުރަންޖެހުނެވެ.

އެކަމަކު އަދަބު ލުއިކުރުމާ އެކު، އެވަޓަން ވަނީ ތާވަލަގެ 15 ވަނަ އަށް ޖެހިލައިފަ އެވެ.

އެވަޓަން އިން ބުނީ އެޕީލްގެ ނިންމުމާމެދު އެ ކްލަބުން ހިތްހަމަޖެޖެހޭ ކަމަށެވެ.

އަދަބު ދިނުމާ ގުޅިގެން، އެވަޓަންގެ ސަޕޯޓަރުން ވަނީ އެ ޓީމުން އަމިއްލަ ދަނޑުގައި ކުޅުނު ގިނަ މެޗުތަކުގައި، ޕްރިމިއާ ލީގުގެ ނިންމުމާ ދެކޮޅަށް ޝުއޫރުފާޅުކޮށްފަ އެވެ. އަދި ޕްރިމިއާ ލީގުން މި ފަދަ ކަންކަމުގައި އަމަލުކޮށް، ފިޔަވަޅު އަޅާއިރު، ކްލަބްތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް އެވަޓަން ސަޕޯޓަރުން ވަނީ ތުހުމަތުކޮށްފަ އެވެ.

ދާދި ފަހުން، އެވަޓަންގެ ކޯޗު ޝޯން ޑައިޝް ވަނީ އެ ޓީމަށް ދިން އަދަބު އެޕީލްކުރުމަށް ހުށަހަޅައިގެން ޖަވާބެއް ނުލިބި ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދަބަށް ލުއި ލިބުމަކީ، ކުރިއަށް ދާން ކޮންމެވެސް ވަރެއްގެ ފަސޭހައެއް ކަމަށް ޑައިޝް ގަބޫލުކުރެ އެވެ.