Advertisement

ލީގުގެ ކަޕްގެ ކާމިޔާބީ ކްލޮޕަށް "ވަރަށް ހާއްސަ"

26 ފެބުރުވަރީ 2024 - 10:18 0


ލީގުގެ ކަޕްގެ ކާމިޔާބީ ކްލޮޕަށް "ވަރަށް ހާއްސަ"

26 ފެބުރުވަރީ 2024 - 10:18 0

ލަންޑަން (ފެބްރުއަރީ 26) - އިނގިރޭސި ލީގު ކަޕްގައި ރޭ ޗެލްސީ 1-0 އިން ބަލިކޮށް ލިވަޕޫލް ޗެމްޕިއަންކަން ހޯދިއިރު، މިއީ ކެރިއަރުގައި ވަރަށް ހާއްސަ ކާމިޔާބެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް ލިވަޕޫލް ކާމިޔާބުކުރީ އިތުރު ވަގުތު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ކެޕްޓަން ވާޖިލް ވެން ޑައިކް ކާމިޔާބުކުރި ލަނޑުންނެވެ.

އަނިޔާގެ މައްސަލަތައް ދިމާވެފައިވާ ލިވަޕޫލުން ރޭގެ ފައިނަލަށް ނުކުތީ ޒުވާން ކުޅުންތެރިންތަކެއް ފުރަތަމަ 11ގައި ހިމަނައިގެންނެވެ. އަނިޔާގެ މައްސަލަތަކާ ގުޅިގެން މުހައްމަދު ސަލާހް، ޓްރެންޓް އެލެކްޒަންޑާ އާނޯލްޑް، ޑިއޯގޯ ޔޮޓާ، ޑާވިން ނޫނޭޒް، އެލިސަން ބެކާ، ޑޮމިނިކް ސޮބޯސްލާއި، ތިއާގޯ އަލްކަންޓާރާ އަދި ޖޮއެލް މަޓިޕް ރޭގެ މެޗުގައި ނުކުޅެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އަނިޔާވެގެން، ލިވަޕޫލުގެ ރަޔާން ގްރަވެންބާކް ބާލަން ޖެހުނީ، އަށިގަނޑުގަ އެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ފުރަތަމަ 11ގައި 20 އަހަރުގެ ކޯނާ ބްރެޑްލީ އާއި ހާވީ އެލިއަޓް ވަނީ ކުޅެފަ އެވެ. އަދި ބަދަލު ކުޅުންތެރިންގެ ގޮތުގައި ބޮބީ ކްލާކް ،19، އާއި ޖޭމްސް މެކްކޮނަލް ،19، ޖޭޑަން ޑޭންސް ،19، އަދި ޖަރެލް ކުއާނާޝް ،21، އަށް ކްލޮޕް ވަނީ ފުރުސަތު ދީފައެވެ.

ލިވަޕޫލްގެ ކޯޗުގެ ގޮތުގައި ހޭދަކޮށްފައިވާ ނުވަ އަހަރުގެ ތެރޭގައި ހޯދި ހަތް ވަނަ ތަށި "ވަރަށް ހާއްސަ" ވަނީ ފައިނަލަށް ނިކުތްއިރު ޓީމު އޮތް ހާލަތުން ކަމަށް ކްލޮޕް ބުންޏެވެ.

"މިއީ 20 އަހަރުގެ ތެރޭގައި އަހަންނަށް ލިބުނު އެންމެ ހާއްސަ ކާމިޔާބީ. ވަރަށް އާދަޔާ ހިލާފު ކާމިޔާބެއް މިއީ،" ކްލޮޕް ބުންޏެވެ. "މި ކާމިޔާބީގައި ބައިވެރިވި ހުރިހާ އެންމެންނާމެދު ފަހުރުވެރިވޭ. މިރޭ މިއީ ވަރަށް ބޮޑަށް ފަހުރުވެރިކަން އިހުސާސްކުރެވޭ ރެޔެއް."

މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗުކަމުން ވަކިވާނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. އެހެންކަމުން، ރޭގެ މެޗަކީ ވެމްބްލީގައި ކުޅޭ ފައިނަލަކަށް ކްލޮޕް ނިކުތް ފަހު ފަހަރަށްވެސް ވެދާނެ އެވެ.

އެކަމަކު ކްލޮޕް ބުނީ ރޭގެ މެޗުގައި މުހިންމީ އޭނާގެ "ލެގަސީ"އެއް ނޫން ކަމަށާއި މި ކާމިޔާބީއާއެކު ޒުވާން ކުޅުންތެރިންނަށް ލިބުނު އުފަލާމެދު އޭނާ މާ ހިތްހަމަޖެހޭ ކަމަށެވެ.