Advertisement

ފްލެޓު ލިބޭ މީހުން ކަނޑައަޅާނީ ގެދޮރުވެރިޔާއަށް ހުށަހެޅި ހުރިހާ ފޯމެއް އިވެލުއޭޓުކުރުމަށްފަހު: ހައިދަރު

26 ފެބުރުވަރީ 2024 - 14:35 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ހައިދަރު ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ފްލެޓު ލިބޭ މީހުން ކަނޑައަޅާނީ ގެދޮރުވެރިޔާއަށް ހުށަހެޅި ހުރިހާ ފޯމެއް އިވެލުއޭޓުކުރުމަށްފަހު: ހައިދަރު

26 ފެބުރުވަރީ 2024 - 14:35 1

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ފްލެޓު ލިބޭ 4000 މީހުންގެ ލިސްޓު މި ސަރުކާރުން އިއުލާނު ކުރާނީ އެ ސްކީމަށް ހުށަހެޅި ހުރިހާ ފޯމެއް ބެލުމަށްފަހު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ދޫކުރާ 4000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ތަހުގީގު ކުރުމަށްފަހު އޭސީސީން ވަނީ އޭގެތެރެއިން 59 ޕަސެންޓު މީހުންގެ ޝަރުތު ހަމަނުވާ ކަމަށް ބުނެފަ އެވެ. އަދި ޝަރުތު ހަމަވި ނަމަވެސް މައްސަލަ އުޅޭ 19.7 މީހުންނަށް ފުލެޓު ދީފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މިމަހު 13، ގައި މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ހައުސިން މިނިސްޓަރު، އަލީ ހައިދަރު ހާޒިރު ކުރުމުން ވިދާޅުވީ 4000 މީހުންގެ ފުލެޓު ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް އޭސީސީން ނިންމި 20 ޕަސެންޓު މީހުންނަށް މިދިޔަ ހަފުތާގައި ފުލެޓުތައް ދޫކުރަން ފަށާނެ ކަމަށެވެ.

ނަމަވެސް ފުލެޓު ދޫކުރުމުގެ މަސައްކަތް ނުފަށައި އޮއްވައި ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލު ކުރެވޭ ގޮތަށް މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ "އަހާ" ފޯރަމްގައި ރައީސް މުއިއްޒު ވަނީ ފުލެޓުތަކަށް ކުރިމަތިލީ މީހުންގެ ލިސްޓު ރިވިއު ކުރަން މިނިވަން ކޮމެޓީއެއް އެކުލަވައިލާނެ ކަމަށް ވިދާޅުވެފަ އެވެ.

ގެދޮރުވެރިޔާ ފުލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މިނިސްޓަރު ހައިދަރުއާ ސުވާލު ކުރުމުން "އަދަދު" އަށް ވިދާޅުވީ ފުލެޓަށް ޝަރުތު ހަމަވާ ކަމަށް އޭސީސީން ކަނޑައެޅި މީހުންނަށް ފުލެޓު ހަވާލު ކުރުމުގެ ކަންކަން ލަސްވަނީ ރައީސް ވިދާޅުވި ކޮމެޓީ އެކުލަވައިލުމުގެ މަސައްކަތާ ގުޅިގެން ކަމަށެވެ.

"މިހާރު މި ލަސްވަނީ، ރައީސް ވިދާޅުވިއެއްނޫންތޯ ކޮމެޓީއެއް އެކުލަވައިލާ ވާހަކަ، އެކަންތަކާ ހެދި އިނގޭތޯ؟،" ހައިދަރު ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ އެ ކޮމެޓީ އެކުލަވައިލުމަށްފަހު ފުލެޓަށް ކުރިމަތިލި ހުރިހާ އެންމެންގެ ފޯމުތައް ވެސް ބަލައި އިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެއަށްފަހު ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އިއުލާނު ކުރާނެ ކަމަށެވެ.

"އޭސީސީގެ ރިކޮމެންޑޭޝަންސްއާ އެކީގައި އަޅުގަނޑުމެން ހަމަ އިވެލުއޭޓު ކޮށްފައި ކޮމެޓީން ނިންމާނީ އިނގޭތޯ؟،" ހައިދަރު ވިދާޅުވި އެވެ.

"އާދެ، 4000 އެއް ކަނޑައެޅޭނީ އާދެ ހުރިހާ އެއްޗެއް ބަލާނެނޫންތޯ؟، މިހާރު ބަޔަކު ޑިސްކޮލިފައި ވާކަމަށް އަޅުގަނޑުމެންނަށް ފެންނަންޏާ، ކުރިން ކަނޑައަޅާފައި އޮތް 4000 އިން ބަޔަކު ބާކީވަންޏާ އަނެއްކޮޅުން، ބަޔަކު ވަންނާނެ އޭގެތެރެއަށް."

މިދިޔަ ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމަށް އެދި ހުށަހެޅި މީހުން ގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓު ދޭން ނިންމައިފަ އެވެ. ފުލެޓުތަކަށް އެދި ހުށަހެޅި 20،697 މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަވި އެވެ.

ޝަރުތު ހަމަވި މީހުންގެ ތެރެއިން ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންގެ ގޮތުގައި މިދިޔަ ސަރުކާރުން ކަނޑައެޅީ ތިން ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އަކަށް ވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނާއި ދެ ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެިން 73 އަކަށްށްވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނަށެވެ.

ފްލެޓު ލިބޭ މީހުންގެ މައްސަލަތައް އޭސީސީން ބަލާފައި ވަނީ ގޯސްކޮށް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އަދި ފްލެޓު ލިސްޓަށް ބަދަލު ގެންނަން އުޅެނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.

ގެދޮރުވެރިޔާ ފުލެޓަށް އެދި ހުށަހެޅި ހުރިހާ އެންމެންގެ ފޯމުތައް އިވެލުއޭޓު ކުރާން ކަމަށް ހައުސިން މިނިސްޓަރު ވިދާޅުފައިވާއިރު، ފްލެޓާއި ގޯތި ލިބޭނެ ކަމަށް ކުރީ ސަރުކާރުން ނިންމައި ގެޒެޓުކޮށްފައިވާ ލިސްޓުގައި ހިމެނޭ އެންމެނަށް ފްލެެޓާއި ގޯތި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

"ރަސްމީކޮށް ގެެޒެޓްކޮށްފައި އޮވެއްޖެއްޔާ އެމީހާއަށް އެއޮތީ [ފްލެޓް ނުވަތަ ގޯތި] ލިބިފައި. އަދި ލިޔުން ނުލިބިވެސް ހުރެދާނެ ބައެއް ފަރާތްތަކަށް، ރަޖިސްޓްރީ ނުހެދި ވެސް ހުރެދާނެ. އެއީ އަދި އެހެން ކަމެއް، އެެހެންވީމާ ފައިނަލް ލިސްޓެއް ގެޒެޓްކުރެވިފައި އޮވެއްޖެއްޔާ އެއޮތީ ސަރުކާރުގެ ނިންމުމެއް. ދެން ސަރުކާރުގެ ނިންމުމެއް އޮވެއްޖެއްޔާ ލިބޭނެ،" ޑިސެމްބަރު 5، ގައި ރައީސް ވިދާޅުވި އެވެ.