Advertisement

އިޓްލޮސްއިން ނިންމި ނިންމުން ގާނޫނީ ގޮތުން ހަމަނުޖެހޭ ކަމަށް ތަޖުރިބާކާރުން ބުނޭ: އޭޖީ އޮފީސް

26 ފެބުރުވަރީ 2024 - 22:25 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް : އޭޖީގެ އޮފީހުން ބުނަނީ އައިސީޖޭގެ ނިންމުމަށް ރިއާޔަތްކޮށް އިޓްލޮސްއިން ނިންމި ނިންމުން ގާނޫނީ ގޮތުން ހަމަނުޖެހޭ ކަމަށް ތަޖުރިބާކާރުން ބުނޭ ކަމަށް - ފޮޓޯ: ރައީސް އޮފީސް


އިޓްލޮސްއިން ނިންމި ނިންމުން ގާނޫނީ ގޮތުން ހަމަނުޖެހޭ ކަމަށް ތަޖުރިބާކާރުން ބުނޭ: އޭޖީ އޮފީސް

26 ފެބުރުވަރީ 2024 - 22:25 0

ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮށްފައިވާ ހުކުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން ބަލާއިރު ހަމަނުޖެހޭ ހުކުމެއް ކަމަށް މި މައްސަލާގައި ސަރުކާރަށް ލަފާދޭ ތަޖުރިބާކާރުން ބުނެފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އޭޖީ އޮފީހުން މިއަދު މި މައްސަލާގައި ބަޔާނެއް ނެރެފައިވާއިރު، ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނުގައިވާ ގޮތަށް މި މައްސަލަ އިޓްލޮސްގައި އިސްތިއުނާފުކުރެވިފައެއް ނުވެ އެވެ. މައްސަލަ އިސްތިއުނާފު ކުރަން ގޮންޖެހުންތަކެއް ހުރި ކަމަށް ވެސް އޭޖީ އޮފީހުން ވަނީ އެއްބަސްވެފަ އެވެ.

އެ ބަޔާނުގައި ދެން ފާހަގަކޮށްފައިވާ ކަމަކީ އެ މައްސަލާގައި ސަރުކާރުން ލަފާ ހޯދާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އަދި އިނގިރޭސިވިލާތާއި މަލްޓާގެ ދެ ތަޖުރިބާކާރުންގެ ގާނޫނީ ލަފާގައި ފާހަގަކޮށްފައިވާ ކަންކަމެވެ.

އެގޮތުން ރާއްޖެ އަދި މޮރިޝަސްގެ ބޯޑަރު ފުށޫއަރާ ސަރަހައްދުގެ އިން ކަނޑައެޅުމުގައި އިޓްލޮސްއިން ރިއާޔަތްކުރި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ ނިންމުގެ ގާނޫނީ ބުރަދަނާމެދު ތަޖުރިބާކާރުން ވަނީ ސުވާލު އުފައްދާފަ އެވެ.

އެގޮތުން އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަންއަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އެއަށް އަމަލުކުރުން ލާޒިމުވާ ނިންމުމެއް ކަމުގައި ނުވާ ކަމަށް ލަފާ ލިބިފައިވާ ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަންގެ މައްޗަށާއި ޔޫއެން ޖެނެރަލް އެސެމްބްލީގެ ރެޒޮލޫޝަންގެ މައްޗަށް ބިނާކޮށް ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެންވާ ކަމަށް ނިންމާ ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅުޖެހޭ ނިންމުމެއް ނޫން ކަމަށް ލަފާ ލިބިފައިވާ ކަމަށް ވެސް އޭޖީ އޮފީހުން ބުނެ އެވެ.

އެ ސަބަބުތަކާހުރެ ތަޖުރިބާކާރުން ދެކޭގޮތުގައި މިހާރު ވެސް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ނޫނެވެ. ސަރުކާރުން ބުނާ ގޮތުގައި ގޮންޖެހުންތައް ހުރި ނަމަވެސް ތަޖުރިބާކާރުންގެ އެ ލަފާތަކާއެކު އިޓްލޮސްގެ ނިންމުމަށް ބަދަލު އައުމުގެ ފުރުސަތު އެބަ އޮތެވެ.

މި މައްސަލާގައި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން 2019 ގައި ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފަ އެވެ. އަދި, ރާއްޖެއާ ޗާގޯސް ޖަޒީރާއާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައި ކުރި އެވެ.