Advertisement

ޕްލޭން ވަނީ ބަދަލު، އިސްރާފު ވަނީ އިތުރު: ރާއްޖެއަށް މާސްޓާ ޕްލޭނެއް ބޭނުންވޭ

29 ފެބުރުވަރީ 2024 - 08:38 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


ޕްލޭން ވަނީ ބަދަލު، އިސްރާފު ވަނީ އިތުރު: ރާއްޖެއަށް މާސްޓާ ޕްލޭނެއް ބޭނުންވޭ

29 ފެބުރުވަރީ 2024 - 08:38 0

ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އިއުލާނުކޮށް، މަސައްކަތް ހިންގަމުންދާ ނަމަވެސް ހަގީގަތަކީ ގިނަ އަހަރުތަކަކަށް ދެމިގެންދާ ތަރައްގީގެ ޕްލޭނެއް ހަދާފައެއް ނެތް ކަމެވެ. ކޮންމެ ރިޔާސީ ދައުރެއް ނިމުމާއެކު ސަރުކާރުން ހިންގާ ޕްރޮޖެކްޓުތައް ބަދަލުވެ، ދުރު ރާސްތާއަށް ވިސްނުމެއް ނެތި މަޝްރޫއުތައް އިއުލާނުކުރެ އެވެ. ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް ރާއްޖެއަށް މުހިންީ މިހެންވެ އެވެ.

ބާރު ލިބިދޭ ގާނޫނެއްގެ ދަށުން ހުރިހާ ދާއިރާއެއް ހިމެނޭ 20 އަހަރުގެ މާސްޓާޕްލޭނެއް ހަދައި، އެ ޕްލޭނާއި އެއްގޮތަށް ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރާ ވާހަކަ އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ދެއްކެވި އެވެ.

ޖެނުއަރީ 4، 2024 ގައި ވެލާނާ އެއާޕޯޓުގެ ތިން ވަނަ ފިޔަވަހީގެ ޕްލޭން އިފުތިތާހު ކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ހުރިހާ ދާއިރާއެއްގެ ވާހަކަ ހިމަނައިގެން، ގާނޫނުގެ ބާރުވެރިކަން ލިބިފައިވާ 20 އަހަރުގެ މާސްޓާ ޕްލޭނެއް ހެދުމެވެ.

"20 އަހަރުގެ މާސްޓާ ޕްލޭނެއް އަޅުގަނޑުމެން މި ހަދަން މި މަސައްކަތް ކުރަނީ. އަދި އެ މާސްޓާޕްލޭނަކީ އެކަމަށް ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އަޅުގަނޑުމެން ހަދާ އެ ގާނޫނުގެ ބާރުވެރިކަން ލިބިފައިވާ މާސްޓާ ޕްލޭނަކަށް ހެދިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި ފެންނަނީ އެހެން މަންޒަރެކެވެ. މާސްޓާ ޕްލޭނަކާއި ނުލައި ކުރިން މަޝްވަރާ ކުރެވިފައިނުވާ ބޮޑެތި މަޝްރޫއުތަކެއް ފައްޓަވާ، އިއުލާނު ކުރައްވާ މަންޒަރެވެ. ޓޫރިޒަމްގެ ބޮޑެތި ޕްރޮޖެކްޓްތަކުގެ އިތުރުން އިންޓާނޭޝަނަލް އެއާޕޯޓުތަކުގެ އިތުރުން ބަންކަރިން ފަދަ މަޝްރޫއުތައް ފެށުމަށް އެގްރީމެންޓުގައި ވަނީ ސޮއިކޮށްފަ އެވެ.

ނަމަވެސް، ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތަށް ބަލާނަމަ މިއީ މާސްޓާ ޕްލޭނެއް ހެދުމަކާ ނުލައި މިފަދަ ބޮޑެތި މަޝްރޫއުތައް ފެށުމަށް އެންމެ ރަނގަޅު ދަނޑިވަޅުތޯ ސުވާލު އުފެދެ އެވެ.

ފައިސާ އިސްރާފުވާ ބައެއް މަޝްރޫއުތަކުގެ މިސާލުތައް

ކޮންމެ ސަރުކާރަކުން ވެސް ބޮޑެތި ހަރަދުތައްކޮށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފަށަ އެވެ. ނަމަވެސް، ފަސް އަހަރުގެ ދައުރު ނިމުމާއެކު ދެން ވެރިކަމާ ހަވާލުވަނީ މުޅިން ހިޔާލުތަފާތު ބައެކެވެ. ފަށައިގަނެ، ހަރަދުތައްކޮށްފައިވާ މަޝްރޫއުތައް ބަދަލުކޮށްލަނީ އެ ސަރުކާރެއްގެ އަމިއްލަ ޕްލޭނާއި އެއްގޮތަށެވެ. މިފަދަ އެތައް މަޝްރޫއުއެއް މި ކުޑަ ގައުމުން ވެސް ފާހަގަވާން އެބަހުއްޓެވެ.

މާލެ ވިޔަފާރި ބަނދަރު އެހެން ތަނަކަށް ބަދަލުކުރުން

މާލެ ވިޔަފާރި ބަނދަރު ބާރުބޮޑުވެ، އިތުރަށް ބޮޑު ކުރެވޭނެ ޖާގަ ނެތުމުގެ ސަބަބުން އެހެންތާކަށް ބަދަލުކުރާ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ. އޭރު ނިންމީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށެވެ.

ސަރުކާރު ބަދަލުވުމާއެކު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ ނިންމުން ބަދަލުކޮށް، ގުޅީފަޅުން ބިން ހިއްކައިގެން ވިޔަފާރި ބަނދަރު އެތަނަށް ބަދަލުކުރަން ނިންމި އެވެ. އަދި ވިޔަފާރި ބަނދަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދިޔަ އެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރު ގާއިމުކުރުމަށް ބޭނުންވާ ބިމުގެ ފުރަތަމަ ބައި 2020 ވަނަ އަހަރުގެ ތެރޭގައި ހިއްކައި ނިންމިއިރު، މިދިޔަ އަހަރުގެ މާޗުގައި ދެވަނަ ބައިގެ މަސައްކަތް ފެށި އެވެ. ދެވަނަ ފިޔަވައްސަށް އެކަނި ވެސް ދެ ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން ގުޅީފަޅު ހިއްކުމުގެ އިތުރުން ސީޕޯޓް ތަރައްގީ ކުރުމަށް 2023 ގެ ބަޖެޓުގައި 959.2 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. އަދި ގުޅީފަޅުގައި ވިޔަފާރި ބަނދަރު ގާއިމުކުރުން ބޭނުންވާ 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ކުރީ ސަރުކާރުން އިންޑިއާ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުން ހަމަޖެއްސި އެވެ.

ގުޅީފަޅުގައި ޕޯޓު އެޅުމުގެ ވިސްނުން ރައީސް މުއިއްޒުގެ ސަރުކާރުން ދޫކޮށްލިއިރު، އެ ޕްރޮޖެކްޓުގެ މަސައްކަތް އޮތީ ބީލަން ހުށަހަޅާ މަރުހަލާއާ ހަމައިގަ އެވެ. މިހާރު ވެސް އެތަނުގައި ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ބަނދަރު މަޝްރޫއަށް އިންޑިއާ އެގްޒިމް ބޭންކުން ހަމަޖެއްސި ފައިސާ އެހެނިހެން ޕްރޮޖެކްޓުތަކުގައި ބޭނުންކުރަން ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ކެންސަރު ހޮސްޕިޓަލު

ރައީސް ސޯލިހުގެ ސަރުކާރުގައި ލ. ގަމުގައި އިމާރާތްކުރަން ނިންމި ކެންސަރު ހޮސްޕިޓަލު މާލެ ސަރަހައްދަށް ބަދަލު ކުރަން މި ސަރުކާރުން ވަނީ ނިންމާފައިވާއިރު، ގަމުގައި ގާއިމު ކުރުމަށް ނިންމި ކެންސަރު ހޮސްޕިޓަލްގެ ދިރާސާތައް ވެސް ވަނީ ނިމިފަ އެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފައިސާ ވެސް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއު މާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވިސާމް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެގޮތުން ލ. އަތޮޅު ކަންސިލާއި ގަމު ކައުންސިލާ މަޝްވަރާނުކޮށް މިފަދަ ނިންމުމެއް ސަރުކާރުން ނިންމާފައި ވާތީ އެކަން ވެސް ވިސާމް ކުށްވެރި ކުރެއްވި އެވެ. އެއީ ރައްޔިތުންގެ އެއްވެސް ހިޔާލެއް އަދި މަޝްވަރާއެއް ހޯދަން ބޭނުން ނުވާ ކަމުގެ އަލިގަދަ ހެއްކެއްގެ ގޮތުގައި ވިސާމް ސިފަ ކުރެއްވި އެވެ.

ހައިވޭގެ ސޯލާ ޕެނަލްތައް

މާލެ އާއި ހުޅުމާލެއާ ދެމެދު އޮންނަ ސިނަމާލެ ބްރިޖުގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގައި އެހެން ތަނަކަށް ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އެ މަޝްރޫއުއަށް 170 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ އެވެ.

ރައީސް ވިދާޅުވީ ޕެނަލްތަކުގެ ސަބަބުން ބްރިޖު ސަރަހައްދުން ފެންނަ ރީތި މަންޒަރު ވެސް ގެއްލިފައިވާ ކަމަށެވެ. އަދި އިއާދަކުރަނިވި ހަކަތަ މުހިންމު ނަމަވެސް މިހާރު އެ މަސައްކަތް ގެންގޮސްފައިވާ ގޮތަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ އެ މަޝްރޫ ކުރިއަށް ގެންދަނީ ތައިލެންޑުގެ "އެންސިސް ކޯ" ކުންފުނިންނެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 11 މިލިއަން ޑޮލަރު ނުވަތަ 169 މިލިއަން ރުފިޔާ އެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ނިމި ގްރިޑާ ގުޅުމުގެ އެންމެ ފަހުގެ މަރުހަލާ މިހާރު ކުރިއަށްދާއިރު ޕެނަލްތައް އެހެން ތަނަކަށް ބަދަލުކުރުމަކީ ދައުލަތަށް ބޮޑު މާލީ ބުރައަކަށް ވާނެ ކަމަށް މިދިޔަ އަހަރު އޮކްޓޫބަރު 31، ގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފައިވެ އެވެ.

އެ މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެއީ ދިވެހި ރުފިޔާއިން ކަރަންޓު ޔުނިޓަކަށް އެއް ރުފިޔާ 68 ލާރި އެވެ. އެސްޕަޔާ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިން ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ.

އެ މަޝްރޫއު ނިމުމުން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ އެވެ.

ޕްލޭނެއް ނެތި ވަސީލަތްތައްކުގެ ރަނގަޅު ބޭނުން ނުހިފޭ

ދުނިޔޭގެ ނިސްބަތަށް ބަލާނަމަ ރާއްޖެއަކީ ކުޑަ ވަސީލަތްތައް މަދު ގައުމެކެވެ. އެންމެ ރަނގަޅު އަދި ފައިދާކުރަނިވި ގޮތުގައި އެ ވަސީލަތްތައް ބޭނުންކުރުން މުހިންމު ވަނީ އެ ސަބަބާހުރެ އެވެ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ މާސްޓާ ޕްލޭނެއް އަދާކުރާ ދައުރަކީ ވެސް އެއީ އެވެ.

ރާއްޖޭގެ ހާލަތު ދިރާސާކޮށް އޮކްޓޯބަރު، 2023، ގައި ވޯލްޑް ބޭންކުން ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް، ބެޓެން ޑައުން ދަ ހެޖަސް" ގައި ވެސް ވަނީ ރާއްޖެއިން އުމްރާނީ ތަރައްގީއަށް ހަރަދުކުރުމުގެ ކުރިން ރަނގަޅަށް ދިރާސާކޮށް ދެމެހެއްޓެނިވި ޕްލޭން ނަހަދާކަން ފާހަގަކޮށްފަ އެވެ.

ރާއްޖެއިން ރަނގަޅުކުރަން ޖެހޭ ކަންތައްތަކުގެ ގޮތުގައި ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނެނީ:

  • އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުމުގެ ކުރިން އެންމެ ބޮޑަށް އިސްކަންދޭންޖެހޭ މަޝްރޫއުތައް ދެނެގަތުން
  • މަޝްރޫއުތަކަށް ހިނގާ އަސްލު ހަރަދު ދެނެނުގަނެ އުމްރާނީ ތަރައްގީގެ ޕްލޭންތައް ފާސްކުރުން
  • ކުރިއަށް ގެންދާނެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހޮވުމުގައި ބަލާނެ ރަނގަޅު މިންގަނޑެއް ނެތުން
  • ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަޝްރޫއުތައް ނުހިންގުމާއި ހިންގުމުގެ ހަރަދު ބޮޑުވުން

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައި އަދި ރަށްރަށުގެ ތަރައްގީއަށް ރަނގަޅު ޕްލޭނެއް މުހިންމު ވަނީ، ވަސީލަތްތަކުގެ ބޭނުން ރަނގަޅަށް ހިފުމުގެ އިތުރުން ރައްޔިތުންގެ ހިޔާލާއެކު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށެވެ. މާސްޓާ ޕްލޭނެއްގައި އެންމެންގެ ހިޔާލާއި މަޝްވަރާ ނުހިމެނޭ ނަމަ، ވަސީލަތްތައް އިސްރާފުކުރެވޭ މިންވަރު އިތުރުވާނެ އެވެ.

އެންމެންގެ ހިޔާލު ހިމެނޭ އަދި ގާނޫނުން ބާރު ލިބިދޭ މާސްޓާ ޕްލޭނެއްގެ މުހިންމު ކަމުގެ ވާހަކަ މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި އެންމެ ގަދައަށް ދެއްކެވި އެއް ކެނޑިޑޭޓަކީ އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނެވެ.

"މި ރާއްޖެއަށް ބޭނުންވަނީ އެންމެ މަޝްވަރާކޮށްގެން ބައިވެރިވެގެން ތައްޔާރުކުރާ މާސްޓާ ޕްލޭނެއް. ކޮންމެވެސް ގާނޫނީ ބާރެއް ވެސް ލިބޭ ގޮތަށް. އެ ނޫން ނަމަ އަޅުގަނޑުމެންނަށް މި ފެންނަނީ ވަސީލަތްތައް އިސްރާފުކުރެވޭތަން، ފައިސާގެ ބޭނުން އެންމެ ރަނގަޅު ގޮތުގަ ނުހިފޭތަން،" މި ނޫހާ ވަހާކަ ދައްކަވަމުން ފާރިސް ވިދާޅުވި އެވެ.

މާސްޓާ ޕްލޭނެއްގެ ވާހަކަ އަދުގެ ސަރުކާރުން ދައްކައިފައި ވަނިކޮށް، ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލައި އެ ޕްލޭނުގައި ކަނޑައަޅާ މިންގަނޑުތަކުގެ ތެރޭގައި މަޝްރޫއުތައް ރާވައި ހިންގުމުގެ މަގުސަދުގައި ޑިމޮކްރެޓްސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަނީ "ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ބިލު" ގެ ނަމުގައި ބިލެއް ހުށަހަޅާފަ އެވެ.

ފެބުރުއަރީ 6، ގައި ފިރުޝާން ހުށަހެޅުއްވި ބިލުގައި ވަނީ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ހިންގާނެ ނިޒާމާއި، ކޮންމެ ސަރުކާރަކުން އެ ޕްލޭން ތަންފީޒުކުރަން އެކުލަވާލާ ފަސް އަހަރު ދައުރުގެ ޕްލޭނާ ގުޅޭ އުސޫލުތައް ހިމަނާފައިވެ އެވެ.

އެ ބިލުގައި ބުނާ ގޮތުން ކޮންމެ ސަރުކާރެއް ވެސް އިންތިހާބުވާތާ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި، އެ ސަރުކާރުގެ ގައުމީ ތަރައްގީގެ ސިޔާސަތު އެކުލަވާލައި ޝާއިއު ކުރަން ޖެހޭނެ އެވެ. އަދި އެ ސިޔާސަތުގައި، މިނިސްޓްރީތަކާއި، އިދާރާތަކާއި، ރަށްރަށުގެ ފެންވަރުގައި ހުރި ސިޔާސަތުތައް ހިމަނަން ޖެހެ އެވެ.

އެކުލަވާލެވޭ ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރަން، އެ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި ކުރާނެ ކަންކަމުގެ ޕްލޭނެއް ހަދަން ޖެހޭނެ ކަމަށާއި ރިޔާސީ އިންތިހާބަށް ފަހު، ނުވަ މަސް ދުވަހުގެ ތެރޭގައި އެ ޕްލޭން އެކުލަވާލަން ޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ.

"ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ބިލު" އާއި ގުޅޭ ގޮތުން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ފިރުޝާން ވިދާޅުވީ، ކޮންމެ ރިޔާސީ ދައުރަކާއެކު ސަރުކާރުގެ މުޅި ޕްލޭން ބަދަލުވާތީ ކަންބޮޑުވާންޖެހޭ ކަމަށެވެ. މީގެ ސަބަބުން ދައުލަތުގެ ފައިސާ ވަރަށް ބޮޑަށް އިސްރާފުކުރެވޭކަން ފާހަގަކުރެއްވި އެވެ.

މިކަމުގެ އެއް މިސާލުގެ ގޮތުގައި ގދ. ތިނަދޫ އަދި ގއ. ވިލިނގިލީގައި ތަރައްގީކުރަން އަދުގެ ސަރުކާރުން ނިންމާފައިވާ ދެ އިންޓަނޭޝަލް އެއާޕޯޓުގެ މަޝްރޫއު ފިރުޝާން ނެންގެވި އެވެ.

"ވަރަށް ފަހުން ރައީސް މުއިއްޒު ވަނީ ހުވަދު އަތޮޅަށް ވަޑައިގަނެ ދެ ތަނެއްގަ އިންޓަނޭޝަނަލް އެއާޕޯޓު އަޅަން، ކައިރީގަ ޖެހިގެން ޑޮމެސްޓިކް އެއާޕޯޓް އެބަހުރި. އެހެންވީމަ ވަރަށް ބައިވަރު ޕަބްލިކް ފިނޭންސް މި ވޭސްޓް ކުރެވެނީ ކޮންމެ ވެރިކަމެއް ބަދަލުވެގެން އެ ސަރުކާރެއްގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރަން،" ފިރުޝާން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ކޮންމެ ރާއްޖޭގައި ފަސް އަހަރަކުން ސަރުކާރު ބަދަލުވެ، ޕްލޭންތައް ބަދަލުކުރުމާއެކު ރައްޔިތުންނަށް ގެއްލުންވާ ކަމަށާއި ރާއްޖޭގައި އަތޮޅު، ރީޖަނަލް އަދި ނެޝަނަލް ލެވެލް ޕްލޭންތައް ހެދެންޖެހޭ ކަމަށް ފިރުޝާން ވެސް ފާހަގަކުރެއްވި އެވެ.

މި ހިނގާ ފެބްރުއަރީ 12، ގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހަޅަންހުރި ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ވަނީ ފޮނުވާފަ އެވެ. އެ ލިސްޓުގައި 24 ބިލެއް ހިމެނޭއިރު "އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމަންޓްގެ ބިލު" ގެ ނަމުގައި ވެސް ސަރުކާރުން ވަނީ ބިލެއް ހުށަހަޅާފަ އެވެ.

ނަމަވެސް، މި ބިލުގެ އިތުރު ތަފްސީލު އަދި މާސްޓާ ޕްލޭން ހެދުމަށް ސަރުކާރުން މިހާރު ކުރާ މަސައްކަތުގެ ތަފްސީލު ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވެ، ރާއްޖޭގެ ދަރަނި 124 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ރަނގަޅަށް ޕްލޭން ކުރެވިގެން ދެމެހެއްޓެނިވި ގޮތެއްގައި މަޝްރޫއުތައް ހިންގުން މުހިންމެވެ. އަދި ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ގައުމީ ތަރައްގީގެ ޕްލޭނެއް ވީ އެންމެ އަވަހަކަށް އެކުލަވައިލަން ޖެހެ އެވެ.