Advertisement

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ އިތުރަށް ދިގުކުރާނަން: ރައީސް

26 ފެބުރުވަރީ 2024 - 13:36 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރައީސް ހދ. ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ އިތުރަށް ދިގުކުރާނަން: ރައީސް

26 ފެބުރުވަރީ 2024 - 13:36 0

އުތުރުގެ އަތޮޅުތަކުގައި ފަތުރުވެރިން ކުރިއެރުވުމަށްޓައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ދިގުކުރަން ޖެހޭ ކަމަށާއި، މިހާރު ހަދަމުންދާ ރަންވޭ އެކަމަށް އެކަށީގެން ނުވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބޮޑުތިލަދުންމައްޗަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި މިއަދު ހދ. ހަނިމާދޫއަށް ވަޑައިގަނެ، ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު މިހާރު ތަރައްގީކުރަމުން އެދަނީ މަޝްރޫއުގެ އަގާއި ބަލާއިރު، މާ ކުޑަ ސްކޭލެއްގައި ކަމަށެވެ. އަދި އަސްލު އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ހިންގާ މަޝްރޫއެއް އެގޮތަށް ކުރިއަށް ގެންދަން ކުރީގެ ސަރުކާރުން ނިންމި ނިންމުމަށް އެމަނިކުފާނު ފާޑުވިދާޅުވި އެވެ.

"އެ އިންޓަނޭޝަނަލް އެއާޕޯޓުގަ ހުންނަން ޖެހޭ ކެޕޭސިޓީއަކަށް ނޫން އެ ހެދިގެން އެ ދަނީ. މި ޕްރޮޖެކްޓް ފޯމިއުލޭޓް ވެގެން އައި އިރުގަ ކުރީގެ ސަރުކާރުގަ ކޮން ވިސްނުމަކުން ކަމެއް ނޭނގެ ސްކޭލް ކުޑަކޮށް އެ މަސައްކަތް ފަށާފަ އެއޮތީ،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ބޮޑުތިލަދުންމައްޗަށް ގެންނަން ބޭނުންވާ 8،000 ޓޫރިސްޓް އެނދާއި އެހެނިހެން ސިނާއީ މަސައްކަތްތަކާއި ވިޔަފާރިތައް ގެނައުމަށް 2.4 ކިލޯމީޓަރުގެ ރަންވޭއަކުން ދަތިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ލޯނު ހަމަޖެއްސި ފަރާތާ ވާހަކަ ދައްކައިގެން ހަނިމާދޫ އެއާޕޯޓުގައި މިހާރު ހަދަމުންދާ ރަންވޭ ދިގުކުރުމަށް 700 މީޓަރު އިތުރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ މިކަމުގައި މި ލޯނު ހަމަޖެއްސި ފަރާތާ ވާހަކަ ދައްކައިގެން މިކަމަށް އެދެވޭ ހައްލެއް ގެނެވޭތޯ މަސައްކަތްކުރަން. މާނަ އަކީ ރަންވޭ ދިގުކޮށް އަދި އިތުރު 700 މީޓަރު އިތުރު ކުރެވޭތޯ މަސައްކަތް ކުރުން،" އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ ނިމުނު ބައި ރަސްމީކޮށް ބޭނުންކުރަން ފެށީ މިދިޔަ ޖެނުއަރީ 28، ގަ އެވެ.

އެ އެއާޕޯޓުގައި އަލަށް ތަރައްގީކުރަނީ 2،460 މީޓަރުގެ ރަންވޭ އެކެވެ. މިދިޔަ މަހު ހުޅުވާލީ އޭގެ ތެރެއިން 1،200 މީޓަރެވެ. އެ މަޝްރޫއު ނިމިގެންދާއިރު އެއާބަސް އޭ 320 އަދި ބޮއިންގް 737 ގެ ބޮޑެތި ބޯޓު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސޭނެ އެވެ. އަދި އަހަރަކު 1.3 މިލިއަން ޕެސެންޖަރުންނަށް ހިދުމަތްދެވޭ ފެންވަރުގެ އެއާޕޯޓު ޓާމިނަލަކާއި ފިއުލް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ އެވެ.